ވަޒީރުންގެ މަޖިލީހުން ވަނީ، އައްޑޫ ފޭދޫ، އައްޑޫ ހުޅުދޫ އަދި އައްޑޫ މީދޫގެ ނަމުގައި ކައުންސިލްތައް އުފައްދަން ފެނޭތޯ ބެލުމަށް އެ ސިޓީގެ ހުޅުދޫއާއި މީދޫއާއި ފޭދޫގެ ރައްޔިތުންގެ މެދުގައި އާންމު ވޯޓު ނެގުމަށް ނިންމާފަ އެވެ.
އައްޑޫ ސިޓީގެ އިދާރީ ދާއިރާގެ ކަންކަން ކަނޑައެޅުމުގައި ރައްޔިތުންގެ ހިޔާލު ހޯދަން މި މަހުގެ 24 ނުވަތަ 25 ވަނަ ދުވަހު ވޯޓު ނެގުމަށް ވަޒީރުންގެ މަޖިލީހުން ނިންމައިފި އެވެ.
މި ވޯޓަކީ ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ގާނޫނުގެ ދަށުން ނަގާ ފުރަތަމަ ވޯޓެވެ.
ރައީސް އޮފީހުން މިރޭ ބުނީ އައްޑޫ ސިޓީ ކައުންސިލް އެކުލަވާލާފައިވާ ގޮތަށް ބަދަލު ގެންނަން ބޭނުންވާކަމަށް އައްޑޫ ސިޓީގެ ބައެއް ފަރާތްތަކުން ރައީސް ޑރ. މުހައްމަދު މުއިއްޒަށް ހުށަހަޅާފައިވާ މައްސަލައާ ގުޅިގެން، އެ ސިޓީގެ ރައްޔިތުން އެދޭ ގޮތާއި، ރައްޔިތުންގެ ހިޔާލު ހުރިގޮތް ދެނެގަތުމަށްޓަކައި ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމާ ބެހޭ ގޮތުން ކުރަންޖެހޭ އިންތިޒާމުތައް ކުރުމަށް މިއަދު ވަޒީރުންގެ މަޖިލީހުން ނިންމާފައިވާ ކަމަށެވެ.
އެއީ އައްޑޫ ފޭދޫ، އައްޑޫ ހުޅުދޫ އަދި އައްޑޫ މީދޫގެ ނަމުގައި ކައުންސިލްތައް އުފައްދަން ފެނޭތޯ ބެލުމަށް އެ ސިޓީގެ ހުޅުދޫއާއި މީދޫއާއި ފޭދޫގެ ރައްޔިތުންގެ މެދުގައި އާންމު ވޯޓެއް ނެގުމަށެވެ.
އޭގެ އިތުރުން، އައްޑޫ ހުޅުދުއާއި އައްޑޫ މީދޫ، އެއް ރަށު ކައުންސިލެއްގެ ދަށުން ހިންގުމަށްޓަކައި ދެ ރަށުގައި އެއް ކައުންސިލް (އައްޑޫ ހުޅުމީދޫ ކައުންސިލް) އުފައްދަން ފެނޭތޯ ބެލުމަށް މި ވޯޓުގައި ހިމެނުމަށް ވެސް އެ މަޖިލީހުން ވަނީ ނިންމާފަ އެވެ.
ރައީސް އޮފީހުން ބުނީ އެ ރަށްރަށުގެ ރަޖިސްޓްރީގައިވާ ވޯޓުލުމުގެ ހައްގު ލިބިފައިވާ އެންމެން ބައިވެރިވާ ގޮތަށް، މި ވޯޓު ކުރިއަށް ގެންދިއުމަށް ނިންމަވާފައިވަނީ، މި މަހުގެ 24 އަދި 25 ވާ ހަފުތާ ބަންދުގެ ތެރެއިން ދުވަހެއްގައި ކަމަށެވެ.
މީގެ އިތުރުން، އާންމު ވޯޓުގެ ކުރިން، ވޯޓުގެ ނަތީޖާއާ ގުޅިގެން އައްޑޫ ސިޓީގެ ރަށްރަށުގެ އިހުތިސޯސަށް އަތުވެދާނެ ބަދަލުތައް ދެނެގަތުމަށްޓަކައި، ލޯކަލް ގަވަމެންޓް މިނިސްޓްރީން އިސްނަގައިގެން މިނިސްޓްރީ ލެވެލްގެ ޓީމެއް އެކުލަވައިލައި، އެޓީމުގެ ދަށުން އައްޑޫގެ ކޮންޓެކްސްޓް އެނގޭ ބޭފުޅުންގެ ފަންނީ ޓީމެއް އެކުލަވައިލައިގެން އެ ސިޓީގެ ރަށްރަށުގެ އިހުތިސޯސާ ގުޅޭ މަސައްކަތްތައް ފެށުމަށް ވެސް ވަނީ ނިންމާފަ އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރިން ވިދާޅުވެފައި ވަނީ މި ވޯޓަކީ ވަރަށް މުހިންމު، އަދި ތާރީހީ ވޯޓެއް ކަމަށާއި، މިކަމުގެ ސަބަބުން ރައްޔިތުން އެދިވަޑައިގަންނަވާ ގޮތަށް ކަންކަން ކުރިއަށް ގެންދިއުމަށް ވަރަށް ބޮޑަށް ފުރުސަތު ލިބިގެންދާނެ ކަމަށެވެ.