"ސްކޫލަށް އަދި އެހެނިހެން ކަންކަމުގައިވިޔަސް ގެންނަން ޖެހޭ ބޭރު މުވައްޒަފުން، ޓީޗަރުން އަދި އެހެނިހެން ފަރާތްތައް ތިބޭނެ ތަންތަން ކުއްޔަށް ހިފައިގެން ސަރުކާރުގެ ބަޖެޓުން ހަރަދުކުރުމުގައި މި އޮންނަނީ ވަރަށް ބޮޑަށް ދަތިވެފަ،"
ދައުލަތުގެ ބަޖުޓުގައި ހިމަނައިގެން އެކި ވަޒީފާތަކަށް ރަށުން ބޭރުން ގެންނަ މުވައްޒަފުން ބައިތިއްބާނެ އެކޮމޮޑޭޝަން ބްލޮކްތަކެއް އަޅަން ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި އެވެ.
އދ. އަތޮޅަށް މިއަދު ފެއްޓެވި ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު ދިގުރަށަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ކުރައްވައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ލޯކަލް ޓޫރިޒަމާއި އަދި އެހެނިހެން ކަންކަމާ ވެސް ގުޅިގެން ރަށުގެ ބިމު ކުލި ވަރަށް ބޮޑު ކަމަށެވެ.
އެރަށުގެ އިތުރުން އެހެން ރަށްރަށުގައި ވެސް ބިމު ކުލި އަގުބޮޑު ކަމަށާއި އޭގެ ސަބަބުން ސަރުކާރުގެ ބަޖެޓުން އެފަދަ މުވައްޒަފުން ކުއްޔަށް ބޭތިއްބުމަށް ބޮޑު ހަރަދެއް ކުރަން ޖެހޭ ކަމަށް ރައީސް ވިދާޅުވި އެވެ.
"ސްކޫލަށް އަދި އެހެނިހެން ކަންކަމުގައިވިޔަސް ގެންނަން ޖެހޭ ބޭރު މުވައްޒަފުން، ޓީޗަރުން އަދި އެހެނިހެން ފަރާތްތައް ތިބޭނެ ތަންތަން ކުއްޔަށް ހިފައިގެން ސަރުކާރުގެ ބަޖެޓުން ހަރަދުކުރުމުގައި މި އޮންނަނީ ވަރަށް ބޮޑަށް ދަތިވެފަ،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އެހެންކަމުން ސްކޫލާއި ސިއްހީ ހިދުމަތަށާއި އަދި އެހެނިހެން މުވައްސަސާތަކަށް ވެސް ރަށުން ބޭރުން ގެންނަ މުވައްޒަފުން ތިބޭނެ އެކޮމޮޑޭޝަން ބްލޮކް ގާއިމް ކުރުމަށް ބަޖެޓުގައި ހިމަނާނެ ކަމަށެވެ. އެގޮތުން، އަންނަ އަހަރުގެ ބަޖެޓުގައި ދިގުރަށުގައި އެފަދަ ތަނެއް ގާއިމް ކުރުމަށް ބަޖެޓު ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.
"މި އިމާރާތް އެޅުނީމައި ހަމަގައިމުވެސް ސްކޫލާއި އަދި އެހެނިހެން މުވައްސަސާތަކަށް ރަށުން ބޭރުން ހިދުމަތް ކުރަން ގެންނަން ޖެހޭ މީހުން ބޭތިއްބުމުގަ ވަރަށް ބޮޑު ލުއިތަކެއްވާނެ. މިއީ ސްކޫލަށް ވެސް އަދި އެހެނިހެން މުއައްސަސާތަކަށް ވެސް ބޭނުންވާ ކަމެއް،" ރައީސް ވިދާޅުވި އެވެ.
ބޭރު މުވައްޒަފުން ރަށަށް ގެނެސް، މިހާރު ބައިތިއްބަނީ އެމީހުން މަސައްކަތް ކުރާ ރަށެއްގެ އެކި ތަންތަން ކުއްޔަށް ހިފައިގެންނެވެ. އެމީހުންގެ ކުލި ދައްކަނީ އެކަމަށް ކަނޑަޅާފައިވާ ބަޖެޓުންނެވެ.