އެންޑީއޭ އިން ރިސާޗް އެނެލިސިސް ހެދުމަށް ޕާޓީ ޑްރަގްސް ބޭނުން ކުރުމާއި ނަފްސާނީ މައްސަލަތަކާ ގުޅުންހުރި މިންވަރު ދެނެގަތުމަށް ޑޭޓާ ކަލެކްޓް ކުރުމުގެ މަސައްކަތް ވެސް ކުރަމުންދާ ކަމަށް އެ ޖަވާބުގައިވެ އެވެ.
ރާއްޖޭގައި މަސްތުވާތަކެތި އޮތް މިންވަރު ދެނެގަތުމަށް ކުރަމުންދާ ސާވޭ -- ޑްރަގް ޕްރިވިލެންސް ސާވޭ -- ގައި ގުޅުންހުރި އިދާރާތަކުން ޕްރައިމަރީ ޑޭޓާ ނަގަމުންދާ ކަމަށާއި، ޕާޓީ ޑްރަގާއި ނަފްސާނީ ބަލިތަކާ ގުޅުންހުރި މިންވަރު ދެނެގަތުމުގެ މަސައްކަތް ވެސް ކުރަމުންދާ ކަމަށް ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.
މި ދިރާސާ ކުރަން ނިންމާފައިވާކަން ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) އިން އިއުލާނު ކުރީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު އެވެ. ނެޝަނަލް ޑްރަގް ކައުންސިލުން އަންގައިގެން ކުރާ މި ދިރާސާގައި ފާއިތުވި ފަސް އަހަރު މަސްތުވާތަކެތީގެ މައްސަލަތަކުގައި ކޭސް ކުރި މީހުންގެ އަދަދުތައް ފުލުހުންނާއި ކައުންސިލްތައް މެދުވެރިކޮށް ހޯދަމުންދާ ކަމަށް އޭރު އެންޑީއޭ އިން ބުންޏެވެ.
މި ދިރާސާ ގޮސްފައިވާ މިންވަރާއި އަދި މަސްތުވާތަކެއްޗާ ގުޅިގެން ކުރެވޭ މަސައްކަތްތަކާ ގުޅޭ ގޮތުން މިދިޔަ އޮގަސްޓް މަހު ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު މުހައްމަދު އިބްރާހިމް ވަނީ ހޯމްލޭންޑް މިނިސްޓަރަށް ލިޔުމުން ޖަބާވު ހޯއްދެވުމަށް ސުވާލު ކުރައްވާފަ އެވެ.
އެ ސުވާލުތަކުގެ ޖަވާބު އިއްވާފައި ވަނީ މިއަދުގެ މަޖިލީހުގެ ޖަލްސާގަ އެވެ. އެ ސާވޭއާ ގުޅޭ ގޮތުން މިނިސްޓަރު ފޮނުއްވި ޖަވާބުގައި ވިދާޅުވެފައި ވަނީ އެ ސާވޭ ހެދުމަށް ކަމާގުޅޭ އިދާރަތަކާ މަޝްވަރާ ކުރެވެމުންދާ ކަމަށާއި ފުލުހުންނާއި، އެންޑީއޭ އަދި ޑްރަގް ކޯޓުން ޕްރައިމަރީ ޑޭޓާ ނެގުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
އަދި މި ސާވޭ ހެދުމަށްޓަކައި ޔުނައިޓެޑް ނޭޝަންސް އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމް (ޔޫއެންއޯޑީސީ) ގެ އެހީތެރިކަމަށް ވެސް އެދިފައިވާ ކަމަށާއި މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) އާއެކު ވެސް މަޝްވަރާ ކޮށްފައިވާ ކަމަށް މިނިސްޓަރުގެ ޖަވާބުގައި ފާހަގަކުރައްވާފައިވެ އެވެ.
މެންބަރު ކުރެއްވި އެހެން ސުވާލަކަށް ދެއްވި ޖަވާބުގައި މިނިސްޓަރު ވިދާޅުވެފައި ވަނީ މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ ފުށުން ގައިން ގަޔަށް އަރާ ބައެއް ނުވަތަ އެހެންވެސް ބައެއްޔެއް ފެތުރިދާނެތޯ ދެނެގަތުމަށް އައިޖީއެމްއެޗާއި ހުޅުމާލެ ހޮސްޕިޓަލުގެ އެހީތެރިކަމާއެކު އެންޑީއޭއިން ސިއްހީ އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށެވެ.
އެންޑީއޭ އިން ރިސާޗް އެނެލިސިސް ހެދުމަށް ޕާޓީ ޑްރަގްސް ބޭނުން ކުރުމާއި ނަފްސާނީ މައްސަލަތަކާ ގުޅުންހުރި މިންވަރު ދެނެގަތުމަށް ޑޭޓާ ކަލެކްޓް ކުރުމުގެ މަސައްކަތް ވެސް ކުރަމުންދާ ކަމަށް އެ ޖަވާބުގައިވެ އެވެ.
އެންޑީއޭ އިން މަސްތުވާތަކެއްޗަށް ފަރުވާ ދިނުމުގެ ގޮތުން ހަދާ އެސެސްމެންޓްތަކުންނާއި، ކުޑަކަމުދާ ތަކެތީގެ ޓެސްޓް ރިޕޯޓުތަކުންނާއި އަދި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދާ މީހުންގެ ކުޑަކަމުދާ ތަކެތި ޓެސްޓްކޮށްގެން ލިބޭ ރިޕޯޓްތައް އެންޑީއޭއާ ދަނީ ހިއްސާކުރަމުންނެވެ.
އެހެންކަމުން މި މައުލޫމާތުތަކުން ރާއްޖޭގައި ބޭނުންކުރާ މަސްތުވާތަކެތީގެ ބާވަތްތައް އެންޑީއޭއަށް ދެނެގަނެވެމުންދާ ކަމަށާއި، ޑްރަގް ޕްރިވިލެންސް ސާވޭ ނިމުމުން ރާއްޖޭގައި ބޭނުންކުރާ މަސްތުވާތަކެތީގެ ބާވަތްތަކާއި މަސްތުވާތަކެތި ބޭނުންކުރާ ގޮތްތަކުގެ ފުރިހަމަ މައުލޫމާތު ލިބިގެންދާނެ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.