ރަސްމާލެ ޑިޓެއިލް ޑިޒައިން މާސްޓަ ޕްލޭންނަށް ކޮންސަލްޓެންޓެއް ހޯދަނީ

ރަސްމާލެ މަޝްރޫއު ފަރުމާކޮށްފައިވަނީ 65000 ގެދޮރުގެ އާބާދީއަކަށެވެ. މި ތަނުގައި 15000 ހައުސިން ޔުނިޓުގެ މަސައްކަތް ޗައިނާގެ ކުންފުންޏަކާ ވަނީ ހަވާލުކޮށްފަ އެވެ.

ރަސްމާލެ ތަރައްގީކުރަން ހިއްކާފައިވާ 101 ހެކްޓަރުގެ ބިން -- ފޮޓޯ: އެޗްޑީސީ

ރަސްމާލެ ޑިޒައިންކޮށް ޑީޓެއިލް މާސްޓަ ފްލޭން ތައްޔާރު ކުރަން ކޮންސެލްޓެންޓެއް ހޯދުމުގެ މަސައްކަތް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިން އިން ހޯދަން އިއުލާނުކޮށްފި އެވެ. 

ފިނޭންސް މިނިސްޓްރީން ބުނީ ރަސްމާލެ ޑިޒައިންކޮށް ޑީޓެއިލް މާސްޓަ ޕްލޭނެއް ތައްޔާރުކުރުމަށް ކޮންސަލްޓަންސީ ސާވިސް ދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެ އެވެ. ވީމާ، މިސައްކަތަށް އެކްސްޕްރެޝަން އޮފް އިންޓްރެސްޓް (އީއޯއައި) ހުށަހެޅުމުގެ ފުރުސަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލާފަ އެވެ. 

މިކަން ކުރާ ސަބަބު - މި ކޮންސަލްޓެންސީގެ މައިގަނޑު މަގްސަދަކީ ކްލައިމެޓް ރިސްކް އެޑެޕްޓިވް އައިލެންޑް ޕްލޭނިން މޮޑެލް އުސޫލުތަކަށް ފެތޭ އަދި ތިމާވެށީގެ ގޮތުން ދެމެހެއްޓެނިވި އިޤްތިސާދީ ގޮތުން ފުދުންތެރި މާސްޓަ ޕްލޭނެއް އެކުލަވާލުމެވެ. މި ޕްލޭނަކީ ދުރު ރާސްތާގެ ތަރައްގީއަށް މަގުފަހިކޮށްދޭ، އަދި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވެދާނެ ގޮންޖެހުންތަކަށް ބިނާކުރެވިފައިވާ ރޭވުންތެރި ޕްލޭނަކަށް ވާނެ އެވެ.

ފިނޭންސުން ބުނީ މި މަސައްކަތައް ޝަޢުޤުވެރިވާ ފަރާތްތަކުން މަސައްކަތް ކުރުމުގެ ޤާބިލްކަން ސާބިތުކޮށްދޭ ލިޔެކިޔުން ކުންފުނީގެ ފަންނީ ޤާބިލު ކަން، ގުޅޭ ދާއިރާއިން ކޮށްފައިވާ މަސައްކަތްތަކުގެ ތަފްސީލްތައް މަސައްކަތްތަކުގެ އަގު އެނގޭނޭހެން، ކުންފުނީގެ މުވައްޒަފުންގެ މިފަދަ މަސައްކަތްތަކުގެ ހުނަރާއި ޤާބިލުކަން އަދި ކުންފުނީގެ މިފަދަ މަސައްކަތުގެ މަޢުލޫމާތު ހިމެނޭހެން) ހުށަހަޅަ ޖެހެ އެވެ. މި ހިދުމަތްދޭނެ ފަރާތެއް ޝޯޓްލިސްޓް ކުރުމަށް ހަމަޖެހިފައިވާ ކްރައިޓީރިއާ ޓާމްސް އޮފް ރެފަރެންސް (ޓީއޯއާރު) ގައި ހިމަނާފައިވާނެ އެވެ. 

އެ މިނިސްޓްރީން ބުނީ ކޮންސަލްޓަންޓެއް ހޮވާނީ ދައުލަތުގެ މާލިއްޔަތުގެ ގަވައިދުގައި ބަޔާންކޮށްފައިވާ ކޮލިޓީ އެންޑް ކޮސްޓް ބޭސްޑް ސިލެކްޝަން މެތަޑް އާއި އެއްގޮތްވާ ގޮތުގެ މަތިންނެވެ. މިކަމަށް ބިޑް ހުށަހަޅަން ޖެހެނީ މިމަހުގެ 14 ވަނަ ދުވަހު އެވެ. 

ފުށިދިއްގަރު ފަޅު ތެރޭން ރަސްމާލެ އުފައްދަނީ އިކޯ ސިޓީ އެއްގެ ގޮތުގަ އެވެ. ރަސްމާލެ ތަރައްގީކޮށް ދުނިޔޭގައި ބްރޭންޑް ކުރާނީ ވެސް "މޯލްޑިވްސް އިކޯ ސިޓީ" ގެ ގޮތުގަ އެވެ. ދަތުރު ފަތުރަށް ހާއްސަކޮށް ބޯޓު ޖެއްސޭނެ އެއާ ސްޓްރިޕް / ރަންވޭއަކާއި ދަތުރު ކުރާއިރު ކަނޑުގެ ރާޅު ތަކުން އުނދަގޫ ނުވާނެ ގޮތަށް "ބޮއިން 929 ޖެޓްފޮއިލް" ފަދަ ފެރީ ނިޒާމެއް ނުވަތަ އެ ޒާތާ ގާތްކުރާ "ރަސްވޭ" އެއް ކަނޑުމަތީގައި އޮންނާނެ އެވެ. އެފަދަ ފެރީ ނިޒާމެއް ވެގެންދާނީ ދަތުރު ކުރާއިރު ކަނޑުގެ ރާޅުން ދައްޗެއް ނުވާނެ ގޮތަށް ފަރުމާ ކޮށްފައިވާ ފްލީޓެއް އޮންނަ ނިޒާމަކަށެވެ. 

