ދަރިވަރުން ކޭމްޕަށް ދިއުމަށް ތަނެއް ހަމަޖައްސާފައި ވަނީ ކްރޮސްރޯޑުގަ އެވެ. އެތަން ހުޅުއްވައި ދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.
މާލެ ސަރަހައްދުގައި ކިޔަވާ ދަރިވަރުން ކޭމްޕަށް ދާނެ ސަރަހައްދެއް، 15 އަހަރު ފަހުން މިއަދު ހުޅުވައިފި އެވެ.
ދަރިވަރުން ކޭމްޕަށް ދިއުމަށް ތަނެއް ހަމަޖައްސާފައި ވަނީ ކްރޮސްރޯޑުގަ އެވެ. އެތަން ހުޅުއްވައި ދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު ވިދާޅުވީ، މާލެ ސަރަހައްދުގެ ދަރިވަރުންނަށް ކޭމްޕިން ގްރައުންޑެއް ނެތި 15 އަހަރު ވެފައިވާ ކަމަށެވެ. އެހެން އެކަން އޮތްއިރު، ދަރިވަރުންނަށް އެކި ހުނަރުތަކާއި ގާބިލުކަން ލިބިފައިވާކަން ކަށަވަރުކުރުމަށް، ކެޑޭޓާއި ސްކައުޓާއި ގާލްގައިޑަކީ މުހިންމު ހަރަކާތްތައް ކަމަށް ރައީސް ގަބޫލުކުރައްވާ ކަމަށް ވެސް ވިދާޅުވި އެވެ.
"މި ކޭމްޕިން ގްރައުންޑަކީ ތައުލީމީ އެކިއެކި ހަރަކާތްތައް ވެސް ހިންގާނެ ގްރައުންޑެއް ގޮތުގައި އޮންނާނެ. އަބަދު ކެޑޭޓު، އަބަދު ސްކައުޓް ނުވަތަ ގާލްގައިޑް ކޭމްޕުގައި ނުތިއްބަވާނެ،" މިނިސްޓަރު ވިދާޅުވި އެވެ.
ކޭމްޕިން ގްރައުންޑްގެ ގޮތުގައި ހުޅުވި ތިން ހެކްޓަރުގެ އެ ސަރަހައްދުގައި މިސްކިތަކާއި ފަސްޓް އެއިޑް ކޮޓަރިއަކާއި އެޑްމިން އޮފީހެއްގެ އިތުރުން ކޮޓަރިތައް ހުރެ އެވެ. މިނިސްޓަރު ވިދާޅުވީ އެތަނަކީ ކޭމްޕް ދިއުމަށް އެކަށޭނަ ތަނެއް ކަމަށެވެ.
އެ ތަނަށް، ދަރިވަރުން ތިމާވެއްޓާ ގުޅޭ ގޮތުން ދިރާސާތައް ހެދުމަށާއި ފިޝަރީސް ސައިންސް ދަތުރުތަކަށް ވެސް ދެވޭނެކަން ފާހަގަކުރައްވާފައިވެ އެވެ. އަދި، ހަފުތާ ބަންދުތަކުގައި ބެލެނިވެރިން ދަރިވަރުން ގޮވައިގެން އައިސް، އެ މާހައުލުން އުނގަންނައި ދިނުމަށް ބޭނުންވާ ކަންކަން އުނގަންނައި ދިނުމާއި، އެކިއެކި އިވެންޓްތަކަށް އެ ސަރަހައްދު ބޭނުން ކުރެވޭނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.