ރައީސްގެ ގަރާރުގައި ހިމަނުއްވާފައިވާ ސުވާލުތަކާ މެދު ހުޅުދޫ، މީދޫ އަދި ފޭދޫގެ ރައްޔިތުން ދެކޭ ގޮތް ބެލުމަށް، ބާއްވަން ޖެހޭ ހިޔާލު ހޯދުމުގެ ވޯޓު ނެގުން އޮންނާނީ މި މަހުގެ 25 ވާ ހޮނިހިރު ދުވަހު
އައްޑޫ ސިޓީގެ އިދާރީ ދާއިރާގެ ކަންކަން ކަނޑައެޅުމުގައި ރައްޔިތުންގެ ހިޔާލު ހޯދަން ނަގާ އާންމު ވޯޓު، މި މަހުގެ 25 ވަނަ ދުވަހު ބާއްވަން އިލެކްޝަންސް ކޮމިޝަން (އީސީ)އިން ނިންމައި، އިއުލާނުކޮށްފި އެވެ.
އައްޑޫ ސިޓީ ކައުންސިލް އެކުލަވާލާފައިވާގޮތަށް ބަދަލު ގެންނަން ބޭނުންވާކަމަށް އައްޑޫ ސިޓީގެ ބައެއް ފަރާތްތަކުން ރައީސަށް ހުށަހަޅުއްވާފައިވާ މައްސަލައާ ގުޅިގެން، އައްޑޫ ސިޓީގެ ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓެއް ނެގުމާބެހޭގޮތުން ކުރަންޖެހޭ އިންތިޒާމުތައް ކުރެއްވުމަށް ވަޒީރުންގެ މަޖިލީހުން ނިންމައި، އެކަމަށް ބޭނުންވާ ގަރާރު ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ނެރުއްވައިފަ އެވެ.
މި ވޯޓަކީ ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ގާނޫނުގެ ދަށުން ނަގާ ފުރަތަމަ ވޯޓެވެ.
އީސީން މިއަދު ކުރި އިއުލާނެއްގައި ބުނީ، ރައީސްގެ ގަރާރުގައި ހިމަނުއްވާފައިވާ ސުވާލުތަކާ މެދު ހުޅުދޫ، މީދޫ އަދި ފޭދޫގެ ރައްޔިތުން ދެކޭ ގޮތް ބެލުމަށް، ބާއްވަން ޖެހޭ ހިޔާލު ހޯދުމުގެ ވޯޓު ނެގުން އޮންނާނީ މި މަހުގެ 25 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 8:00 އިން ހަވީރު 4:00 އަށް ކަމަށެެވެ.
އީސީން ބުނި ގޮތުގައި ވޯޓު ނަގައި ނިމޭތާ 30 މިނެޓު ފަހުން ވޯޓު ގުނަން ފެށިޔަސް، ރަސްމީ ނަތީޖާ އިއުލާނުކުރާނީ ޖެހިގެން އަންނަ އާދިއްތަ ދުވަހެވެ.
އެ ވޯޓުގައި އަހާނީ އައްޑޫ ފޭދޫ، އައްޑޫ ހުޅުދޫ އަދި އައްޑޫ މީދޫގެ ނަމުގައި ކައުންސިލްތައް އުފައްދަން ފެނޭތޯ ބެލުމަށެވެ.
އޭގެ އިތުރުން، އައްޑޫ ހުޅުދުއާއި އައްޑޫ މީދޫ، އެއް ރަށު ކައުންސިލެއްގެ ދަށުން ހިންގުމަށްޓަކައި ދެ ރަށުގައި އެއް ކައުންސިލް (އައްޑޫ ހުޅުމީދޫ ކައުންސިލް) އުފައްދަން ފެނޭތޯ ބެލުމަށް މި ވޯޓުގައި ހިމެނު
މިކަމުގައި ސަރުކާރުގެ ވަކި ސްޓޭންޑެއް ނެތް ކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ.