މިހާތަނަށް ސޯޝަލް ހައުސިންގެ 12،000 އެއްހާ ފްލެޓު އަޅާފައިވެ އެވެ. އެކަމަކު މީގެ ގިނަ ތަންތަން ލިބިފައިވަނީ ބޯހިޔާވަހިކަމަށް އެންމެ ބޭނުން މީހުންނަށްތޯ މިވަނީ ސުވާލު އުފެދިފަ އެވެ. މިކަން އެނގެނީ ފްލެޓު ދޫކުރާތަނުން ކުއްޔަށް ދޭން ޖަހާތީ އެވ
ރާއްޖޭގައި މިހާރު މޫލާފައިވާ ހުރިހާ މައްސަތަކުގެ "މަންމަ" އަކީ ބޯހިޔާވަހިކަން ކަން އެނގެ އެވެ. ގައުމުގެ އިޖުތިމާއީ ފޭރާން ވީދިގެން ދިއުމުގައި ވެސް މި މައްސަލަ މުހިންމު ދައުރެއް ކުޅެ އެވެ. އެެއް ތަންކޮޅެއްގައި ދަތިކޮށް ލިބޭ އާމްދަނީގެ ބޮޑުބައި ކުއްޔަށް ދައްކައިގެން އުޅެން ޖެހުމުގެ ނަތީޖާއަކީ އާއިލީ މައްސަލައިގެ ފުންޏަކަށް ރާއްޖެވުމެވެ. މިހުރިހާ މައްސަލައެއްގެ ލުއިވެސް ގޮސް ޖެހެނީ ބޯހިޔާވަހިކަމުގަ އެވެ. އެކަމަށް ހައްލު ހޯދަން މިދިޔަ ތިން ސަރުކާރުން ވެސް ފްލެޓު އެޅި އެވެ. އިޖުތިމާއީ ބޯހިޔާވަހިކަމަށ ފްލެޓު ދިނެވެ. ނަމަވެސް ފްލެޓް ދޫކުރުމާ ހިސާބުން ފެށިގެން އަންނަ ނާއިންސާފާއި ބޭއިންސާފު ގޮސް ހުއްޓެނީ އެ ފްލެޓު ކުއްޔަށް ދޭ ހިސާބުގަ އެވެ. ފްލެޓު ދިނުން ބޭއިންސާފުވުމުގެ ނަތީޖާއަކީ އެ ފްލެޓު ހައްގު ނޫން ބަޔަކަށް ލިބުމެވެ. މިކަމުގެ ނަތީޖާއަކީ ފްލެޓު ދޭއިރަށް އެތަން ކުއްޔަށް ދިނުމެވެ.
އެންމެފަހުން ދޫކުރި ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) ގެ ފްލެޓުތައްވެސް ހަމަ ހަވާލު ކުރަން ފެށުމާއެކު ފްލެޓު ކުއްކަށް ދޭ ސައިޓުތަކުން މިވަނީ އެ ފްލެޓުތައް ފެންނަން ފަށާފަ އެވެ. ގާތްގަނޑަކަށް މަހު ކުލީގެ ގޮތުގައި 8،000ރ. އެންމެ ބޮޑުކޮށް ދައްކަން ޖެހޭ ފްލެޓު ކުއްޔަށް ދޭން ޖަހާފަ ހުރީ 25،000ރ. އަށެވެ. 17،000 ގެ ފައިދާއެއްގައި ފްލެޓު ދޫކުރަން ލިބުނު މީހުން ޖަހާފައިވާއިރު، މިއީ މިކަން އޮންނަން ޖެހޭ ގޮތް ހެއްޔެވެ؟
މި ބޭއިންސާފުން ސަލާމަތްވާނީ ކޮން ދުވަހުން ހެއްޔެވެ؟ އެއް ބަޔަކު ކުޑަ ތަންކޮޅެއްގައި ބޯހިޔާވަހިކަން ނެތިން ނަގަ ތެޅެނީ އެވެ. އަނެއް ބަޔަކު ފްލެޓު ލިބޭތަނުން އެ ކުއްޔަށް ދެނީ އެވެ.
