އެ ކޮމެޓީގެ މެމްބަރެއްގެ ހައިސިއްޔަތުން ލިބިފައިވާ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކޮށްގެން، ސްވިފްޓް އިންޖިނިއަރިން ކުންފުންޏަށް އެކަށީގެން ނުވާ ބަދަލެއް ދީ، އެ ކުންފުންޏަށް ލިބެން ނުޖެހޭ މަންފާއެއް ހޯދައިދިނުމަށް ކަމަށެވެ.
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ކުރަމުންދާ ތަހުގީގަކަށް އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް އާއި ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ހާޒިރުވާން އަންގައިފި އެވެ.
ފައްޔާޒަށް ތުހުމަތުކުރަނީ 2019 ވަނަ އަހަރު ބޭއްވި ޑިސްޕިއުޓް ރިސޮލިއުޝަން ކޮމެޓީގައި އޭނާ ބައިވެރިވެފައިވަނީ އެ ކޮމެޓީގެ މެމްބަރެއްގެ ހައިސިއްޔަތުން ލިބިފައިވާ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކޮށްގެން، ސްވިފްޓް އިންޖިނިއަރިން ކުންފުންޏަށް އެކަށީގެން ނުވާ ބަދަލެއް ދީ، އެ ކުންފުންޏަށް ލިބެން ނުޖެހޭ މަންފާއެއް ހޯދައިދިނުމަށް ކަމަށެވެ.
ސްވިފްޓް އިންޖިނިއަރިން އަކީ ތިނަދޫ އުތުރު ދާއިރާގެ ޕީއެންސީ މެމްބަރު ސައުދުﷲ ހިލްމީގެ ކުންފުންޏެވެ.
ފައްޔާޒް އޭސީސީއަށް ހާޒިރުވާން އަންގާފައިވަނީ އަންނަ ހޯމަ ދުވަހުގެ ހެނދުނު 9:30 އަށެވެ.
ފައްޔާޒްގެ އިތުރުން އަމީރު ވެސް އޭސީސީއަށް ހާޒިރުވާން ވަނީ އަންގައިފަ އެވެ.
އަމީރު "އެކްސް" ގައި ވިދާޅުވީ، އޭސީސީ އަށް ހާޒިރުވާން އޭނާ އަށް އެންގީ އަންނަ އާދިއްތަ ދުވަހުގެ މެންދުރު 2:30 އަށް ކަމަށެވެ.
ނަމަވެސް، އެއީ ސްވިފްޓް ކުންފުންޏާ ގުޅޭ ތަހުގީގަށް ކަމެއް އަމީރު ވިދާޅުވެފައެއް ނުވެ އެވެ.
އެ ބަދަލު ދިފާއުކޮށް، ސައުދުﷲ ރޭ ވިދާޅުވީ، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ސްވިފްޓް އިންޖިނިއަރިން އަށް ބަދަލުގެ ގޮތުގައި ފައިސާ ނުދީ، އެ އަގުގެ މަޝްރޫއުތަކެއް ދީފައި ވުމަކީ ދައުލަތަށް ލިބުނު ބޮޑު ފައިދާއެއް ކަމަށެވެ.
އޭނާ ވިދާޅުވީ ސްވިފްޓުން ހިންގަމުން ދިޔަ ހަ މަޝްރޫއެއް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ގާނޫނާއި ގަވާއިދާ ހިލާފަށް ހުއްޓުވައި ވަކިކުރި ކަމަށެވެ. އަދި އެ މަޝްރޫއުތައް އަތުލުމުން އެ ކުންފުންޏަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް މިދިޔަ އެމްޑީޕީގެ ސަރުކާރުގެ ސެޓްލްމަންޓް ކޮމިޓީ އަށް އޭނާ ހާޒިރުކުރުމުން، ފައިސާ އިން ބަދަލު ނުދީ، ވަކިކުރި ޕްރޮޖެކްޓުތަކާ އެއް އަގުގެ އެހެން ޕްރޮޖެކްޓުތައް ހަވާލު ކޮށްދިނުމަށް އެދިވަޑައިގެންނެވި ކަމަށް ވިދާޅުވި އެވެ.