"އެސްޑީއެފް އިތުރުވުމާއި ދަރަނީގެ ލުޔާއެކު ބޮޑު ދަރަނި ދެއްކޭނެކަން ޔަގީންވެއްޖެ"

މެންބަރު ތޯރިގު ވިދާޅުވި ގޮތުގައި ޑޮލަރު މާރުކުރަން ފަށަން ޖެހުނީ ލޯނު ދައްކާނެ ޑޮލަރު ދައުލަތަށް ނުލިބޭ ހިސާބަށް ދިއުމުންނެވެ. މި ބަދަލާއެކު ހެޔޮ ނަތީޖާ ދަނީ މިހާރު ފެންނަމުންނެވެ.

މަހިބަދޫ ދައިރާގެ މެންބަރު އަހުމަދު ޠާރިޤު ރޭގެ ޖަލްސާގައި ވާހަކަ ދައްކަވަނީ -- ރައީސް އޮފީސް

ލޯނު ދައްކަން ފަހަށް ރައްކާކުރާ ސޮވްރިން ޑިވްލޮޕްމަންޓް ފަންޑް (އެސްޑީއެފް) އިތުރުވުމާއި ޗައިނާ އަދި އިންޑިއާއިން ދަރަނީގެ ލުއިތައް ދިނުމާއެކު އަންނަ އަހަރު ދައްކަން ޖެހޭ ރާއްޖޭގެ ބޮޑު ދަރަނި ދެއްކޭނެކަން ލިބިފައިވާ ކަމަށް މަހިބަދޫ ދައިރާގެ މެންބަރު އަހުމަދު ތޯރިގު (ޓޮމް) ވިދާޅުވެއްޖެ އެވެ. 

ރައީސް އދ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މަހިބަދޫއަށް ވަޑައިގެން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ތޯރިގު ވިދާޅުވީ ރާއްޖެ ބަނގުރޫޓުވެދާނެ ކަމަށް ކުރީގެ ދެ ރައީސުން ވާހަކަ ދައްކަމުން ދިޔަކަމަށާއި ނަމަވެސް އަންނަ އަހަރު ދައްކަން ޖެހޭ އެއް ބިލިއަން ޑޮލަރުގެ ބޮޑު ދަރަނި ދައްކަން ސަރުކާރުން ފައިސާ އެއްފަރާތް ކުރަމުންދާތަން ފެންމުންދާ ކަމަށެވެ. މިގޮތުން އެސްޑީއެފް ފަންޑަށް ފައިސާ ރައްކާ ކުރަމުންދާއިރު، ރާއްޖޭގެ އެންމެ ބޮޑު ދަރަނި އޮތް ޗައިނާ އާއި އިންޑިއާއާއެކު ދަރަނީގެ ލުއި ހޯދަން މަޝްވަރާކޮށް އެކަން ނިމިފައިވާކަން ތޯރިގު ފާހަގަ ކުރެއްފި އެވެ.

މި ބަދަލާއެކު، ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ނެގި 250 މިލިއަން ޑޮލަރުގެ ސަނީ ސައިޑް ބޮންޑާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި އޭގެ މައްޗަށް ނެގި 250 މިލިއަން ޑޮލަރުގެ ބޮންޑާއެކު ޖުމްލަ 500 މިލިއަން ޑޮލަރު ހިމެނޭހެން އަންނަ އަހަރު ބޮޑު ދަރަނި ސަރުކާރުން ދެއްކޭނެކަމުގެ ޔަގީންކަން އެބައޮތްކަމަށް ތޯރިގު ވިދާޅުވި އެވެ. 

"މިހާރު އަޅުގަނޑުމެން މި އަންނަ އަހަރު ބޭންކްރަޕްޓް ވެދާނެ ކަމަށް އޮތް ޝައްކުތައް ފިލައިފި،" ތޯރިގު ވިދާޅުވި އެވެ. 