"ކުރިން ހިޔާ ފްލެޓު ދިނީމަ ބައެއް މީހުން މިހާރު ވެސް އެތަން ހުރީ ކުއްޔަށް ދީފަ. މިހާރު އަނެއްކާ ފްލެޓު ލިބުނު މީހުން ވެސް އެ ދެނީ. ފްލެޓު ނުލިބިގެން އުޅުނުއިރު ހީވަނީ އެހެންކަމެއްހެން. ނުދީގެން ނުވަދިފަ އޭ ކިޔައި ހަޅޭލަވާ. ދިނީމަ އެތަނަށް ނުވަދެ ކުއްޔަށް އެ ދިނީ. މިއީ ވަރަށް ބޭ އިންސާފެއް،" ފަހިދިރިއުޅުން ފްލެޓެއް ކުއްޔަށް ދޭން ޖެހި ހަބަރަށް އާއްމު މީހަކު ކުރި ކޮމެންޓެއްގައި ބުނެފައިވެ އެވެ.
މިއީ ހަގީގަތެވެ. ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ކުރަން ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި 1997 ވަނަ ހުޅުލެއާ އިންވެގެން އޮތް ފަރަކުން ހުޅުމާލެ ހިއްކުމުގެ މަޝްރޫއު ފެށުނެވެ. އަދި 2002 ހުޅުމާލޭގެ ފޭސް އެއްކެ ގެ ބިން ހިއްކުން ނިންމާލި މައިގަނޑު ސަބަބަކީ މާލޭގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދައި ދިނުމެވެ. ހާއްސަކޮށް މާލޭގެ ރައްޔިތުންގެ ބޯހިޔާވަހިކަން ހައްލު ގެނެސް ދިނުމެވެ. އެމަނިކުފާނުގެ ވެރިކަމުގައި 2003 އިން 2004 ވަނަ އަހަރު ސަރުކާރުން ނޭޝަނަލް ހައުސިން ފައިނޭންސް ސްކީމެއް ގާއިމުކުރުމުގެ ޕައިލޮޓް ޕްރޮޖެކްޓެއް ހިންގެވި އެވެ. އޭގެފަހުން މިއަދަށް 18 އަހަރުވީއިރު ވެސް މާލޭގެ ރައްޔިތުންގެ ބޯހިޔާވަހިކަމުގެ މައްސަލަ އަށް ހަލު ލިބިފައެއް ނެތެވެ. އަދި ނުވިތާކަށް މައްސަލަ އިތުރަށް ގޯސްވެ، ބޯހިޔާވަހިކަމުގައި ވަނީ އިންތިހާށް ނާއިންސާފު އާއްމުވެފަ އެވެ. އެ ދުވަހުން ފެށިގެން މި އަދަދާ ހަމައަށްވެސް މި މައްސަލަ އޮތީ މިގޮތުގަ އެވެ.
ގައިމު މިވީހާ ދުވަހު ފްލެޓު އަޅައި ރަނގަޅަށް ދިންނަމަ މި މައްސަލައަށް ލުއި ލިބޭހާ ފްލެޓު އަޅައިފި އެވެ. މިކަން އެނގެނީ ތަފާސް ހިސާބުތަކުންނެވެ. ހުޅުމާލެ ފޭސް އެކަކަށް އެކަނި ބަލާނަމަ 2004 އާއި 2017 އާ ދެމެދު 2,592 ހައުސިން ޔުނިޓް (ފްލެޓް) އަޅާފައިވެ އެވެ.
# ރައީސް މުހައްމަދު ނަޝީދު އާއި ރައީސް ވަހީދު ސަރުކާރުގެ ސަރުކާރު (2008-2012): މާލެ ސަރަހައްދުގައި 3,000 އަށްވުރެ ގިނަ ހައުސިން ޔުނިޓް އެޅުމަށް ވައުދުވެވި އެވެ. އަދި މީގެތެރޭން 1,000 ވަރަކަށް ޔުނިޓް ނިންމާފައިވެ އެވެ.
# ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރު (2013-2018): 15,000 އަށްވުރެ ގިނަ ހައުސިން ޔުނިޓްގެ ވައުދުވި އެވެ. އަދި މީގެތެރޭން 7,000 ޔުނިޓްގެ މަސައްކަތް ނިންމި އެވެ. މިއީ މަޝްހޫރު ހިޔާ ފްލެޓު މަޝްރޫއެވެ.
# ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރު (2018-2023): ގޯތިގެދޮރުގެ މައްސަލަ ހައްލުކުރުމަށް 20,000 ހައުސިން އަޅަން ނިންމި އެވެ، ގުޅީފަޅާއި ގިރާވަރު ފަޅު ފަޅުން ނުހިއްކައި ގޯތި ދިނެވެ. އެވެރިކަމުގައި ހިންގި ބޯހާވަހިކަމުގެ މަޝްރޫއުގެ ތެރޭގައި އެފްޑީސީން މިހާރު ހަވާލުކުރަމުން އެ ގެންދަނީ 4,000 ފްލެޓް (ގޭދޮރުވެރިޔާ ސްކީމް) ގެ ފްލެޓުތައް ވެސް ހިމެނެ އެވެ.
އެކި ވެރިކަންތަކުގައި އެޅި ފްލެޓުގެ އަދަދަށް ބަލާއިރު ޖުމްލަ 12،000 އަށްވުރެ ގިނަ އިޖުތިމާއީ ބޯހިޔާވަހިކަމުގެ ފްލެޓު ނިމިފައިވާނެ އެވެ. ނަމަވެސް މި މައްސަލައަށް ހައްލު ލިބުމުގެ ކޮޅު މައްޗެއް ނުފެނެ އެވެ. މީގެ މައިގަނޑު ސަބަބަކީ ފްލެޓު ދިނުމުގައި އޮންނަ ބޭއިންސާފު އިންތިހާއަށް ބޮޑުވުމެވެ. މީގެ ނަތީޖާއަކީ ފްލެޓު ދިން ނަމަވެސް އެ ފްލެޓުގެ ބޭނުން ލިބޭ މީހާއަށް ނެތުމެވެ. ފްލެޓު ލިބޭ ގިނަ މީހުންނަކީ ގެދޮރު ހުރި ބޯހިޔާވަހިކަމުގެ ލިސްޓަށްވުރެ މަތީގެ ބަޔަކަށްވުމެވެ. އެހެންވެ ރާއްޖޭގެ އާބާދީގެ 40 ޕަސެންޓަށްވުރެ ބޮޑުގައި ދިރިއުޅޭ މާލެ ކުޑަ މާލެ ސަރަހައްދުގައި (މާލެ، ހުޅުމާލެ، ވިލިނގިލި) ގައި ގިނަ ބަޔަކު އުޅެމުން ދަނީ ދަތީގަ އެވެ. ތަފާސް ހިސާބުތަކަށް ބަލާއިރު މާލެ ސަަރަހައްދުގައި އުޅޭ މީހުންގެ 74 ޕަސެންޓް އަދިވެސް އުޅެމުން ދަނީ މިއަަދުވެސް މާދަމާވެސް ނުކުންނަ އަމުރު އަތުވެދާނެ ފަދަ ހާލަތެއްގައި ހުރި ކުލީކޮޅަތިތަކާއި އެޕާޓްމަންޓްތަކުގަ އެވެ.
ބޯހިޔާވަހިކަން ހައްލު ކުރަން ސަރުކާރުން ބޮޑު ލޯނު ނަގައި ފްލެޓު ދިންނަމަވެސް މައްސަލަ ހައްލެއް ނުވެ އެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ފްލެޓަށް ވަންނަ މީހުން ސަރުކާރަށް ފައިސާ ދައްކަމުން ނުދިމެވެ. އަދި ފްލެޓު ލިބޭ މީހުން އެ ފްލެޓު ހޯދައި އެ ދެނީ ކުއްޔަށެވެ. ތަފާސް ހިސާބުތައް ދައްކާ ގޮތުން ސަރުކާރުން ކުއްޔަށް ދޫކޮށްފައިވާ 8,511 ޔުނިޓުގެ ތެރެއިން 5,000 އަށް ވުރެ ގިނަ ފްލެޓްގެ ކުލި ނުދައްކަ އެވެ. ނުދައްކާ ހުރި ކުލި ބިލިއަނަކާ ގާތް ކުރެެ އެވެ.
ފްލެޓު ދެނީ ބޯހިޔާވަހިކަން ހައްލު ކުރާށެވެ. އެކަމަކު މި ފެންނަނީ އެކަން ނުވާތަނެވެ. ފްލެޓު ލިބެނީ އެ އެންމެ ބޭނުން މީހުންނަށްތޯ މިވަނީ ސުވާލު ކުރަން ޖެހިފަ އެވެ. ފްލެޓު ލިބުމަށްފަހު ފްލެޓަކީ ފައިސާ ހޯދަން ލިބޭ ރިއަލްއެސްޓޭޓް ޕްރޮޑަކްޓަކަށް ވެގެން ނުވާނެ އެވެ. އެތަން ކުއްޔަށް ދެވިގެން ނުވާނެ އެވެ.