ސަތޭކަ ޕަސެންޓް އިސްލާމީ ގައުމެއްގައި އިސްކަން ދޭންޖެހޭނީ ގުރުއާން ކިޔަވަން ހިތްވަރު ދިނުމަށް: ރައީސް

ދިވެހި ދަރީންނަކީ ކީރިތި ގުރުއާން ކިޔެވުމަކީ ފަހުރެއްގެ ގޮތުގައި ދެކި ކީރިތި ގުރުއާން ކިޔަވަން ބޭނުންވާ ކުދިންނަށް ވުމަށް އެދޭކަމުގައި ރައީސް ވިދާޅުވި

ގުރުއާން ކިޔެވުމުގެ 37 ގައުމީ މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި ރައީސް ވާހަކަފުޅުދައްކަވަނީ. --ފޮޓޯ: ރައީސް އޮފީސް

ސައްތައިން ސައްތަ އިސްލާމީ ގައުމެއްގައި އެންމެ އިސްކަން ދޭންޖެހޭނީ ކީރިތި ގުރުއާން ކިޔެވުމަށް ހިތްވަރު ދިނުމަށާއި ބާރު އެޅުމުގެ އިތުރުން އެ ދާއިރާއިން ކުރިއަށް ދިއުމަށް ހުރިހާ މަގުތަކެއް ފަހިކޮށްދިނުމަށް ކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ގުރުއާން ކިޔެވުމުގެ 37 ގައުމީ މުބާރާތް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، މި ސަރުކާރުން މި މުބާރާތަށް ހާއްސަ އިސްކަންދިނުމަށް ނިންމީ ދިވެހި ދަރިން ތަރުބިއްޔަތުކޮށް، ބައްޓަންކުރުމުގެ ބޭނުމުގައި ކަމަށެވެ.

އަދި މި މުބާރާތަކީ ރާއްޖޭގެ އެންމެހާ ކިޔަވާ ކުދިން ކުރިއަށްއޮތް ދުވަސްތަކުގައި ވަރަށް ގަދައަޅާ، ފޯރީގައި، ވަރަށް ރަނގަޅަށް ތައްޔާރުވެގެން، ގިނަ ފަރާތްތަކެއް ބައިވެރިވުމާއެކު ވަނަތައް ހޯދުމަށް މަސައްކަތް ކުރާނެ މުބާރާތަކަށް ވެގެންދާނެކަމަށް އުންމީދުކުރައްވާކަން އެ މަނިކުފާނު ހާމަކުރެއްވި އެވެ.

ދިވެހި ދަރީންނަކީ ކީރިތި ގުރުއާން ކިޔެވުމަކީ ފަހުރެއްގެ ގޮތުގައި ދެކި ކީރިތި ގުރުއާން ކިޔަވަން ބޭނުންވާ ކުދިންނަށް ވުމަށް އެދޭކަމުގައި ރައީސް ވިދާޅުވި އެވެ. އަދި މި އާއެކު އާންމު ރައްޔިތުންނާއި މުޅި މުޖުތަމައުގެ ބައިވެރިވުމާއެކު މި މަގުސަދު ހާސިލު ކުރުމަށް އެކަތިގަނޑަކަށް ވެގެން މަސައްކަތް ކުރުމަށް އެ މަނިކުފާނު އިލްތިމާސްކުރެއްވި އެވެ.

ކީރިތި ގުރްއާން ކިޔެވުމަށާއި ހިތުދަސްކުރުމަށާއި އަދި ކީރިތި ގުރްއާނުގެ ޢިލްމު ދިވެހި އިސްލާމީ އުންމަތުގައި ފެތުރުއްވުމަށާއި ހިދުމަތްކުރެއްވުމަށް ސަރުކާރުން ދޭ ހާއްސަ އިސްކަމާއެކު، މި މުބާރާތަށް ވަރަށް މުހިންމު ބަދަލުތަކެއް ވަނީ ގެނެސްފަ އެވެ. 

އެގޮތުން މިއަހަރުން ފެށިގެން މުޅި މުބާރާތުން 1ވަނަ ހޯދާ ފަރާތްތަކަށް ހާއްސަ އިނާމުތަކެއް ދިނުމަށާއި، މުބާރާތުގެ އެހެން ވަނަތަކަށް ދޭ އިނާމުވެސް އިތުރު ކުރެއްވުމަށް ރައީސް މިދިޔަ މަހު ނިންމެވި ނިންމެވުމާ އެއްގޮތަށް މިއަދު މިވަނީ މި މުބާރާތަކީ ސަރުކާރުން އެންމެ އިސްކަމެއްދޭ، ރާއްޖޭގައި ބާއްވާ އެންމެ ފަހުރުވެރި މުބާރާތަށް ހަދައިފަ އެވެ.

ސެޕްޓެންބަރު 18ވަނަ ދުވަހުރޭ ރަސްމީކޮށް އިފުތިތާހުކުރެވުނު މި މުބާރާތުގެ ކިޔެވުން ބޭއްވުނީ ސެޕްޓެންބަރު މަހު 19އިން ފެށިގެން 26 ވަނަ ދުވަހުގެރޭގެ ނިޔަލަށް، ސަލްމާނު ރަސްގެފާނު މިސްކިތުގެ ދެ ފަންގިފިލާއެއްގައި، އެއްފަހަރާ ދެ ގޮފީގެ ކިޔެވުމަށް އިންސާފުކުރެވޭ އުސޫލޫންނެވެ. 

އަތޮޅު ކައުންސިލްތަކާއި ސިޓީ، ސްކޫލުތަކުގެ އިތުރަށް، ކްލަބު ޖަމްއިއްޔާތަކާއި، ގުރްއާންކުލާސްތަކާއި ކޮލެޖް/ޔުނިވާސިޓީތަކުގެ ގޮތުގައި 119 މުއައްސަސާއަކުން ޖުމުލަ 1023 ބައިވެރިން މުބާރާތުގައި ކިޔަވައިފައި ވެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.