"ރާއްޖޭގެ ބުކް އޮފް ރެކޯޑްސް ރަމްޒުކޮށްދެނީ ފަތުރުވެރިކަމުގެ އާ ސަފްހާއެއް. މިކަމުގެ ސަބަބުން ދިވެހިންނާއި ރާއްޖޭގެ އެކި ލަނޑުދަނޑިތައް ޝައުގުވެރި އަދި ނަމޫނާ ތަފާތު ހަނދާންތަކަކަށް ވެގެންދާނެ،"
މިއީ ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުން ފަތުރުވެރިންގެ މެދުގައި މަގުބޫލު މަންޒިލެއްގެ ގޮތުގައި ރާއްޖެ އިޝްތިހާރުކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން، ރާއްޖޭގެ ގުދުރަތީ ރީތިކަމާއި، ސަގާފަތް އާލާކޮށް، ދިވެހިންގެ ހުނަރުވެރިކަން ދައްކާލުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ފެށި ގައުމީ ފެންވަރުގެ މަސައްކަތެކެވެ.
މިމަހުގެ ތިނެއްގައި ފާހަގަކުރާ ގައުމީ ފަތުރުވެރިކަމުގެ ދުވަހާ ގުޅުވައިގެން ވީއެމްސީން މި ލޯންޗުކުރި ބުކް އޮފް ރެކޯޑްސް މަސައްކަތުގެ ދަށުން، ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ތަފާތު ރެކޯޑުތައް ގާއިމްކުރުމަށް ކުރިއަށް ގެންދާ ހަރަކާތްތައް ބަލާލައި ތަފާތު ތަޖުރިބާތަކެއް ކުރުމުގެ ފުރުސަތު ފަހިވެގެން ދާނެ އެވެ.
ވިޒިޓް މޯލްޑިވްސް އިން ބުނީ ފަތުރުވެރިންގެ މެދުގައި މަގުބޫލުކަން ލިބިފައިފައިވާ ވިލުނޫ ފަޅުތަކާއި، މުރަކަ ފަރުތަކާއި ލަގްޒަރީ މެހެމާންދާރީގެ އިތުރުން، ރާއްޖެއަކީ ތަފާތު ކުރިއެރުންތައް ހޯދުމަށް ޝައުގުވެރި މަސައްކަތްތަކެއް ކުރެވޭ ގައުމެއްގެ ގޮތުގައި މިކަމުގެ ސަބަބުން ފާހަގަކުރެވިގެން ދާނެ ކަމަށެވެ.
އަދި، ބުކް އޮފް ރެކޯޑްސްގައި މީހުންގެ އެކި ހުނަރުތަކުގެ އިތުރުން ރާއްޖޭގެ އެންމެ ބޮޑު ފަޅާއި، އެންމެ ދުވަސްވީ މިސްކިތާއި، އެންމެ ފުން ޑައިވް ޕޮއިންޓުތައް ގޮތުގައި ތަންތަނަށް ވެސް ލަގަބުތައްދީ ޝާއިއުކުރެވޭނެ ކަމަށާއި، މި ކޮންމެ ރެކޯޑެއްވެސް ވެގެންދާނީ ފަތުރުވެރިންގެ މެދުގައި ތަޖުރިބާކޮށްލުމަށް އާ ވާހަކަތަކަކާއި ކަންތައްތަކެއް ހިމެނޭ މުހިންމު ރެކޯޑުތަކަކަށްކަން ވީއެމްސީން ބުންޏެވެ.
މި މަސައްކަތުގެ ސަބަބުން ދިވެހިންނާއި ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ މެދުގައި ކުޅިވަރުގެ ދާއިރާއިންނާއި، ކަނޑުފަޅުގެ އެކި ހޯދުންތަކާއި، ދިވެހި ސަގާފަތް އަދި ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމަށް ކުރެވޭ މަސައްކަތްތަކާއި ފަންނުވެރިކަމުގެ ރޮނގުން އެކި އެކި ރެކޯޑްތައް ގާއިމްކުރުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފަ އެވެ.
"ރާއްޖޭގެ ބުކް އޮފް ރެކޯޑްސް ރަމްޒުކޮށްދެނީ ފަތުރުވެރިކަމުގެ އާ ސަފްހާއެއް. މިކަމުގެ ސަބަބުން ދިވެހިންނާއި ރާއްޖޭގެ އެކި ލަނޑުދަނޑިތައް ޝައުގުވެރި އަދި ނަމޫނާ ތަފާތު ހަނދާންތަކަކަށް ވެގެންދާނެ،" ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ އިބްރާހީމް ޝިއުރީ ވިދާޅުވި އެވެ.
ވީއެމްސީން ބުނީ ކުރިއަށް އޮތް ތަނުގައި ބުކް އޮފް ރެކޯޑްސްގައި އާ ކާމިޔާބީތާއި ވާހަކަތައް ޝާއިއުވެގެން ދާނެ ކަމަށެވެ. މިގޮތުން ދެމެހެއްޓޭ ކޮންމެ ރެކޯޑެއް ވެގެންދާނީ ރާއްޖެ އަންނަ ފަތުރުވެރިން އެނބުރި އައުމަށް ހިތްވަރު ލިބި، މިކަންކަމުގެ ތެރެއިން އެފަރާތްތަކަށް ރާއްޖޭގެ ސަގާފަތާއި ރީތިކަން އިތުރަށް ފެނި ތަފާތު ތަޖުރިބާތަކެއް ކުރެވޭ މަންޒިލެއްގެ ގޮތުގައި ބަލައިގަތުމަށް ލިބޭނެ ހިތްވަރަކަށް ކަމަށެވެ.