ފުލުހުން ބުނީ، ފުލުހުން ކުރިއަށްގެންދާ އޮޕަރޭޝަނަކާ ގުޅިގެން މިއަދާއި މިރޭގެ އެކި ވަގުތުތަކުގައި އާންމު ޓްރެފިކަށާއި ހިނގާ މީހުންނަށް މާލޭގެ އެކި ސަރަހައްދުތައް ބަންދުކުރެވޭނެ ކަމަށެވެ.

އިދިކޮޅު އެމްޑީޕީން މިރޭ މާލޭގައި ބޮޑު އެއްވުމެއް ބާއްވަން ތައްޔާރުވަމުންދާއިރު، މާލޭގެ ބައެއް މަގުތައް ބަންދުކުރަން ނިންމާފައިވާ ކަން ފުލުހުން އިއުލާނުކޮށްފި އެވެ.
އެކްސްގައި ކުރި ޕޯސްޓެއްގައި ފުލުހުން ބުނީ، ފުލުހުން ކުރިއަށްގެންދާ އޮޕަރޭޝަނަކާ ގުޅިގެން މިއަދާއި މިރޭގެ އެކި ވަގުތުތަކުގައި އާންމު ޓްރެފިކަށާއި ހިނގާ މީހުންނަށް މާލޭގެ އެކި ސަރަހައްދުތައް ބަންދުކުރެވޭނެ ކަމަށެވެ.
ނަމަވެސް، ބަންދުކުރަނީ ކޮން މަގުތަކެއް ކަމަށް ފުލުހުން ނުބުނެ އެވެ.
އެމްޑީޕީން ދަނީ ރާއްޖޭގެ އެކި ހިސާބުތަކުން މީހުންނާ އެކު "ލޫޓޫވައިފި ލޫޓޫވައިފި" ނަމުގައި މިރޭ 8:30 ގައި މާލޭގައި ބޮޑު މުޒާހަރާއެއް ބޭއްވުމަށް ތައްޔާރުވަމުންނެވެ.
އެ އެއްވުމުގެ ތެރެއިން ހަމަނުޖެހުން އުފައްދައި، ތަންތަނަށް ގެއްލުންދޭން ރާވަމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
ނަމަވެސް، އެމްޑީޕީން ވަނީ އެކަން ދޮގުކޮށް، ހަމަނުޖެހުން އުފައްދަން އުޅެނީ ސަރުކާރުން ރާވައިގެން ކަމަށް ތުހުމަތުކޮށްފަ އެވެ.