އެމްޑީޕީން ބުނީ، ބަންދުގައި ތިބި ހަ މީހަކު ބަނޑުހައިހޫނުކަމުގެ ހަޅުތާލު ކުރަމުންދާ ކަމަށެވެ.

ހައްގުތައް ނުލިބޭކަމަށް ބުނެ، މިދިޔަ ހުކުރު ދުވަހުގެ ރޭ އިދިކޮޅު އެމްޑީޕީން މާލޭގައި ބޭއްވި އެއްވުމުގެ ތެރެއިން ހައްޔަރުކުރި މީހުން، ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ކުރަމުންދާކަމަށް އެމްޑީޕީން ބުނެފި އެވެ.
އެ އެއްވުމުގެ ތެރެއިން ހައްޔަރުކުރި އަށް މީހުންގެ ތެރެއިން އެކަކު ފިޔަވާ އެންމެން 15 ދުވަހަށް ބަންދުކުރުމަށް ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.
އެމްޑީޕީން ބުނީ، ބަންދުގައި ތިބި ހަ މީހަކު ބަނޑުހައިހޫނުކަމުގެ ހަޅުތާލު ކުރަމުންދާ ކަމަށެވެ.
އޭގެތެރޭގައި، ކުޅުދުއްފުށީ އުތުރު ދާއިރާގެ ކުރީގެ މެމްބަރު ޔާސިރު އަބްދުއްލަތީފާއި މާފުށީ ކައުންސިލްގެ ރައީސް ހަސަން ސޮލާހް އާއި އައްޑޫ ސިޓީ ކައުންސިލްގެ މެމްބަރު ހުސައިން ޒަރީރު އަދި ދާންދޫ ދާއިރާގެ ކުރީގެ މެމްބަރު ޔައުގޫބު އަބްދުﷲ ހިމެނެ އެވެ.
އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ބޭސްފަރުވާ އާއި އިންސާފު ހޯދުމުގެ ހައްގުން މަހުރޫމްކޮށްފައިވާތީ، އެ ހަ މީހުން ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ކުރަމުންދާ ކަމަށެވެ.
އެއާ އެކު ފައްޔާޒް ވަނީ، އެ މީހުންނަށް ގާނޫނުއަސާސީން ލިއްބައިދީފައިވާ އަސާސީ ހައްގުތައް ފޯރުކޮށްދިނުމަށް ގޮވާލައިފަ އެވެ.
ފުލުހުން ބުނީ، ބަންދުގައި ތިބި ބަޔަކު ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ކުރަމުންދާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި އެ މީހުންގެ ހާލަތު ގާތުން ބަލަމުންދާ ކަމަށެވެ.