ދެން އަންނަ ހައްޖު މޫސުމުގައި ހައްޖަށް ފޮނުވާ 50 ފަގީރުންގެ މެދުގައި ގުރުއަތު ނަގާފައި ވަނީ މިއަދު އިސްލާމީ މަރުކަޒުގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.
ރިޔާސީ ފުރަތަމަ ދައުރުގައި 1،000 ފަގީރުން ހައްޖަށް ފޮނުއްވާނެކަން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ. އެ ވައުދާ އެއްގޮތަށް މީހުން ހައްޖަށް ފޮނުވަން ފަށާވައި ވަނީ 2024 ވަނަ އަހަރުގެ ހައްޖު މޫސުމުގަ އެވެ.
ދެން އަންނަ ހައްޖު މޫސުމުގައި ހައްޖަށް ފޮނުވާ 50 ފަގީރުންގެ މެދުގައި ގުރުއަތު ނަގާފައި ވަނީ މިއަދު އިސްލާމީ މަރުކަޒުގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ. އޭގެ އިތުރުން އެއްވެސް ހާލަތެއް ދިމާވެގެން މީހަކު އުނިވެއްޖެނަމަ، ފުރުސަތުދޭނެ 25 މީހުންވެސް ވަނީ ހޮވާފަ އެވެ.
ސަރުކާރުގެ ހަރަދުގައި ހައްޖަށް ދާނެ މީހުން ކަނޑައެޅުމަށް ގުރުއަތު ނަގާފައިވަނީ ރާއްޖޭގެ ޒަކާތު ހައުސްގެ ފަގީރުންގެ ދަފްތަރަށް ބަލައިގެންނެވެ. އިސްލާމިކް މިނިސްޓްރީން ބުނީ މި ދަފްތަރަކީ 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ޒަކާތު ހައުސްއިން ރިވިއުކޮށްފައިވާ ދަފްތަރެއް ކަމަށެވެ.
ފަގީރުންގެ ލިސްޓުގައި މިވަގުތު ފަރުޟު ހައްޖު އަދާނުކޮށް ތިބީ 376 މީހުންނެވެ. ރައީސްގެ މި ދައުރުގެ ތެރޭގައި ފަގީރުންގެ ދަފްތަރުގައި ހިމެނޭ ހައްޖު ނުކުރާ އެންމެން ހައްޖަށް ފޮނުވާނެ ކަމަށް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވަނީ ކުރިން ވިދާޅުވެފަ އެވެ.
ކަލަންޑަރުން ދައްކާ ގޮތުގައި މިހިނގާ 1447 ވަނަ އަހަރުގެ ހައްޖު ދުވަހަކީ މޭ 26، 2026 އެވެ.