ރާއްޖޭގެ ކުންފުނި ރަޖިސްޓްރީ 10،000 އަށްވުރެ އިތުރެވެ. މިގޮތުން 2020 ވަނަ އަހަރު 4,924 ކުންފުންޏެއް އުވާލި އެވެ.
ކުންފުނި ހަދައި ތަފާތު އެކި ސަބަބުތަކާހުރެ ބޭއްވުން މިއީ އާއްމުކަމެވެ. މި ފަދަ ކަރުދާސް ކުންފުނިތަކަށް އެންމެފަހުން ޖެހޭ ވަޑާމަކީ އަހަރީ ފީ ނުދެއްކި ކުންފުނި ޖޫރިމަނާވުމެވެ. އެންމެފަހުން ނުހިންގޭވަރުވުމެވެ. އިކޮނޮމިކް މިނިސްޓްރީގެ މައުލޫމާތުތައް ދައްކާ ގޮތުން މިފަދަ 6900 އަށްވުރެ ގިނަ ކުންފުނީގެ ލިސްޓެއް އެ މިނސްޓްރީގައި އެބައޮތެވެ. އެ މިނިސްޓްރީން މިވަނީ މިފަދަ ކުންފުނިތައް އަލުން ދިރުވައި އޮޕަރޭޝަނަށް ގެންނަން އިތުރު ފުރުސަތެއް ދީފަ އެވެ.
ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ގާނޫނުގެ 75 ވަނަ މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރުގެ ދަށުން އުވާލުމަށް ރަޖިސްޓްރާ ކަނޑައަޅައިފައިވާ ކުންފުނިތަކާ ގުޅޭގޮތުން އަމަލުކުރާނެ އިޖުރާތުތައް ބަޔާންކުރުމުގެ ގަވާއިދުގެ ދަށުން، އުވާލުމަށް ކަނޑައަޅާފައިވާ ކުންފުނިތަކުގެ ލިސްޓް މި އިއުލާނާއިއެކު އާއްމު ކުރަން ޖެހެ އެވެ. އިކޮނޮމިކް މިނިސްޓްރީން ނެރެފައިވާ ހަރަކާކްތެރިނުވާ ކުންފުންޏެއްގެ ގޮތުގައި ކަނޑައަޅާފައިވާ ލިސްޓުގައި ޖުމްލަ 6914 ކުންފުންޏެއް އެބައޮތެވެ. މީގެ ގިނަ ކުންފުނިތަކަކީ ތަފާތު ސަބަބުތަކާހުރެ ވިޔަފާރި ހުއްޓިފައިވާ ކުންފުނިތަކެވެ.
އެ މިނިސްޓްރީން ވަނީ މި ކުންފުނިތަކުގެ ލިސްޓުގައި ހިމެނޭ އެއްވެސް ކުންފުންޏަކުން އަލުން ޙަރަކާތްތެރިވުމަށް ނުވަތަ ހިންގުމަށް އެދޭ މި އަހަރުގެ ނިޔަލަށް އެ ފުރުސަތު ދީފަ އެވެ ކުންފުނި ހިންގަން ބޭނުންވާކަން އަންގައިދިނުމަށް ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ފާސްކޮށްފައިވާ ގަރާރު މި މިނިސްޓްރީގެ ބިޒްނަސް ޕޯޓަލްއަށް ހުށަހަޅަން އެދިފައިވެ އެވެ.
އެ މިނިސްޓްރީން ބުނީ މި ލިސްޓުގައި ހިމެނޭ ކުންފުންޏެއްގެ މައްޗަށް އެއްވެސް ދަރަންޏެއް ނުވަތަ ދައުވާއެއް އޮތްނަމަ ގަވާއިދުގެ ދަށުން އުވާލުމަށް ރަޖިސްޓަރާ ކަނޑައަޅައިފައިވާ ކުންފުނިތަކާ ގުޅޭގޮތުން ޢަމަލުކުރާނެ އިޖުރާތުތައް ފުރިހަމަ ކުރަން ޖެހެ އެވެ.
ރާއްޖޭގައި ހަަރަކާތްތެރި ނުވާ ކުންފުންޏެއް ގޮތުގައި ބަލާ ސަބަބުތަކުގެ ތެރޭގައި ކުރިން ގާނޫނުން ދައްކަން ޖެހުނު އެނައުލް ފީ ނުދެއްކުން ހިމެނެ އެވެ. އަދި ފައިނޭންޝަލް ސްޓޭޓްމަންޓް ހުނޭޅުމާއި ދައުލަތަށް ޓެކްސް ނުދެއްުކުން އަދި މީރާއަށް ހުށަހަޅަން ޖެހޭ ޓެކްސް ބަޔާންތައް ހުށަހޭޅުން ހިމެނެ އެވެ. އަދި ކުންފުންޏެއްގ ޑިރެކްޓަރުންގެ ބޯޑް ނެތުމާއި ގާނޫނުގައި ވާގޮތަށް ކުންފުނި ހިންގުމަށްޓަކައި މަދުވެގެން އެކަކު ހިމެނޭ ޑިރެކްޓަރުންގެ ބޯޑެއް ނުވަތަ ކުންފުނީގެ އެހެނިހެން ލިޔެކިޔުންތައް ގާނޫނުގައި ވާ ގޮތަށް ބަލަހައްޓަމުން ނުދިއުން ހިމެނެ އެވެ.
މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގައި އިކޮމިކް މިނިސްޓްރީން ވަނީ ގިނަ އަދަދެއްގެ ކުންފުނި ހަރަކާތްތެރިނުވާ ކަމަށް ކަނޑައަޅައި، އެ ކުންފުނިތައް އުވާލުމުގެ މަސައްކަތް ފަށާފައެވެ. މި ކުންފުނިތައް ހަރަކާތްތެރިނުވާ ކަމަށް ކަނޑައެޅުނު މައިގަނޑު ސަބަބަކީ އަަހަރީ ފީ ނުދެއްކުމެވެ. އިކޮނޮމިކް މިނިސްޓްރީން ހަރަކާތްތެރި ނުވާ 4,924 ކުންފުންޏެއް 2020 ވަނަ އަހަރު އުވާލި އެވެ. މިހާތަނަށް އުވާލާފައިވާ ކުންފުނީގެ އަދަދު 5،000 އަރާނެ ކަމަށް އަންދާޒާ ކުރެވެ އެވެ. އަދި ރާއްޖޭގެ ކުންފުނި ރަޖިސްޓްރީގައި 10،000 އަށްވުރެ ގިނަ ކުންފުނި ހުރިކަމަށް ދައްކަ އެވެ.