ދިވެހިންގެ އިކޯ ސިޓީ

  •  ރަސްމާލެއަކީ 20 އަހަރުގެ ޕްލޭނެއް ހިމެނޭ ސިޓީއެއް
  •  ހުޅުމާލޭގެ ދެ ފޭސްއަށް ވުރެ ތިން ގުނަ ބޮޑު ސިޓީއެއް
  •  މި މަޝްރޫއަށް 1280 ހެކްޓަރުގެ ބިން ހިއްކާނެ
  •  އެ ސިޓީ ތަރައްގީ ކުރަނީ މާލެ ނުގޮސް ފަރުޖެހޭ ފެންވަރުގައި
  •  އެންމެ ޒަމާނީ ހައި ސްޕީޑް ފުރިހަމަ ފެރީ ނިޒާމެއް އޮންނާނެ
  •  މިއީ ރައީސް މުއިއްޒުގެ ބޯހިޔާވަހިކަމުގެ "ޓޯޓަލް ސޮލިއުޝަން"ގެ ސިޔާސަތުގެ ދަށުން ހަދާ ސިޓީއެއް
  •  ހައުސިން ސިނާއަތަށް އިންގިލާބީ އަދި ތާރީހީ ބޮޑު ކުރި އެރުމެއް ލިބޭނެ
  •  މުޅި ސިޓީ އޮންނާނީ ތިމާވެއްޓާ ރަހުމަތްތެރިކޮށް
  •  ރަސްމާލެއާ ކައިރީން ފަޅެއްގައި އެއާ ސްޓްރިޕެއް
  •  ރަށް ތަރައްގީ ކުރަނީ ސޭފް އައިލެންޑެއްގެ ގޮތުގައި
  •  އެއްފަހަރާ 65،000 ރައްޔިތުންނަށް ބޯހިޔާވަހިކަން
  •  މި ސިޓީގައި 1600 އަކަފޫޓްގެ 11،000 ގޯއްޗާއި 1400 އަކަފޫޓްގެ 20،000 ފްލެޓް
  •  ޔޮޓް މެރީނާ އާއި ކްރޫޒް ޓާމިނަލް ހިމެނޭނެ
  •  ގެސްޓްހައުސް އާއި ޓޫރިޒަމަށް ހާއްސަ ވަކި ދެ ރަށެއް އެ ފަޅުގައި ތަރައްގީކުރާނެ
  •  ވިޔަފާރި އަދި ކުޅިވަރަށް ހާއްސަ ސަރަހައްދެއް ތަރައްގީ ކުރާނެ

ރަސްމާލެ ހިއްކުން ނުހުއްޓި ކުރިއަށްދާއިރު، ހުޅުމާލެ ފުރަތަމަ ފިޔަވައްސާ އެއްވަރުގެ ސަރަހައްދެއް ފުށިދިއްގަރު ފަޅުން ހިއްކައިފި ވެ އެވެ. 

ފުށިދިއްގަރު ފަޅުގައި ތަރައްގީ ކުރާ ރަސްމާލެ މަޝްރޫއަކީ 1153 ހެކްޓަރުގެ މަޝްރޫއެކެވެ. މި މަޝްރޫއުގެ ދަށުން 1009 ހެކްޓަރުގެ ބިން ހިއްކާނެ އެވެ. މި މަޝްރޫއު ކުރިއަށް ގެންދަނީ 11 ސަރަޙައްދަކަށް ބަހާލައިގެން ދެ ކުންފުންޏަކުންނެވެ. މި ރަށް ހިއްކަމުން ގެންދަނީ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީއާއި މޯހަން މުތާ އެކްސްޕޯޓްސް އިންނެވެ. ނަމަވެސް ބިން ހިއްކުމުގެ މަސައްކަތް އަވަސްކުރުމުގެ ގޮތުން މިމަހުގެ ތެރޭ ވަނީ ޗައިނާގެ ހާބާ އިންޖިނިއަރިން ކުންފުންޏާ ވަނީ މަސައްކަތް ހަވާލުކޮށްފަ އެވެ.

އެޗްޑީސީން އެންމެފަހުން ބުނެފައިވާ ގޮތުގައި މިހާރު ކުރަމުން ގެންދަނީ ސައިޓް މޮބިލަިއޒްކޮށް ބިން ހިއްކަން ފަށަން ގޮންޑޮލް ޖެހުމުގެ މަސައްކަތެވެ. މި މަސައްކަތް އަވަސް ކުރުމުގެ ގޮތުން އިތުރު ޑްރެޖަރެއް ގެންނަން ވަނީ ނިންމާފަ އެވެ.

ރަސްމާލެ މަޝްރޫއު ފަރުމާކޮށްފައިވަނީ 65000 ގެދޮރުގެ އާބާދީއަކަށެވެ. މި ތަނުގައި 15000 ހައުސިން ޔުނިޓުގެ މަސައްކަތް ޗައިނާގެ ކުންފުންޏަކާ ވަނީ ހަވާލުކޮށްފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.