އަންހެން ފުލުހަށް އަނިޔާވެފައި ވަނީ ޝީލްޑާއެކު ވެއްޓި، އޭނާގެ ގައިމަތިން މުޒާހަރާގެ ބައިވެރިން ހިނގުމުގެ ސަބަބުން ކަމަށް ފުލުހުން ބުންޏެވެ.

އެމްޑީޕީން "ލޫޓުވާލައިފި" ގެ ނަމުގައި ރޭ ބޭއްވި މުޒާހަރާ ކޮންޓްރޯލް ކުރުމުގެ ތެރޭގައި ތިން ފުލުހަކަށް އަނިޔާވެފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
އާޓިފިޝަލް ބީޗު ސަރަހައްދުގައި ރޭ ފެށި އެ މުޒާހަރާ ފުލުހުން ހުއްޓުވީ މަޖީދީމަގަށް އަޅަން ދިއުމުންނެވެ. މުޒާހަރާ ހުއްޓުވަން ޝީލްޑު ހިފައިގެން ތިބި ރަޔަޓު ފުލުހުންގެ ސަފުތައް ފޫއަޅުވައިލަން މުޒާހަރާގެ ބައިވެރިން މަސައްކަތް ކުރުމުން، ފުލުހުން ވަނީ ޕެޕާ ސްޕްރޭގެ އިތުރުން އެލްއާރުއޭޑީ އެލާމް ވެސް ބޭނުންކޮށްފަ އެވެ.
ފުލުހުން މިރޭ މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ މުޒާހަރާ ކޮންޓްރޯލް ކުރަން އުޅުމުގެ ތެރޭގައި އަނިޔާވެފައި ވަނީ އަންހެން ފުލުހަކަށާއި ދެ ފިރިހެން ފުލުހުންނަށް ކަމަށެވެ. އަންހެން ފުލުހަށް އަނިޔާވެފައި ވަނީ ޝީލްޑާއެކު ވެއްޓި، އޭނާގެ ގައިމަތިން މުޒާހަރާގެ ބައިވެރިން ހިނގުމުގެ ސަބަބުން ކަމަށް ފުލުހުން ބުންޏެވެ.
އަދި، ދެ ފިރިހެން ފުލުހުންގެ ތެރެއިން އެކަކަށް އަނިޔާވެފައި ވަނީ ބެރިކޭޑުން ޖެހުމުގެ ސަބަބުން ކަމަށާއި ތިންވަނަ އޮފިސަރަށް އަނިޔާވީ، ޝީލްޑްތަކުގައި އެއްވުމުގެ ބައިވެރިން ޖެހުމުގެ ސަބަބުބް ކަމަށް ފުލުހުން ބުންޏެވެ. އަނިޔާވި ތިން ފުލުހުންނަށް ވެސް ހޮސްޕިޓަލުގައި ފަރުވާ ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން މިރޭ ވަނީ މި މުޒާހަރާއާ ގުޅިގެން ބަޔާނެއް ވެސް ނެރެފަ އެވެ. އެ ބަޔާނުގައި ބުނެފައި ވަނީ އެއްވުން ރޫޅައިލީ ފުލުހުންނާއެކު ކުރިން މަޝްވަރާ ކުރި ގޮތާ ހިލާފަށް އަމަލުކުރުމުން ކަމަށެވެ. އަދި މުޒާހަރާގައި ބޭނުން ކޮށްފައި ވަނީ ފުލުހުންނަށް ލިބިދީފައިވާ ބާރާއި އިހުތިޔާރުގެ ބޭނުންކުރުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދުގެ ދަށުން ހުއް ހުއްދަކޮށްފައިވާ ބާރުތައް ކަމަށެވެ. އަދި އެފަދައިން ބާރުގެ ބޭނުންކުރުމުގައި ނަގަހައްޓަންޖެހޭ އަސާސްތައް ނަގަހައްޓާފައިވާ ކަމަށް ވެސް ބުންޏެވެ.
މި މުޒާހަރާގެ ތެރެއިން ހައްޔަރު ކުރި ހަ މީހަކު ވަނީ 15 ދުވަހަށް ބަންދުކޮށްފަ އެވެ. އޭގެ ތެރޭގައި މަޖިލީހުގެ ކުރީގެ މެންބަރު ޔާސިރު އަބްދުއްލަތީފާއި ކުރީގެ މެންބަރު ޔައުގޫބު އަބްދުﷲގެ އިތުރުން މާފުށީ ކައުންސިލްގެ ރައީސް ހަސަން ސޮލާހު ހިމެނެ އެވެ.
އަދި މުޒާހަރާގެ ބައިވެރިއަކަށް ހާޓްއެޓޭކެއް ޖެހިގެން ދަނީ ފަރުވާ ދެމުންނެވެ.