އެޗްޑީސީއިން ބުނީ އެ ކުންފުނިން ކަނޑައަޅާފައިވާ އިޖުރާތުގެ ބޭރުން ބިން ވިއްކާފައި ހުރިކަން ފާހަގަ ކުރެވެ އެވެ.
މިދިޔަ ފަސް އަހަރު ކަމަށްވާ 2019 އިން 2023 ގެ ނިޔަލަށް އެޗްޑީސީގެ ބިމާއި މުދަލާއި ހިދުމަތުން 200 މިލިއަން ރުފިޔާގެ ހިޔާނާތެއް ފާހަގަ ވެފައިވާ ކަމަށާ، މިކަންތަކުގެ ފުރިހަމަ ތަހުގީގެއް ހިންގަން ކަމާބެހޭ ފަރާތްތަކަށް ހަވާލުކޮށްފައިވާ ކަމަށް ބުނެފި އެވެ.
އެޗްޑީސީ އިން ބުނީ މި ހިޔާނާތުގެ ތެރޭގައި އެ ކުންފުނީގެ މުދަލުން ވައްކަން ކުރުމާއި އެ ކުންފުނީގެ މުދާ އަމިއްލަ ބޭނުމަށް ބޭނުން ހިފުމާއި ކުންފުންޏަށް ގެއްލުންވާ ގޮތަށް ބިންތައް ދޫކުރުން ހިމެނެ އެވެ.
"މީގެ އިތުރުން މި ކުންފުނިން ކަނޑައަޅާފައިވާ އިޖުރާތުގެ ބޭރުން ބިން ވިއްކާފައި ހުރިކަން ފާހަގަ ކުރެވެ އެވެ. އެހެންކަމުން މިކަންކަން ތަހުގީގު ކުރަން އަޅަން ޖެހޭ ފިޔަވަޅު އަޅަން މި ކުންފުނިން ފުރިހަމަ އެއްބާރުލުން ދޭނެ ވާހަކަ ދަންނަވަމެވެ،" އެޗްޑީސީގެ ބަޔާނުގައިވެ އެވެ.
ހުޅުމާލެ ބަލަހައްޓާ ކުންފުނިން ހިޔާނަތުގެ އެތައް ކަމެއް ހިނގާ ކަމަށް މިދިޔަ ފަސް އަހަރުވެސް އަޑުފެތުރުނެވެ. އަދި އެ ކުންފުނީގެ ވަޒީފާތަކަށް ކުނަތާ ވަރަށް މީހުން ވެއްދުމުގެ މައްސަލަތައް ފެންމަތިވެފައިވެ އެވެ.