ރައީސް މިރޭ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ނޮވެމްބަރު 17، 2023 ގައި އެމަނިކުފާނު ސަރުކާރު ހިންގުމާ ހަވާލުވެވަޑައިގަތްއިރު، ދިވެހި ވިޔަފާރިތައް މެދުވެރިކޮށް މަސައްކަތް ކުރުވުމަށްފަހު ފައިސާ ނުދީ އެތައް ހާސް ބިލު ހުރި ކަމަށެ
ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތް އިރު، ސަރުކާރުގެ ހިއްސާ އޮންނަ ކުންފުނިތަކުން ދިވެހި ވިޔަފާރިތަކަށް ދަރާފައިވާ ފައިސާ، ފަސް ހަފްތާތެރޭ ދައްކާ ނިންމާލެވޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މިރޭ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ނޮވެމްބަރު 17، 2023 ގައި އެމަނިކުފާނު ސަރުކާރު ހިންގުމާ ހަވާލުވެވަޑައިގަތްއިރު، ދިވެހި ވިޔަފާރިތައް މެދުވެރިކޮށް މަސައްކަތް ކުރުވުމަށްފަހު ފައިސާ ނުދީ އެތައް ހާސް ބިލު ހުރި ކަމަށެވެ.
އެ ބިލުތައް ހިމެނޭހެން، ދިވެހި ސަރުކާރަށާއި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް، ގާނޫނުތަކާއި ގަވާއިދުތަކުގައި ކަނޑައަޅާފައިވާ އުސޫލުތަކާ އެގޮތަށް ހުށަހަޅާފައިވާ ހުރިހާ ބިލުތަކަށް ދައްކަން ފައިސާ، ކުރިއަށް އޮތް ފަސް ހަފްތާ ތެރޭ ދައްކާ ނިމޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.
"ފުން އަނދަވަޅެއްގައި އޭރު އޮތް ދިވެހި އިގްތިސޯދު ނަގާ ކޮޅަށްޖެހުމުގައި ކުރެވެމުންދާ މަސަައްކަތުގެ ތެރެއިން މީ ހާސިލްކުރެވޭ ވަރަށް ބޮޑު ކާމިޔާބިއެއް،" ރައީސްގެ އެ ޕޯސްޓުގައިވެ އެވެ.
މީގެ ކުރިން ސަރުކާރުން ހާމަކޮށްފައިވާ ގޮތުގައި، ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު، ޔޫޓިލީ ހިދުމަތްތައް ފޯރުކޮށްދޭ ހަތަރު ކުންފުނީގެ ދަރަނި އެކަނި ވެސް 9 ބިލިއަން ރުފިޔާއަށް އަރަ އެވެ. އެންމެ ބޮޑު ދަރަނި އޮތީ ފެނަކަ ކޯޕަރޭޝަނުގަ އެވެ. އެގޮތުން އެ ކުންފުނީގެ ޖުމްލަ ދަރަނި 4.1 ބިލިއަން ރުފިޔާއަށް އަރަ އެވެ.
ފަހުން ސަރުކާރުން ވަނީ އެކި ފަހަރު މަތިން ބޮޑެތި އަދަދުތަކުން އެ ދަރަނިތައް ދައްކަން ފަށައިފަ އެވެ.