ބިދޭސީންނަށް ދޫކޮށްފައިވާ ހުއްދައިގެ ބޭރުން "އޯޕަން ވިސާ" ގެންގުޅޭ މައްސަލަ ބޮޑުވެއްޖެ

އިމިގްރޭޝަނުން ބުނީ ބިދޭސީ މުވައްޒަފުންނަށް މަސައްކަތްކުރުމުގެ ހުއްދަ ލިބިފައިވަނީ ހަމައެކަނި އެމީހުންނަށް ވިސާ ދޫކޮށްފައިވާ ތަނުގައި ހުއްދަ ދޫކޮށްފައިވާ މަސައްކަތެއް ކުރުމަށް އެކަނި ކަމަށެވެ.

އިމިގްރޭޝަންގެ ޓީމު މާރުކޭޓް ސަރަހައްދަށް ގޮސް ބިދޭސީންނާ ސުވާލު ކުރަނީ

ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން، އެމީހުނަށް ދޫކޮށްފައިވާ ހުއްދައިގެ ބޭރުން، އިމިގްރޭޝަނުން ދޫނުކުރާ ވިސާއެއް ކަމުގައިވާ "އޯޕަން ވިސާ"ގެ ނަމުގައި މަސައްކަތް ކުރަމުންދާކަން ވަރަށް ބޮޑަށް ފާހަގަކުރެވިފައިވާ ކަމަށް އެ އިދާރާއިން ބުނެފި އެވެ.

އިމިގްރޭޝަނުން ބުނީ ގަވާއިދާ ހިލާފަށް ވިޔަފާރިކޮށް، އެ ވިޔަފާރިތަކުގައި ޝާމިލްވާ ބިދޭސީން ޑީޕޯޓް ކުރުމަށް ފަށާފައިވާ މަސައްކަތުގެ ތެރެއިން ހިންގާ އެންފޯސްމަންޓް އޮޕަރޭޝަންތަކުގައި، ބިދޭސީ މުވައްޒަފުންގެ އަތުގައި މުއްދަތު ހަމަނުވާ ވިސާއެއް އޮތް ނަމަވެސް، ދޫކޮށްފައިވާ ވިސާ ނުވަތަ ހުއްދައިގެ ބޭރުން އެހެން ތަނެއްގައި މަސައްކަތްކޮށް ނުވަތަ ހުއްދަ ދޫކޮށްފައިވާ މަސައްކަތް ނޫން އެހެން މަސައްކަތްތައް ކުރަމުންދާކަން ފާހަގަވެފައިވާ ކަމަށެވެ.

"ގަވާއިދާ ހިލާފަށް 'އޯޕަން ވިސާ' ގެ ނަމުގައި މަސައްކަތްކުރާ ބިދޭސީންގެ އަދަދު ދަނީ އިތުރުވަމުން. އެގޮތުން އެމީހުންނަށް ވަޒީފާ ދީފައިވާ ތަނުގެ އިތުރުން އެހެން ތަންތަނުގައި މަސައްކަތްކޮށްގެން އާމްދަނީ ހޯދުމާއި އަމިއްލަ މަސައްކަތްތަކާއި ވިޔަފާރިކޮށްގެން ބޮޑެތި މާލީ މަންފާތައް ހޯދާ. ނަމަވެސް، މިއީ ގާނޫނީ ގޮތުން ހުއްދަ ކަމެއް ނޫން،" އިމިގްރޭޝަނުން ބުންޏެވެ.

އިމިގްރޭޝަނުން ބުނީ ބިދޭސީ މުވައްޒަފުންނަށް މަސައްކަތްކުރުމުގެ ހުއްދަ ލިބިފައިވަނީ ހަމައެކަނި އެމީހުންނަށް ވިސާ ދޫކޮށްފައިވާ ތަނުގައި ހުއްދަ ދޫކޮށްފައިވާ މަސައްކަތެއް ކުރުމަށް އެކަނި ކަމަށެވެ. އެހެންކަމުން، މި ކަމަށް ސަމާލުވެ، ވަޒީފާދޭ ފަރާތްތަކުން އެމީހުންގެ މުވައްޒަފުން އެހެން ތަންތަނަށް މަސައްކަތްކުރަން ނުފޮނުވުމަށް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފަ އެވެ.

އަދި، ދޫކޮށްފައިވާ ހުއްދައިގެ ބޭރުން މަސައްކަތް ކުރަނިކޮށް ފާހަގަކުރެވިއްޖެނަމަ، އެފަދަ މުވައްޒަފުން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސް، އަނބުރާ ފުރުވާލެވޭނެ ކަމަށް ވެސް އިމިގްރޭޝަނުން ބުންޏެވެ. އަދި ވަޒީފާދިން ފަރާތަށް އިމިގްރޭޝަން ގާނޫނުގެ ދަށުން ފިޔަވަޅު އަޅާނެ ކަމަށް ވެސް ބުންޏެވެ.

ރާއްޖޭގައި ދޫކުރާ ވިސާގެ ބާވަތްތައް

  •  ޓޫރިސްޓް ވިސާ - މިއީ ރާއްޖެ އަންނަ ހުރިހާ ގައުމެއްގެ ފަރާތްތަކަށް ވެސް އެއާޕޯޓުން ހިލޭ ދޫކުރާ ވިސާއެއް
  •  ވަޒީފާ ވިސާ - މިއީ ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންނަށް ހާއްސަ ވިސާއެއް
  •  ވިޔަފާރި ވިސާ - ވިޔަފާރީގެ ބައްދަލުވުންތަކަށް، އިންވެސްޓްމަންޓްގެ މަސައްކަތްތަކަށް، ނުވަތަ ވިޔަފާރި ކަންކަމާ ގުޅޭ އެހެނިހެން ބޭނުންތަކަށް ރާއްޖެއަށް ދަތުރުކުރާ ފަރާތްތަކަށް ދޫކުރާ ވިސާއެއް، މިއީ ވަޒީފާ އަދާކުރުމުގެ ވިސާއެއް ނޫން
  •  ރެސިޑެންޓް ވިސާ - މިއީ ދިގު މުއްދަތަކަށް ރާއްޖޭގައި ދިރިއުޅުމުގެ ހުއްދަ ދޭ ވިސާއެއް

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.