ހަންކެޑެއަކީ ކުރިން ފަންޑު މެނޭޖުމަންޓުން ބަލަހައްޓާ ގޮތަށް ޓޫރިޒަމް ތަރައްގީ ކުރަން އުޅުނު ރަށެކެވެ. އަދި ދޮންހެރައަކީ ވެސް ޓޫރިޒަމް ތަރައްގީ ކުރަން ސ. މީދޫ ފަޅުން ބައެއް ހިއްކައިގެން ހެދި ރަށެކެވެ.
އައްޑޫ ހަންކެޑެ އަކީ ރިއަލްއެސްޓޭޓް ޓޫރިޒަމަށް ދޫކުރާ ސަރަހައްދެއް ކަމަށް ކަނޑައެޅި ގަރާރު ބާތިލް ކުރުމަށްފަހު، އެ ރަށް ރިއަލް އެސްޓޭޓް ޓޫރިޒަމަށް އަދި އައްޑޫން އަލަށް ހިއްކި ދޮންހެރާގައި ހަލާލް ޓޫރިޒަމް ތަރައްގީ ކުރަން ނިންމައިފި އެވެ.
އެމްޑީޕީގެ ވެރިކަމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ގަރާރަކުން ރިއަލްއެސްޓޭޓް ޓޫރިޒަމަށް ދޫކުރާ ސަރަހައްދެއް ކަމަށް ކަނޑައެޅި ހަންކެޑެ ސަރަހްދަށް ނެރުނު ރިޔާސީ ގަރާރު ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އުވާލައްވާފަ އެވެ.
މި ބަދަލާ ބެހޭ ގޮތުން ޓޫރިޒަމް މިނިސްޓަޔު ތޯރިގު އިބްރާހިމް ވިދާޅުވީ އައްޑޫ ސިޓީގެ ހަންކެޑަ ތަރައްޤީކުރުމަށް މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް އާއި މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަނާ ދެމެދު ވެފައިވާ އެއްބަސްވުން 28 ސެޕްޓެންބަރު 2025 ގައި ބާޠިލުކުރުމަށް މިދިޔަ މަހު އެއްވަނަ ދުވަހު ނިންމަވާފައިވާ ކަމަށެވެ.
މި ބަދަލާއެކު އައްޑޫ ސިޓީގެ ހަންކެޑައަކީ ސަރުކާރުގެ ޓޫރިޒަމް ރިއަލް އެސްޓޭޓް ޑިވެލޮޕްމަންޓް ޕްރޮޖެކްޓެއް ހިންގާ ސަރަޙައްދެއްގެ ގޮތުގައި ކަނޑައެޅި ގަރާރު އުވާލުމުގެ އިތުރުން މިރަށް "ހަލާލް ޓޫރިޒަމް" ތަރައްގީކުރުމަށް ހުޅުވާލެވުނު ރަށްތަކުގެ ލިސްޓުން އުނިކޮށްފައިވާތީ އައްޑޫ ސިޓީގެ ހަންކެޑަ އިންޓަގްރޭޓެޑް ޓޫރިޒަމް މަޝްރޫއެއްގެ ގޮތުގައި ތަރައްޤީކުރުމަށް ބަލަންޖެހޭ އެންމެހައި ކަންކަން ބަލައި، ބީލަމުގެ އުސޫލުން ފަތުރުވެރިކަން ތަރައްގީކުރުމަށް ހުޅުވާލުމުގެ އެންމެހައި މަސައްކަތްތައް މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓްއިން ފަށާފައިވާ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ އަމާޒަކީ މި ރަށް ތަރައްގީކުރުމުގެ އަމަލީ މަސައްކަތް މިއަހަރު ތެރޭގައި ފެށި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މިދައުރުގައި މިރަށް އޮޕަރޭޝަންސްއަ ށް ގެނައުމެވެ.އަދި ހަމައެއާއެކު، އައްޑޫ ސިޓީގެ ހަންކެޑަގެ ބަދަލުގައި އެ އަތޮޅުގެ ދޮންހެރަ (LD1453 ގައިވާ ރަށާއެކު) "ހަލާލް ޓޫރިޒަމް" ތަރައްގީކުރުމަށް މިވުޒާރާގެ ފަރާތުން ބީލަމަށްލާނެ އެވެ.
ހަންކެޑެ އިންޓަގްރޭޑެ ޓޫރިޒަމް މަޝްރޫއަކީ 143 މިލިއަން ޑޮލަރުގެ މަޝްރޫއެކެވެ. މި މަޝްރޫއަކީ 1041 ކޮޓަރީގެ 2082 އެނދު ހިމެނެ އެވެ. މި މަޝްރޫއު ހިންގަނީ 9.6 ހެކްޓަރުގެ ސަރަހައްދެއް ހިއްކައިގެންނެވެ. މަޝްރޫއުން 2،000 އަށްވުރެ ގިނަ ވަޒީފާގެ ފުރުސަތު ހުޅުވޭނެ އެވެ.
މި މަޝްރޫއަކީ ޗައިނާ އެގްޒިމް ލޯނެއްގެ ގޮތުގައި ކުރިއަށް ގެންދަން ނިންމި މަޝްރޫއެކެވެ. މި މަޝްރޫއު ކުރިއަށް ގެންދަން ހަވާލުކުރީ ޗައިނާ ނޭޝަނަލް އިލެކްޓްރިކް އިންޖިނިއަރިން ކޮމްޕެނީ (ސީއެމްއީއީސީ) ކުންފުންޏާ އެވެ. މި މަޝްރޫއު ކުރިއަށް ގެންދަން 20237 ލޯނު ފެސިލިޓީ އެއްބަސްވުންތަކުގައި ސޮއިވެސް ކުރި އެވެ. އަދި 2024 ވަނަ އަހަރު ފިއުޗާ ހޮސްޕިޓަލިޓީ ސަމިޓް ވޯލްޑްގައި ގްލޯބަލް ޝޯކޭސްކޮށް މި ޕްރޮޖެކްޓް ލޯންޗުވެސް ކުރި އެވެ.
ސަރުކާރުން ހަލާލް ޓޫރިޒަމަަށް ހުޅުވާލަން ނިންމި ދޮންހެރައަކީ ސ. މީދޫ ފަޅުތެރޭގައި އޮންނަ 12 ހެކްޓަރުގެ ރަށެވެ. އެތަން ހިއްކާފައިވަނީ ޓޫރިޒަމް ތަރައްގީ ކުރާށެވެ.