މެލޭޝިއާ އެއާލައިންސްއަކީ ޓާމިނަލް 1 އިން ހިދުމަތް ދޭން ފެށި 10 ވަނަ އެއާލައިނެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އާ ފަސިންޖަރު ޓާމިނަލް, ޓާމިނަލް 1 އިން މެލޭޝިއާ އެއާލައިންސް އަށް ހިދުމަތް ދޭން ފަށައިފި އެވެ.
ޓާމިނަލް 1 އިން މެލޭޝިއާ އެއާލައިންސް އަށް ހިދުމަތް ދޭން ފެށުން ފާހަގަކުރުމަށް މިއަދު ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވައިފައެވެ. ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އައިލެންޑް އޭވިއޭޝަން ސާވިސަސްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އިޔާސް އެވެ.
ރަސްމިއްޔާތުގައި މެލޭޝިއާ އެއާލައިންސް މާލޭގެ ސްޓޭޝަން ހެޑް އަހުމަދު ހަނަމް ފާއިޒު އާއި އެމްއޭސީއެލް އާއި މެލޭޝިއާ އެއާލައިންސްގެ އިސްވެރިންނާއި އޮފިޝަލުން ބައިވެރިވެވަޑައިގެންނެވި އެވެ.
އިއްޔެގެ ރަސްމިއްޔާތުގައި މެލޭޝިއާ އެއާލައިންސް އިން ޗެކިން ކައުންޓަރުތައް ރަސްމީކޮށް ހުޅުވައި, އެ ފްލައިޓުން ދަތުރުކުރި 170 ފަސިންޖަރުންނަށް ވަނީ ހަދިޔާ ދީފަ އެވެ.
އަދި ޓާމިނަލް 1 އަށް ކައިރި ކުރި މެލޭޝިއާ އެއާލައިންސްގެ ފުރަތަމަ މަތިންދާބޯޓު، MH485އަށް މަރުހަބާ ކިއުމުގެ ގޮތުން ހާއްސަ ވޯޓާ ސެލިއުޓެއް އަރުވައި, އެ ފްލައިޓުން ރާއްޖެ އައި 172 ފަސިންޖަރުންނަށް ވަނީ ސަގާފީ ހަރަކާތްތަކާއެކު ހޫނު މަރުހަބާއެއް ކިޔައިފަ އެވެ.
މެލޭޝިއާ އެއާލައިންސްއަކީ ޓާމިނަލް 1 އިން ހިދުމަތް ދޭން ފެށި 10 ވަނަ އެއާލައިނެވެ. ޓާމިނަލް 1 އިން މިހާރު ހިދުމަތް ދޭ އެއާލައިންތަކަކީ މޯލްޑިވިއަން, އެއާ އަރަބިއާ, ބިއޯންޑް, ފިޓްސް އެއާ, ބެއިޖިންގް ކެޕިޓަލް އެއާލައިންސް, ބަޓިކް އެއާ, ބެންކޮކް އެއާވޭސް, އިންޑިގޯ, ގަލްފް އެއާ އަދި މެލޭޝިއާ އެއާލައިންސް އެވެ.
އެމްއޭސީއެލްގެ އަމާޒަކީ ރާއްޖެއަށް ދަތުރުކުރާ ހުރިހާ އެއާލައިނަކަށްވެސް އެންމެ ފުރިހަމަ އަދި އެންމެ މަތީ ފަންތީގެ ހިދުމަތެއް ފޯރުކޮށްދިނުމެވެ.