އޮޅުހިޔާގެ ހާލަތު ދަށްވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން: އާޒިމް

"ސަރުކާރުން، ކެޓްޝެލްޓާ އަތުލިތާ އަހަރަކަށް ވުރެ ގިނަ ދުވަސްވެފައި ވާއިރު، ކެޓް ޝެލްޓާ ގެ ހާލަތު މިހައި ދެރަ ހާލަތަކަށްވެއްޓިފައި ހުރުމަކީ، އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫން،" އާޒިމް ވިދާޅުވި އެވެ.

މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް، ފޮޓޯ:މިރާ

މާލޭގައި އުޅޭ ބުޅާތައް ބެލެހެއްޓުމަށް ގާއިމްކޮށްފައިވާ ކެޓް ޝެލްޓާ، އޮޅުހިޔާއަށް ގެންދިޔަ ބުޅާތަކަށް ބައްޔެއް ޖެހި މަރުވަމުންދާތީ މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

އޮޅުހިޔާ މޮނީޓާކުރަމުންދާ ބައެއް ޖަމިއްޔާތަކުން ނެރުނު ރިޕޯޓެއްގައި ބުނެފައި ވަނީ މިދިޔަ 20 ދުވަހުގެ ތެރޭގައި 51 ބުޅާ މަރުވެފައިވާ ކަމަށެވެ. ބުޅަލުގެ އެކި ބަލިތައް އެތަނުގައި ފެތުރެމުންދާއިރު، މައިކޮޕްލާސްމާ ބަލި އާންމު ކަމަށް އެ ރިޕޯޓުގައިވެ އެވެ.

އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި އާޒިމް ރޭ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އޮޅު ހިޔާއަކީ މާލޭގައި އުޅޭ ބުޅާތަކުގެ ސަބަބުން އާންމު ރައްޔިތުންނަށް ދިމާވަމުންދާ އުނދަގޫތަކާއި އަދި ބުޅާތައް ވެސް، ރައްކާތެރި މާހައުލެއްގައި ގާއިމްކުރުމަށްޓަކައި ހެދި ތަނެއް ކަމަށެވެ. 

ކައުންސިލުން ގާއިމްކުރި އެތަން އެނިމަލް ވެލްފެއާ މިނިސްޓްރީން އެދިގެން ހަވާލުކޮށްފައިވާކަން ފާހަގަކޮށް އާޒިމް ވިދާޅުވީ، ބުޅާތަކަށް މިހާރު އެތަނުގައި ރައްކާތެރި މާހައުލެއް ނެތްކަން ޖަނަވާރުތަކަށް ރައްކާތެރިކަން ހޯދައި ދިނުމަށް މަސައްކަތް ކުރާ ޖަމިއްޔާތަކުގެ ރިޕޯޓުން އެނގޭ ކަމަށެވެ. އަދި އެކަމާ ވަރަށް ކަންބޮޑުވާ ކަމަށް ވެސް ވިދާޅުވި އެވެ.

"ސަރުކާރުން، ކެޓްޝެލްޓާ އަތުލިތާ އަހަރަކަށް ވުރެ ގިނަ ދުވަސްވެފައި ވާއިރު، ކެޓް ޝެލްޓާ ގެ ހާލަތު މިހައި ދެރަ ހާލަތަކަށްވެއްޓިފައި ހުރުމަކީ، އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫން،" އާޒިމް ވިދާޅުވި އެވެ.

އާޒިމް ވަނީ އޮޅުހިޔާގެ ހާލަތު ރަގަޅުކޮށް، އެ ތަން ހެދި ހަގީގީ މަގުސަދުތައް ހާސިލްކުރެވޭ ގޮތަށް، އެތަނުގެ އެންމެހައި ކަންކަން އިންތިޒާމު ކޮށްދިނުމަށް މިނިސްޓްރީއަށާއި ދައުލަތުގެ ކަމާގުޅުން ހުރި މުއައްސަސާތަކަށް ގޮވާލައްވާފަ އެވެ.

ޖަމިއްޔާތަކުން ނެރުނު ރިޕޯޓްގައިވާ ގޮތުން މިދިޔަ މަހުގެ 15 ވަނަ ދުވަހާ ހަމައަށް އޮޅުހިޔާގައި 127 ބުޅާ ގެންގުޅުނުއިރު އެފަހުން އަށް ބުޅާ އެތަނަށް ގެންދިޔަ އެވެ. ނަމަވެސް، މިވަގުތު އެތަނުގައި އޮތީ 84 ބުޅާކަން ވަނީ ފާހަގަކޮށްފަ އެވެ.

މިދިޔަ މޭ މަހު ރައްޔިތުންގެ މަޖިލީހަށް މައުލޫމާތު ދެއްވަމުން އެނިމަލް ވެލްފެއާ މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ ވިދާޅުވެފައި އޮޅުހިޔާއަށް އަހަރަކު 10.8 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށެވެ. އަދި ފެސިލިޓީގެ ޖުމްލަ ބަޖެޓުން ބުޅަލަކަށް އަހަރަކު 5،416 ރުފިޔާ ހަރަދުވާނެ ކަމަށް ވިދާޅުވެފައިވެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.