"އަޅުގަނޑުމެން ގަސްތުކުރަނީ އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން އެކި މާއްދާތައް ކިޔެވުމަށް ބޭނުންވާ އުކުޅުތަކާއި އެކަމުގެ ފަންނީ ގާބިލުކަން މަތިކުރުމަށްޓަކައި ދޭންޖެހޭ ޓްރޭނިން މި މުއްދަތުގެ ތެރޭގައި ދިނުން،" މިނިސްޓަރު ވިދާޅުވި އެވެ.
އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން ކިޔަވައިދިނުމަށް ޓީޗަރުން ތަމްރީނު ކުރުމުގެ ކެމްޕޭނެއް އަންނަ އަހަރު ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވެއްޖެ އެވެ.
ކްރޮސްރޯޑުގައި މިއަދު ޕްރިންސިޕަލުންގެ ކޮންދަރެންސް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ރަގަޅު ފެންވަރުގެ ތައުލީމު ފޯރުކޮށްދެވޭނީ ޓީޗަރުންގެ ފެންވަރު މަތިކޮށްގެން ކަމަށެވެ. އެކަމަށް ކުރާ މަސައްކަތްތަކުގެ ތެރޭގައި ޓީޗަރުންގެ ވޯލްލައިފް ބެލެންސް ކުރުމަށް ގިނަ މަސައްކަތަކެއް ކުރެވިއްޖެ ކަމަށެވެ.
އަދި، ޓީޗަރުންގެ ޕްރޮފެޝަނަލް ޑިވެލޮޕްމެންޓަށް ވެސް ސަރުކާރުން ބޮޑު އިސްކަމެއް ދެމުންދާކަން ފާހަގަކުރެއްވި އެވެ. އެގޮތުން، އަންނަ އަހަރު އޭއައި ދާއިރާއިން ޓީޗަރުން ތަމްރީނު ކުރުމަށް ފަށާ ކެމްޕޭނަށް، ރޯދަ މަހު އެކަށީގެންވާ މުއްދަތު ވެސް ހިމަނާފައިވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"އަޅުގަނޑުމެން ގަސްތުކުރަނީ އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން އެކި މާއްދާތައް ކިޔެވުމަށް ބޭނުންވާ އުކުޅުތަކާއި އެކަމުގެ ފަންނީ ގާބިލުކަން މަތިކުރުމަށްޓަކައި ދޭންޖެހޭ ޓްރޭނިން މި މުއްދަތުގެ ތެރޭގައި ދިނުން،" މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ފަންނީ ގޮތުން މުދައްރިސުންގެ ގާބިލުކަން އިތުރުކުރެވޭ މިންވަރަކަށް، ދިރިއުޅުމާ ދޭތެރޭގައްޔާއި ގައުމާ ދޭތެރޭ އަދި ދުނިޔޭގައި ހިނގާ ކަންތައްތަކާ ދޭތެރޭ ވިސްނާ ފިކުރުކުރާ "ކިއުރިއަސް މައިންޑްސް" ތަކެއް އުފެދިގެންދާނެ ކަމަށެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެން ރާއްޖެ ތަރައްގީ ކުރުގެ ވާހަކަ ވިދާޅުވަމުންދާއިރު، އެންމެ މުހިންމު އިސްކަމެއް ދެއްވި ކަމަކީ ސިކުނޑިތައް ތަރައްގީކުރުން ކަމަށާއި، ތައުލީމީ ނިޒާމުގައި ދިރިއުޅުމަށް ކުއްޖަކު ތައްޔާރުކުރާއިރު ފޯކަސް ކުރަން ޖެހޭ ކަމަކީ ވިސްނާ ފިކުރު ކުރާ ކުއްޖަކު ބިނާކުރުމަށް މަސައްކަތް ކުރުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"އެހެންނޫނީ އަޅުގަނޑުމެންނަށް ތައުލީމީ ނިޒާމު ވަށައިޖެހޭ ތައުލީމީ ނިޒާމަކަށް ބަދަލެއް ނުވެއް ކުރެވޭނެ. ވިސްނާ ފިކުރުކުރާ ކުދިންތަކެއް، ޒުވާނުންތަކެއް އުފެދިގެން ހަގީގަތުގައި އަޅުގަނޑުމެންގެ މުޅި ގައުމު އުނގެނުމުގެ މަތީގައި ދެމިތިބޭ ގައުމެއްގެ ގޮތުގައި ތިބޭނީ،" މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ އެކަމަށްޓަކައި ކަރިކިއުލަމްއަށް ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށާއި، އެ ބަދަލުތައް ދެނެގަނެ، މެޕިންގެ މަސައްކަތް ނިމިފައިވާ ކަމަށެވެ. އަންނަ އަހަރު ކޮންޓެންޓް ރިވިއުގެ ބޮޑު މަސައްކަތްތަކެއް ފެށުމަށް ހަމަޖެހިފައިވާކަން ވެސް ފާހަގަކުރެއްވި އެވެ.
"އެހެން ނޫނީ މަދުރަސާ ނިންމާފައި، ސްކޫލު މަރުހަލާ ނިންމާފައި މާ އުފެއްދުންތެރި، މާ އޮއްޓަރު ހުރި ކަންތައްތަކުގައި ނޫޅެވި އަޅުގަނޑުމެންގެ ޒުވާނުންނަށް އުޅެންޖެހިފައި [ތިބެންޖެހިދާނެ]،" މިނިސްޓަރު ވިދާޅުވި އެވެ.
މި ކޮންފަރެންސް ފައްޓަވައިދެއްވާފައި ވަނީ ރައީސް މުއިއްޒެވެ. މިނިސްޓަރު ވިދާޅުވެފައި ވަނީ މި ކޮންފަރެންސްގެ ކުރިން ޓީޗަރުންނާ ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފައިވާނެ ކަމަށެވެ. ޓީޗަރުން ފާހަގަކުރި ކަންކަމަށް ރިއާޔަތްކޮށް ކޮންފަރެންސްގައި ސިޔާސަތުތަކެއް ކަނޑައެޅިގެން ދާނެ ކަމަށް ވެސް ވިދާޅުވި އެވެ.