އަދި އެހެން މީޑިއާތައް ތަމްސީލުކުރާ މެންބަރުކަމުގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތު ހަމަވިއިރު، އެ މަގާމަށް ވެސް ކުރިމަތިލާފައި ވަނީ އިންތިހާބު ކުރަންޖެހޭ އަދަދަށް ޝަރުތުހަމަވާ ދެ ކެންޑިޑޭޓުން ކަމަށް އީސީން ބުންޏެވެ.
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނަށް ބްރޯޑްކާސްޓަރުން ތަމްސީލުކުރާ މެންބަރުކަމާއި މީޑިއާތައް ތަމްސީލުކުރާ މެންބަރު ކަމަށް ކުރިމަތިލި ފަރާތްތައް އިންތިހާބަކާ ނުލައި ހޮވިއްޖެ އެވެ.
އެ ކޮމިޝަނަށް އީސީން އިންތިހާބު ކުރަން ޖެހެނީ ބްރޯޑްކާސްޓަރުން ތަމްސީލުކުރާ ދެ މެންބަރުންނާއި މީޑިއާތައް ތަމްސީލުކުރާ ދެ މެންބަރުންނެވެ.
އިލެކްޝަން ކޮމިޝަން (އީސީ) އިން ބުނީ ބްރޯޑްކާސްޓަރުން ތަމްސީލުކުރާ މެންބަރުކަމުގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލި މުއްދަތުގެ ތެރޭގައި، އެ މަގާމަށް ޝަރުތުހަމަވާ ކެންޑިޑޭޓުންގެ ތެރެއިން އެއް ކެންޑިޑޭޓަކު ނަން އަނބުރާ ގެންގޮސްފައިވާ ކަމަށެވެ. އެހެންވެ، ބްރޯޑްކާސްޓަރުން ތަމްސީލުކުރާ މެންބަރުންގެ މަގާމަށް ޝަރުތު ހަމަވެފައި ވަނީ ދެ ކެންޑިޑޭޓުންނެވެ.
އަދި އެހެން މީޑިއާތައް ތަމްސީލުކުރާ މެންބަރުކަމުގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތު ހަމަވިއިރު، އެ މަގާމަށް ވެސް ކުރިމަތިލާފައި ވަނީ އިންތިހާބު ކުރަންޖެހޭ އަދަދަށް ޝަރުތުހަމަވާ ދެ ކެންޑިޑޭޓުން ކަމަށް އީސީން ބުންޏެވެ.
އެހެންވެ، މި ހަތަރު ކެންޑިޑޭޓުން ވެސް ވަނީ އިންތިހާބަކާ ނުލައި ހޮވިފަ އެވެ. އެ މެންބަރުންގެ ތެރޭގައި އެކި މީޑިއާތަކުގައި މަސައްކަތް ކުރާ ނޫސްވެރިން ހިމެނެ އެވެ.
އެ ކޮމިޝަނަށް މެންބަރުން އިންތިހާބު ކުރުމަށް ވޯޓު ނަގަން ތާވަލުކޮށްފައި ވަނީ އަންނަ ހޮނިހިރު ދުވަހަށެވެ. ވޯޓުގައި ބައިވެރިވުމަށް މީޑިއާތަކަށް ހުޅުވައިލި ފުރުސަތުގައި، 190 ފަރާތަކުން ރަޖިސްޓްރީކޮށްފައިވާ ކަމަށް އީސީން ބުންޏެވެ. ނަމަވެސް 353 މީޑިއާ އަދި ބްރޯޑްކާސްޓަރުންނަށް އެ އިންތިހާބުގައި ވޯޓު ލެވެ އެވެ.
އާ ގާނޫނުގެ ދަށުން ޖުމްލަ ހަތް މެންބަރުންގެ މައްޗަށް އެކުލަވާލާ އެ ކޮމިޝަންގައި ދެން ތިބޭނީ ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ ތިން މެންބަރުންނެވެ. މަޖިލީހުން ކަނޑައަޅާ މެންބަރު ކަމަށް މިހާރު ހުޅުވާލާފައިވާއިރު، އެ މުއްދަތު ހަމަވާނީ މިމަހުގެ 12 ވަނަ ދުވަހު އެވެ.