އެމްޑީޕީގެ ތިން ވަޒީރަކު އޭސީސީއަށް ހާޒިރުކުރުމަކީ ސިޔާސީ ރޭވުމެއް: ސޯލިހު

ކުރީގެ މި ތިން ވަޒީރުން ތަހުގީގަކަށް ހާޒިރުވާން އަންގާފައި ވަނީ ދައުލަތުގެ މުއައްސަސާތަކުގެ މުސްތަގިއްލުކަން ގެއްލުވާލާފައިވާ ދަނޑިވަޅެއްގައި ކަމަށް އެ މަނިކުފާނު ވިދާޅުވި

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު "ވަންގަވް" އިފްތިތާހުކޮށްދެއްވަނީ -- ފޮޓޯ: ރައީސް އޮފީސް

ކޮރަޕްޝަންގެ ތަހުގީގަށް ކަމަށް ބުނެ، މިދިޔަ އެމްޑީޕީގެ ސަރުކާރުގެ ތިން ވަޒީރަކު އޭސީސީއަށް ހާޒިރުކުރަނީ ސިޔާސީ ރޭވުމެއްގެ ތެރެއިން ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތުހުމަތު ކުރައްވައިފި އެވެ. 

އޭސީސީން ކުރަމުންދާ ތަހުގީގަކަށް އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް އާއި ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ހާޒިރުވާން އަންގާފައިވާކަމަށް އެ ދެ ބޭފުޅުން ވަނީ ވިދާޅުވެފަ އެވެ. 

ނަމަވެސް، ސޯލިހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ފައްޔާޒާއި އަމީރުގެ އިތުރުން އޭރުގެ އެޑިޔުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވެސް އޭސީސީއަށް ހާޒިރުވާން އަންގާފައިވާ ކަމަށެވެ. 

އަދި ކުރީގެ މި ތިން ވަޒީރުން ތަހުގީގަކަށް ހާޒިރުވާން އަންގާފައި ވަނީ ދައުލަތުގެ މުއައްސަސާތަކުގެ މުސްތަގިއްލުކަން ގެއްލުވާލާފައިވާ ދަނޑިވަޅެއްގައި ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ. 

"ރާއްޖޭގެ ސިޔާސީ މަޝްރަހުގައި މިވަގުތު މިހިނގާ އިންސާފުން އެއްކިބާވެފައިވާ ކަންކަމަކީ ރައްޔިތުންގެ އަޑު ކަނޑުވާލައި އިދިކޮޅު ސިޔާސީ ފަރާތްތައް ފަހަތަށް ޖެއްސުމަށް ރޭވިގެން ހިންގާ ވަރަށް ނުރަނގަޅު ކަންކަން،" ސޯލިހު ވިދާޅުވި އެވެ.

"މާޒީގައި މިކަން ހިނގައިދިޔަ ގޮތް އަޅުގަނޑުމެންނަށް އެބަ އެނގޭ. އިންސާފުން އެއްކިބާވެފައިވާ ތަޚުޤީޤުތަކާއި، ސިޔާސީ ހުކުންތަކުން މުޅި ޤައުމު ކިލަނބުވާނެ. މިފަދަ ކަންކަމުން ދުރުވެ، އިންސާފާއި، ހަމަހަމަކަމާއި ގާނޫނުގެ ވެރިކަން އިސްކުރުމަށް ދައުލަތުގެ ވެރިންނަށް އިލްތިމާސް ކުރަން."

ފައްޔާޒަށް ތުހުމަތުކުރަނީ 2019 ވަނަ އަހަރު ބޭއްވި ޑިސްޕިއުޓް ރިސޮލިއުޝަން ކޮމެޓީގައި އޭނާ ބައިވެރިވެފައިވަނީ އެ ކޮމެޓީގެ މެމްބަރެއްގެ ހައިސިއްޔަތުން ލިބިފައިވާ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކޮށްގެން، ސްވިފްޓް އިންޖިނިއަރިން ކުންފުންޏަށް އެކަށީގެން ނުވާ ބަދަލެއް ދީ، އެ ކުންފުންޏަށް ލިބެން ނުޖެހޭ މަންފާއެއް ހޯދައިދިނުމަށް ކަމަށެވެ.

ސްވިފްޓް އިންޖިނިއަރިން އަކީ ތިނަދޫ އުތުރު ދާއިރާގެ ޕީއެންސީ މެމްބަރު ސައުދުﷲ ހިލްމީގެ ކުންފުންޏެވެ.

ފައްޔާޒް އޭސީސީއަށް ހާޒިރުވާން އަންގާފައިވަނީ އަންނަ ހޯމަ ދުވަހުގެ ހެނދުނު 9:30 އަށެވެ.

އަމީރު "އެކްސް" ގައި ވިދާޅުވީ، އޭސީސީ އަށް ހާޒިރުވާން އޭނާ އަށް އެންގީ އަންނަ އާދިއްތަ ދުވަހުގެ މެންދުރު 2:30 އަށް ކަމަށެވެ.

ނަމަވެސް، އެއީ ސްވިފްޓް ކުންފުންޏާ ގުޅޭ ތަހުގީގަށް ކަމެއް އަމީރު ވިދާޅުވެފައެއް ނުވެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.