ބޭރުގެ އޮޑިޓް ފާމްތައް ހިންގާނަމަ ދިވެހިންގެ %25 ހިއްސާ ބާއްވަން ލާޒިމްކޮށްފި

މިހާރު ރާއްޖޭގެ އެކައުންޓިން އަދި އޮޑިޓިންގައި ހަރަކާތްތެރިވާ ބޭރުގެ ކުންފުނިތަކަށް 100 ޕަސެންޓް ފޮރިން ކުންފުނިތަކެވެ. ނަމަވެސް އާ ބަދަލާއެކު ދިވެހިން ބައިވެރި ކުރަން ލާޒިމްވެ އެވެ. މި ބަދަލު އެއް އަހަރުތެރޭ ގެންނަން ޖެހެ އެވެ.

ސިއޭ މޯލްޑިވްސް އިން ބޭއްވި އޮޑިޓާސް ފޯރަމްގައި ދިވެހި ބައެއް އޮޑިޓަރުން

ރާއްޖޭގައި ހަރަކާތްތެރިވާ ބޭރުގެ އޮޑިޓް އަދި އެކައުންޓިން ފާމްތަކުގައި ދިވެހިންގެ %25 އޮންނަން ޖެހޭގޮތަށް ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް (އެފްޑީއައި) އުސޫލު ބަދަލުކޮށްފި އެވެ. 

ރާއްޖޭގެ އާ ފޮރިން އިންވެސްޓްމަންޓް އާ ގާނޫނުގެ ދަށުން ދިވެހިރާއްޖޭގައި ބޭރުގެ އިންވެސްޓަރުންނަށް އިންވެސްޓްކުރެވޭނެ ދާއިރާތަކާއި އިންވެސްޓްނުކުރެވޭނެ ދާއިރާތަކާއި ވަކި ޝަރުޠުތަކަކާއެކު އިންވެސްޓުކުރެވޭނޭ ދާއިރާތައް (ފޮރިން އިންވެސްޓްމަންޓް އެންޓްރީ ރިކުއާމަންޓްސް)ތައް އިއްޔެ އިއުލާނުކޮށްފައިވާއިރު އެންމެ ފާހަގަ ކުރެވޭ އެއް ބަދަލަކީ ރާއްޖޭގައި ހަރަކާތްތެރިވާ ބޭރުގެ އޮޑިޓްފާމްތައް ހަރަކާތްތެރިވާން ގެނެސްފައިވާ ބަދަލެވެ. 

ރާއްޖޭގައި ތިބި ބޭރުގެ ބައެއް އޮޑިޓް ފާމްތައް

  •  އާނަސްޓް އެންޑް ޔަންގް (ވީވައި)
  •  ކޭޕީއެމްޖީ
  •  ޕީޑަބްލިއުސީ

މި ބަދަލާއެކު މިހާރު 100 ޕަސެންޓް ބޭރު މީހުން ހާއްސަކޮށް އަވަށްޓެރި ސްރީލަންކާ މީހުންގެ ހިއްސާއާއެކު ފޮރިން އިންވެސްޓްމަންޓުގެ ގޮތުގައި ހަރަކާތްތެރިވާ އޮޑިޓް ކުންފުނިތަކުގައި ދިވެހިންގެ ހިއްސާ ހިމަނަން ލާޒިމްކޮށްފައިވެ އެވެ. މިގޮތުން ރާއްޖޭގައި އޮޑިޓިން އަދި އެކައުންޓިން ވިޔަފާރީއެއް ކުރާނަމަ އެ ކުންފުންޏެއްގައި ދިވެހިންގެ 25 ޕަސެންޓް ހިއްސާ އޮންނަން ޖެހެ އެވެ. މި ބަދަލު ގެނެސްފައިވަނީ ރާއްޖޭގެ އެކައުންޓިން އަދި އޮޑިޓިން ދާއިރާގައި ހަރަކާތެރިވާ އިންސްޓިޓިއުޓް އޮފް ޗާޓަރޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސް (ސީއޭމޯލްޑިވްސް) އާވެސް މަޝްވަރާކޮށް ލަފާގެ މަތިންނެވެ. "މިރާ" އަށް އެނގިފައިވާ ގޮތުގައި މި ދާއިރާގެ ޕްރޮފެޝަނަލުން އެދުނީ މިއަށްވުރެވެސް ހިއްސާ މަތި ކުރުމަށެވެ. 

އެއް އަހަރުތެރޭ މި ބަދަލު ގެންނަން ޖެހޭ

މި ބަދަލު ގެންނަން އޮޑިޓް އަދި އެކައުންޓިންގައި ހަރަކާތެރިވާ ބޭރުގެ ކުންފުނިތަކަށް އެއް އަހަރުގެ ޓްރާންސިޝަން ވަގުތެއް ލިބޭނެ އެވެ. 

އިންވެސްޓްމޯލްޑިވްސްގެ ސީއީއޯ ނޫހާ މުޙައްމަދު ރިޒާ ވިދާޅުވި ގޮތުގައި މި ބަދަލާއެކު ޖެނެރަލް ސޭލްސް އެޖެންޓުންނާއި
ކާގޯ ސޭލްސް އެޖެންޓުން އަދި ޕެސެންޖަރު ސޭލްސް އެޖެންޓުގެ ދާއިރާއެއްކޮށް ބިދޭސީންނަށް އެއް އަހަރުތެރޭ ބަންދުވާނެ އެވެ.

"މީގެ މާނައަކީ މި ހިދުމަތްތައް ދޭން އެ ފަރާތްތައް ނޫޅެވޭނެއޭ. އެކަމަކު އެކައުންޓިން އޮޑިޓިން ދާއިރާއެއްކޮށް ބަންދެއް ނުވޭ. ނަމަވެސް ދެން އޮޕަރޭޓް ކުރެވޭނީ ދިވެހިންނަށް 25 ޕަސެންޓް ހިއްސާއެއް އޮންނަ ގޮތަށް،" ނުހާ ވިދާޅުވި އެވެ. 

ދިވެހިންނަށް ފުރުސަތު އިތުރުވާނެ

އިންސްޓިޓިއުޓް އޮފް ޗާޓަރޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސްގެ މައުލޫމާތުތަކަށް ބަލާއިރު ދިވެހިރާއްޖޭގެ އޮޑިޓް ފާމުތަކުގައި މަސައްކަތްކުރާ ބިދޭސީ އެކައުންޓެންޓުންގެ އަދަދު 4,000 އަށްވުރެ މައްޗެވެ. ސަރުކާރުން ވަނީ ދިވެހި ޗާޓަޑް އެކައުންޓެންޓުން އުފެއްދުމަށްޓަކައި ސްކޮލަރޝިޕް ޕްރޮގްރާމްތަކެއް ވެސް ފަށާފައެވެ.މި ދާއިރާގެ ވަޒީފާތަކުގެ %50 އަކީ ދިވެހިންނަށް ހާއްސަ ކުރެވޭނެ ގޮތަށް ގަވާއިދުތައް ހެދުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.