ކުރިން މާރުކުރަން ނުކެރުނީ ބިރުން

މެލޭޝިއާ އިން މަތީ ތައުލީމް ހާސިލް ކުރައްވައިގެން ހުންނެވި މެންބަރު ތޯރިގު ވަނީ ޑޮލަރު މާރުކުރަން ފަށަން ޖެހުނު ސަބަބާއި ޑޮލަރުގެ މައްސަލަ ހައްލުވާނެ ގޮތް ވެސް ވިދާޅުވެއްދެއްވާފަ އެވެ. 

މަހިބަދޫ ދާއިރާގެ މެންބަރުގެ ގޮނޑި ފުރުއްވަމުން ގެންދަވާތާ ދެ ދައުރުވެފައިވާ ތޯރިގު ވިދާޅުވި ގޮތުގައި މި ސަރުކާރުން ވެރިކަމާ ހަވާލުވިރު ލޯނު ދައްކަން ފިނޭންސް މިނިސްޓަރަށް ޑޮލަރު ނުލިބޭ ކަމަށާއި، ހާއްސަކޮށް ރާއްޖެއަށް ބޭނުންވާ ތެޔޮ ގަންނަން ޑޮލަރު ހޯދަން ދަންވަރު ބީއެމްއެލް ހުޅުވައިގެން އުޅެން ޖެހޭ ހާލަަތަށް ގައުމު ގޮސްފައި އޮތް ކަމަށެވެ. 

"ތެޔޮ ގަންނާނެ ޑޮލަރެއް ނުހުރޭ، ދެން މި ޖެހެނީ ލޯނު ދައްކަން ޖެހޭ ޑޮލަރު އެއް ފަރާތައް ޖައްސަަން. އެހެންވެ ވިޔަފާރިވެރިންގެ އަތުން ލިބޭ ޑޮލަރުން 20 ޕަސެންޓް މާރުކުރަން ޖެހުނީ. އަންނަ އަހަރު ލޯނު ދައްކަން ކޮންމެ ވެސް ވަރެއްގެ އަދަދެއް ރިޒާވަށް ގެނައުމަކީ މުހިންމު ކަމަށްވާތީ،" ތޯރިގު ވިދާޅުވި އެވެ. 

ކުރިން ޖުމްހޫރީ ޕާޓީގައިވެސް ހަރަކާތެރިވި، ތޯރިގު ވިދާޅުވި ގޮތުގައި ޑޮލަރުގެ މައްސަލަ ހައްލުކުރަން ބޮޑު ނިންމުން ނިންމުމަކީ މިހާތަނަށް އެއްވެސް ވެރިއަކު އަތްލަން ނުކެރުނު ބޮޑު ނިންމުމެއް ކަމަށެވެ. ސަބަބަކީ މިކަންކޮށްފިނަމަ ނުފޫޒުގަދަ ވިޔަފާރިވެރިންގެ ފަރާތުން ކުރިމަތިވެދާނެ ޕްރެޝަރު ބޮޑުވުމެވެ. 

"ޑޮލަރުގެ އެކްސްޗޭންޖާ ކުޅެން ނުކެރެނީ ޓޫރިޒަމް ސިނާއަތުގައި ތިބި ވިޔަފާރިވެރިންނަކީ ވަރަށް ނުފޫޒުގަދަ ސިޔާސީ ގޮތުން ވެސް ވަޒީފާގެ ގޮތުން ވެސް މުޅި އިގްތިސޯދަށް ވެސް ވަރަށް ނުފޫޒުގަދަ ފަރާތްތަކަށްވާތީ. އެ ފަރާތްތަކުގެ ނުރުހުން ނުވަތަ ސިޔާސީ ގޮތުން އެއްބާރުލުން ނުލިބިދާނެތީ. އެހެންވެ އެކަން ކުރަންއެއްވެސް ވެރިއަކަށް ނުކެރުނީ. އެކަމަކު އެ ބަދަލާއެކު ޑޮލަރުގެ ރިޒާވް މިހާރު އިތުރުވަމުން ދަނީ،" ތޯރިގު ވިދާޅުވި އެވެ. 

