ހަމީދު ވިދާޅުވީ، ދެ ކުދިންނަށް ވުރެ އިތުރަށް ނުހޯދުމަކީ މިހާރު "ފެޝަނަކަށް" ވެފައިވާ ކަމެއް ކަމަށެވެ.
ރާއްޖޭގެ އާބަދީގައި އަހަރުން އަހަރަށް މުސްކުޅިން ގިނަވަމުން ދިޔުން ބަދަލުކުރުމަށް، ދައުލަތުން އިނާޔަތެއް ދީގެން ވެސް ގިނަ ދަރިން ހޯދަން ބާރުއަޅަންޖެހޭ ކަމަށް ސަރުކާރަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން މިއަދު ގޮވާލައްވައިފި އެވެ.
އުމުރުން 65 އަަހަރުވުމުން ވަޒީފާއިން ރިޓަޔާކުރާ މީހުންނަށް އަލުން ވަޒީފާ ހަމަޖައްސައިދޭން މަގުފަހިކުރަން ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ ރީއެމްޕްލޯއިމެންޓް ބިލުގެ މިއަދުގެ ޖަލްސާގައި ކުރިއަށްދިޔަ ބަހުސްގައި ކުޑަހުވަދޫ ދާއިރާގެ ޕީއެންސީ މެމްބަރު ހުސައިން ހަމީދު ވިދާޅުވީ، ދެ ކުދިންނަށް ވުރެ އިތުރަށް ނުހޯދުމަކީ މިހާރު "ފެޝަނަކަށް" ވެފައިވާ ކަމެއް ކަމަށެވެ.
އެހެންކަމުން މިކަން ބަދަލުކުރުމަކީ، ހަމީދު ވިދާޅުވި ގޮތުގައި، ސަރުކާރުން އިސް ނަގައިގެން ކުރަންޖެހިފައިވާ ކަމެކެވެ.
"ސަރުކާރުން އިސްނަގައިގެން ވެސް ދިވެހިރާއްޖޭގެ އާބާދީ އިތުރުކުރުމަށް ދެ ކުދިންނަށް ވުރެ ގިނައިން ނޫނީ ތިން ކުދިންނަށް ވުރެ ގިނައިން ކުދިން ހޯދާ ބޭފުޅުންނަށް ހާއްސަ އިނާޔަތެއް ދީގެން ނަމަވެސް، މިއަދު އަޅުގަނޑުމެންގެ ސަރުކާރުން ކުރަން މަޖުބޫރުވެފައިވާ ކަމެއްގެ [އާބާދީ އިތުރުކުރަން ބާރު އެޅުމަކީ] ގޮތުގައި އަޅުގަނޑު ފާހަގަކުރަން،" އޭނާ ވިދާޅުވި އެވެ.
އެ ބަހުސްގައި ބާރަށު ދާއިރާގެ ޕީއެންސީ މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވީ މި ބިލުގެ މަގްސަދަކީ، ރާއްޖޭގެ އާބާދީ ހިފެހެއްޓިފައި އޮތުމާއެކު، 65 އަހަރު ފުރި ރިޓަޔަކުރުމާ އެކު ވެސް އިތުރަށް ހިދުމަތް ކުރަން ބޭނުންވާ ނަމަ އެ ފުރުސަތު ފަހިކޮށްދިނުން ކަމަށެވެ.
އޭނާ ވިދާޅުވީ، ރާއްޖޭގެ އާބާދީ މިއަދު ވަރަށް ބޮޑަށް ހިފެހެއްޓިފައިވާއިރު، އަދި މިއަދު ރާއްޖެއަށް ޒުވާން އާބާދީއެއް ބޭނުންވާ ކަމަށާއި، އެ ކަން ކުރެވޭނީ ސަރުކާރުގެ ސިޔާސަތުތައް ކޮން ގޮތަކަށް ބަދަލުކޮށްގެންތޯ ވިސްނައިލަން ޖެހޭ ކަމަށެވެ.
އެގޮތުން ދައުލަތުން ބޯހިޔާވަހިކަން ފޯރުކޮށްދީގެން ނަމަވެސް، އާބާދީ ކުރިއަރައިގެން ދާނެ ގޮތެއް ހޯދުމަށް ވިސްނުން މުހިންމު ކަމަށް ޝުޖާއު ވިދާޅުވި އެވެ.