ފަލާހު ވިދާޅުވީ ފުލުހުންގެ ވާޖިބަށް ހުރަސްއަޅާ މަޖިލިސް މެމްބަރުންގެ ގޮނޑި ގެއްލެންޖެހޭކަމަށް

އެ ނޫން ގޮތަކަށް މެމްބަރުންނާމެދު އަމަލުކުރުމަކީ، ފަލާހު ވިދާޅުވި ގޮތުގައި އާންމުންނާއި މެމްބަރުންނާ ދެމެދު ތަފާތުކުރުމެވެ.

މަޖިލީހުގެ މެޖޯރިޓީ ލީޑަރު އިބްރާހިމް ފަލާހު

ފުލުހުންނާ ކުރިމަތިލައި، ވާޖިބަށް ހުރަސް އެޅޭ ގޮތަށް އަމަލުކުރާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ގޮނޑި ގެއްލޭގޮތަށް ގާނޫނު އިސްލާހުކުރަންޖެހޭކަމަށް، ވެރިކަންކުރާ ޕީއެންސީގެ ޕީޖީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެ އެވެ.

އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް ބައެއް ބަދަލުތައް ގެންނަން މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) ހުށަހެޅުއްވި ބިލަށް މިއަދުގެ ޖަލްސާގައި ކުރި ބަހުސްގައި ވާހަކަ ދައްކަވަމުން، ފަލާހު ވަނީ މިދިޔަ ހުކުރު ދުވަހުގެ ރޭ އިދިކޮޅު އެމްޑީޕީން ބޭއްވި މުޒާހަރާއަށް ފާޑުވިދާޅުވެފަ އެވެ. 

އެ މުޒާހަރާއަކީ "ނުރައްކާތެރި" ހަރަކާތެއްގެ ގޮތުގައި ސިފަކުރައްވައި، މަޖިލީހުގައި އެމްޑީޕީ ތަމްސީލުކުރައްވާ ބައެއް މެމްބަރުންގެ ފަރާތުން ވެސް ފުލުހުންނާ ކުރިމަތިލައި، ނާތަހުޒީބު އަމަލުތައް ހިންގިތަން ފެނިވަޑައިގަތް ކަމަށް ފަލާހު ވިދާޅުވި އެވެ.

"އަޅުގަނޑު ހިތާމަކުރަން، ކެންދޫ ދާއިރާގެ އިއްޒަތްތެރި މެންބަރު [މައުރޫފް ޒާކިރު] އަަޅުގަނޑު ދެކުނިން ބެރިކޭޑެއް ތެރެއަށް [ވަދެ] އޮއްވާ، ވަދެގެން އޮވެ، ފުލުހުންނަށް ހުރަސްއެޅި މަންޒަރު،" އޭނާ ވިދާޅުވި އެވެ.

"ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއް ވިޔަސް އެވަރުގެ ކުށެއް ކޮށްފިއްޔާ، އެ މެމްބަރެއްގެ ގޮނޑި ގެއްލެން ޖެހޭނެ އިއްޒަތްތެރި ރައީސް."

އެ ނޫން ގޮތަކަށް މެމްބަރުންނާމެދު އަމަލުކުރުމަކީ، ފަލާހު ވިދާޅުވި ގޮތުގައި އާންމުންނާއި މެމްބަރުންނާ ދެމެދު ތަފާތުކުރުމެވެ. 

އެހެންކަމުން، މިހާރު ހުރި ގާނޫނު އިސްލާހުކޮށްގެން، މަޖިލީހުގެ މެމްބަރުންގެ އެފަދަ އަމަލުތައް ހުއްޓުވަންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.