މަޓާޓޯގެ ސީއީއޯ ބައްސާމް ވިދާޅުވީ މި މަންޒަރު ފެނުމުން ހައިރާންވި އެވެ. މަޓާޓޯ މި ފެއާއަށް ދިއުމަކާއެކު އެކަން ބަދަލުވެ ދިވެހި ކުންފުނިތައް ފެއާގައި ބައިވެރިވާން ފަށާނެ އެވެ. އަދި ޑައިރެކްޓް ބުކިން ރާއްޖެއަށް ލިބެން ފަށާނެ އެވެ.
ސައޫދީ އަރަބިއްޔާގެ، ރިޔާދުގައި މިހާރު ކުރިއަށްދާ ބީޓީއާރު، ބިޒްނަސް ޓްރެވަލް ރޯޑްޝޯ އަށް ދިޔައިރު ރާއްޖޭގެ މަތީ ފަންތީގެ ޓޫރިޒަމް ވިއްކަން ހުސް ލަންކާ ކުންފުނިތައް ތިބުމުން ހައިރާންވި ކަމަށް މަޓާޓޯގެ އާ ސީއީއޯ މުހައްމަދު ބައްސާމް އާދަމް ވިދާޅުވެއްޖެ އެވެ.
ދުނިޔޭގެ އެންމެ މަހުޖަނުން ގިނަ ސައޫދީގައި މިހާޜު ކުރިއަށްދާ ބީޓީއާރު ރޯޑްޝޯއާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އޭޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) ގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) މުހައްމަދު ބައްސާމް އާދަމް ވިދާޅުވީ މި ފެއާގައި ވަރަށް ޕޮޓެންޝަލް ހުރި ރާއްޖެއަށް މުހިންމު ފެއާއެއް ކަމަށާ ނަމަވެސް ހިތާމައަކީ މިހާތަނަށް ދިވެހި ކުންފުނިތައް މި ފެއާއަށް ގޮސްފައި ނުވުމެވެ. މީގެ ނަތީޖާއެއްގެ ގޮތުގައި މި ފުރުސަތުގެ ބޭނުން ކުރަމުން ދިޔައީ ލަންކާގެ ކުންފުނިތައްކަން އޭނާ ފާހަގަ ކުރެއްވި އެވެ.
"ބައެއް މީހުން އައިސް ބުނި ރާއްޖެއަށް ޑައިރެކްޓް ބުކިން ހަދަން ބުނީމަ ވެސް ހަދައެއް ނުދެއޭ [ލަންކާ މީހުން] ޖެހެނީ ލަންކާއާ ގުޅިގެން އެކަން ކުރާށޭ. ސަބަބަކީ ރާއްޖެ ވިއްކަން ލަންކާ ކުންފުނިތައް އެތަނުގައި ތިބުން،" ސައޫދީގައި ހުންނަވާ ވާހަކަ ދައްކަވަމުން ބައްސާމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މި ފެއާއަކީ ފުރުސަތު ގިނަ ފެއާއެއް ކަމަށާ ސަބަބަކީ ފެއާއަށް މުއްސަނދިންގެ ޗުއްޓީ ރާވާ ފަރާތްތަކުގެ އިތުރުން އިންވެސްޓަރުން ވެސް ދިއުމެވެ. މި ފެއާގައި ބައިވެރިވާން ނިންމީވެސް ސްޓަޑީ ހެދުމަށްފަހު އެހެންވެކަން ބައްސާމް ފާހަގަ ކުރެއްވި އެވެ.
ޓޫރިޒަމް ސިނާއަތުގައި މަސައްކަތް ކުރައްވާތާ 20 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ ބައްސާމް ވިދާޅުވީ މަޓާޓޯއިން މި ފެއާއަށް ދިއުމާއެކު ރާއްޖެއަށް ގިނަ ފުރުސަތުތަކެއް ހުޅުވިގެން ގޮސްފައިވާ ކަމަށާ މިގޮތުން މަތީ ފަންތީގެ ޓޫރިސްޓުންގެ ބުކިންަތައް ޑައިރެކްޓްކޮށް ރާއްޖެއަށް ލިބޭނެ ގޮތްވުމަކީ ކާމިޔާބީއެއް ކަމަށެވެ. އަދި ސައޫދީން ތަރައްގީކޮށްފައިވާ ރެޑްސީފަދަ ޓޫރިޒަމްގެ ހައި މަޝްރޫއު ތަކުން ރާއްޖެ އަށް ނެގެން އޮތް ފައިދާ އެނގެނީ ފެއާއަށް ގޮސް ސްޓަޑީކޮށްލުމުން ކަމަށް ބައްސާމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މި ފެއާގެ ތެރޭގައި ރާއްޖޭގެ ޓޫރިޒަމް މެދުއިރުމަތީގައި އިސްތިހާރު ކުރަން ސައޫދީގެ އެންމެ ބޮޑު ނެޓްވޯކް ކަމަށްވާ މިޑުލްއީސްޓް ބްރޯޑްކާސްޓިން ނެޓްވޯކް (އެމްބީސީ) އާއެކު މަޝްވަރާކޮށްފައިވާ ކަމަށެވެ.
މެދުއިރުމަތިން ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު އިތުރު ކުރެވޭނެ އެވެ، މިދިޔަ އަހަރުގެ ނިޔަލަށް މެދުއިރުމަތިން ރާއްޖެއަށް 80,000 ޓޫރިސްޓުން އައިސްފައިވެ އެވެ.