ބައްސާމް ހަތަރު އަހަރަށް ޖަލަށްލާން ހުކުމް ކޮށްފި

ބައްސާމް ވަނީ އޭނާގެ އަދަބު ލުއިކޮށްދިނުމަށް ނުވަތަ ޖަލު ހުކުމް އެހެން އަދަބަކަށް ބަދަލުކޮށްދިނުމަށް އެދިފަ އެވެ. ނަމަވެސް ގާޒީ ނިންމެވީ އަދަބު ލުއި ނުކުރުމަށެވެ.

އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް -- ފޮޓޯ: މިހާރު

ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ފައިސާއަށް ހިޔާނާތްތެރިވެފައިވާ ކަމުގެ ތުހުމަތުގައި ދައުވާ ކޮށްފައިވާ، އެ އެސޯސިއޭޝަންގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ ހަތަރު އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން މިއަދު ހުކުމް ކޮށްފި އެވެ.

ބައްސާމްގެ މައްޗަށް ހިޔާނާތުގެ ދައުވާ އުފުލާފައި ވަނީ 2018 ވަނަ އަހަރު އެފްއޭއެމްއަށް ޑޮލަރު ގަންނަން ކަމަށް ބުނެ އޭނާގެ އެކައުންޓަށް 9،999 ޑޮލަރު ޖަމާކުރުމަށްފަހު އެ ފައިސާއަށްވާ ދިވެހި ރުފިޔާ އެފްއޭއެމްއަށް ފޯރުކޮށްދީފައިނުވާ މައްސަލައިގަ އެވެ. ދައުވާގައި ބުނެފައި ވަނީަ އެ ފައިސާގެ ތެރެއިން 2،000 ޑޮލަރު ބޭނުންކޮށްގެން އޭނާ އެއިރު ދިރިއުޅެޅުމް ދިޔަ ރެހެންދި ފުލެޓުގެ ކުލި ދައްކާފައިވާ ކަމަށެވެ.

މި މައްސަލާގައި ބައްސާމްގެ މައްޗަށް ކުރަނީ ހިޔާނާތުގެ ދައުވާ އާއި މަނީލޯންޑްރިންގެ ދައުވާ އެވެ. ދައުވާތަކަށް ބައްސާމް ވަނީ އިންކާރު ކޮށްފަ އެވެ. މިއަދު ހުކުމް އިއްވާފައި ވަނީ ހިޔާނާތުގެ ދައުވާގެ ހުކުމް އެކަންޏެވެ. މަނީ ލޯންޑަރިންގެ ދައުވާއަށް ހުކުމް ކުރާނީ އެހެން ދުވަހެއްގަ އެވެ.

ހިޔާނާތުގެ ދައުވާއަށް ގާނޫނުގައި ކަނޑައަޅާފައި ވަނީ އެއް އަހަރާއި ހަތް މަހުގެ ޖަލު އަދަބެކެވެ. ނަމަވެސް މި ދައުވާއާ ގުޅިގެން ބައްސާމާ ދެކޮޅަށް ދައުލަތުން ހުށަހަޅާފައިވާ ފައިނޭންޝަލް އެސެސްމެންޓް ރިޕޯޓުގައި، ބައްސާމަށް ފުރައިގެ ގޮތުގައި ލިބޭ އަދަދަށްވުރެ ބޮޑު އަދަދެއްގެ ފައިސާ އޭނާގެ އެކައުންޓަށް ޖަމާވެފައިވާތީ ގާޒީ އިސްމާއިލް ޝަފީއު ވަނީ އަދަބު މަތިކޮށްފަ އެވެ.

ބައްސާމް ވަނީ އޭނާގެ އަދަބު ލުއިކޮށްދިނުމަށް ނުވަތަ ޖަލު ހުކުމް އެހެން އަދަބަކަށް ބަދަލުކޮށްދިނުމަށް އެދިފަ އެވެ. ނަމަވެސް ގާޒީ ނިންމެވީ އަދަބު ލުއި ނުކުރުމަށެވެ.

ބައްސާމްގެ މައްޗަށް ހިޔާނާތުގެ އިތުރު ދައުވާތަކެއް ވެސް ވަނީ ކޮށްފަ އެވެ. އެ މައްސަލަތައް ކޯޓުގައި ކުރިއަށް އެބަ ދެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.