ޑޮލަރުގެ އެކްސްޗޭންޖާ ކުޅެން ނުކެރެނީ ޓޫރިޒަމް ސިނާއަތުގައި ތިބި ވިޔަފާރިވެރިންނަކީ ވަރަށް ނުފޫޒުގަދަ ސިޔާސީ ގޮތުން ވެސް ވަޒީފާގެ ގޮތުން ވެސް މުޅި އިގްތިސޯދަށް ވެސް ވަރަށް ނުފޫޒުގަދަ ފަރާތްތަކަށްވާތީ

އެމްޕީ ތޯރިގު

އެފްއޭއެމްގެ ރައީސްކަމުގައި މިހާރު ހުންނެވި ތޯރިގު ވަނީ ޑޮލަރުގެ މައްސަލަ ހައްލުވާނެ ގޮތާއި މިހާލަތު ބަދަލުވަމުންދާ ގޮތްވެސް ތަފުސީލްކޮަށް ވިދާޅުވެ ދެއްވާފަ އެވެ. 

"ދެން ސުވާލަކީ ކީއްވެގެންތޯ ރައްޔިތު މީހާއަށް 19ރ، އަށް ނޫނީ 20 ރ. އަށް ޑޮލަރެއް ލިބެންވީ؟ ޓޫރިޒަމް ސިޔާއަތަށް 50 އަހަރު ވެއްޖެ. މީރާގެ ޓެކުހަށް ރާއްޖޭގެ އިގްތިސޯދަށް ވަންނަ ފަސް ބިލިއަން ޑޮލަރުގެ ބޮޑުބައި ވަންނަނީ 15 ވަރަކަށް ވިޔަފާރިވެރިން ފަރާތުން، ބޭރުގެ އިންވެސްޓަރުންނާއެކު މި އަދަދު އުޅެނީ 20 ގައި. މި ވިޔަފާރިވެރިން އެ ޑޮލަރު ރާއްޖޭގެ އިގްތިސޯދުގެ ތެރެއަށް މާރުނުކުރާހާ ހިނދަމަކު ދައުލަށް އެ ޑޮލަރާ ކުޅުމުގެ ފުރުސަތެއް ނޯވެ. އެކަމަކީ ވިޔަފާރީގެ ޕްރޮފިޓް މެކްސިމައިޒް ކުރަން ކުރާ ކަމަށްވާތީ އެ ވިޔަފާރިން ވެސް ލިބެން އޮތް ފައިދާ ނަގާނެ. އެެހެންވެ 20 ޕަސެންޓް މާރުކުރަން ފެށީ،" ތޯރިގު ވިދާޅުވި އެވެ. 

އޭނާ ވިދާޅުވީ އެހެންވެގެން 10ރ. އަށް ޑޮލަލި ލިބޭ މައްސަލަ ކުއްލިއަކަށް ހައްލު ނުވާނެ ކަމަށެވެ.

"އެހެންވީމަ މިހާރު 19ރ. އަށް ޑޮލަރު ލިބޭ މައްސަލަ ކުއްލިއަކަށް ހައްލެއް ނުވާނެ. އެ ހައްލުވާނީ ވިޔަފާރިވެރިން ވެސް ކޮންމެވެސް ވަރެށް އިގްތިސޯދުގެ ތެރެއަށް މާރު ކުރުމާއި، އަންނަ އަހަރު ސްކޫކް ދެއްކުމާއި، އޭގެފަހުން އެމްއެމްއޭއަށް ވަންނަ ޑޮލަރު ބޭންކްތައް މެދުވެރިކޮށް ވިޔަފާރިވެރިންނަށް ދެވޭނެ ހިސާބަށް ދިއުމުން. އެ ހިސާބުން މަޖުބޫރުވާނެ ޑޮލަރުގެ އަގު ތިރިވަން. އެއީ އަޅުގަނޑަށް ފެންނަ ގޮތުގައި އިގްތިސޯދީ ގޮތުން ޑޮލަރަށް ދިމާވާ އެންމެ ބޮޑު މި މައްސަލައިގެ ހައްލަކީ،" އޭނާ ވިދާޅުވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.