ޔުމްނު ވެއްޓުން: ވަކިވަކި ފުލުހުންގެ އިހުމާލު އޮތް މިންވަރު ބަލަން ތަހުގީގެއް

"މިހާރު ތަހުގީގުގައި ކުރަމުންދާ މަސައްކަތަކީ ރިޕޯޓުގައި އިތުރަށް ފާހަގަކޮށްފައިވާ ރައުދު އަހުމަދާ ބައްދަލުވި އިތުރު ފަރާތްތަކާ ބައްދަލުކޮށް ބަޔާން ނެގުމުގެ މަސައްކަތް ކަމުގައި ދެންނެވިން،" މިނިސްޓަރުގެ ޖަވާބުގައިވެ އެވެ.

ޔުމްނު ވެއްޓުނު މައްސަލައާ ގުޅިގެން ކުރި މުޒާހަރާއެއް -- ފޮޓޯ: ސަންގު

ހ. ފެންޓެނޯއީ ގޭ މަތިން ގުދަނެއްގެ ފުރާޅު މައްޗަށް ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލައިގައި ވަކިވަކި ފުލުހުން އިހުމާލުވެފައިވާ މިންވަރު ބެލުމަށް ތަހުގީގު ހިންގަމުންދާ ކަމަށް ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.

ޔުމްނު ވެއްޓުނު މައްސަލައިގެ އިންކުއަރީއެއް ހެދުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އުފެއްދެވި ރިޔާސީ ކޮމިޝަންގެ ރިޕޯޓުގައި، އެ ހާދިސާ ރިޕޯޓުކުރި ވަގުތުން ފެށިގެން، ފުލުހުންގެ އެކި ޑިޕާޓުމަންޓުތަކުން އަމަލުކޮށްފައިވާ ގޮތުގެ މައްޗަށް ބަލައިފަ އެވެ. އޭގައި ފުލުހުންގެ ބޮޑެތި އިހުމާލުތަކެއް ހުރިކަން ވަނީ ފާހަގަކޮށްފަ އެވެ.

ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަން ތަންފީޒު ކުރަން ރައީސް ވަނީ އަންގަވާފަ އެވެ. އެހެންވެ، ފުލުހުންގެ މައްޗަށް ތަހުގީގު ހިންގާތޯ މިނިސްޓަރާ ސުވާލު ކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމެވެ.

މިދިޔަ އޮގަސްޓު މަހު ލިޔުމުން ޖަވާބު ހޯދަށް ހުށަހެޅުއްވި ސުވާލުގެ ޖަވާބު މިއަދު މަޖިލީހަށް ވަނީ އިއްވާފަ އެވެ. އެ ސުވާލުގެ ޖަވާބުގައި މިނިސްޓަރު ވިދާޅުވީ ޔުމްނު ވެއްޓުނު ހާދިސާގައި ވަކިވަކި ފުލުހުން އިހުމާލުވެފައިވާ މިންވަރު ދެނެގަތުމަށްޓަކައި ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑަޑް ކޮމާންޑުގެ ފަރާތުން ތަހުގީގުފަށައި، ސުވާލު ކުރަން ޖެހޭ ފަރާތްތަކާ ސުވާލު ކުރަމުންދާ ކަމަށެވެ.

"މި ތަހުގީގު ވީ އެންމެ އަވަހަކަށް ނިންމުމުގެ މަސައްކަތް ކުރަމުންދާ ވާހަކަ ދެންނެވިން. އަދި މިކަމާ ގުޅިގެން ޕޮލިސް ކޮމިއުނިކޭޝަން ސެންޓަރު ޕްރޮސީޖަރަލް ރިޕޯޓު ރިވިއުކޮށް، އެސްއޯޕީއަށް މުވައްޒަފުން އަހުލުކުރެވިފައިވާ ވާހަކަ ދެންނެވިން،" މިނިސްޓަރުގެ ޖަވާބުގައިވެ އެވެ.

މެންބަރު ކުރެއްވި ދެވަނަ ސުވާލަކީ ކޮމިޝަންގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ޖިނާއީ ތަހުގީގު ހިންގަން ޖެހޭ އެއްވެސް މީހެއްގެ މައްޗަށް ފުލުހުން ތަހުގީގު ހިންގާތޯ އެވެ. އެ ސުވާލުގެ ޖަވާބުގައި މިނިސްޓަރު ވިދާޅުވީ ތަހުގީގު ހިންގަން ޖެހޭ ކަމަށް ކަނޑައަޅާފައިވާ މީހުންގެ ތެރެއިން ގ. އެރިއަދޫ، ދާއޫދު އަހުމަދުގެ ބަޔާން ނަގާފައިވާ ކަމަށެވެ.

"މިހާރު ތަހުގީގުގައި ކުރަމުންދާ މަސައްކަތަކީ ރިޕޯޓުގައި އިތުރަށް ފާހަގަކޮށްފައިވާ ރައުދު އަހުމަދާ ބައްދަލުވި އިތުރު ފަރާތްތަކާ ބައްދަލުކޮށް ބަޔާން ނެގުމުގެ މަސައްކަތް ކަމުގައި ދެންނެވިން،" މިނިސްޓަރުގެ ޖަވާބުގައިވެ އެވެ.

ޔުމްނު ވެއްޓުނުއިރު ފެންޓެނޯއީ ގޭގައި އޭނާއާއެކު ހުރީ ރައުދު އެވެ. މި މައްސަލައިގައި ރައުދުގެ މައްޗަށް ކުރަނީ، ގާނޫނުލްއުގޫބާތުގެ ދަށުން، އެހީއަށް ބޭނުންވެފައިވާ މީހާއަށް އެކަށީގެންވާ ސަބަބެއްނެތި، އެހީތެރިކަން ފޯރުކޮށްނުދިނުމުގެ ކުށުގެ ދައުވާ އެވެ. އޭނާގެ ބޭބެ ދާއޫދަށް ތުހުމަތު ކުރިނަމަވެސް އޭނާގެ މައްޗަށް ޖިނާއީ ތަހުގީގެއް ނުހިންގާ ކަމަށް މިނިސްޓަރުގެ ޖަވާބުން ދޭހަވެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.