ރައީސް ސޯލިހު ވިދާޅުވީ ފެނަކައިގެ ތެރެއިން ވެސް އެއްވެސް ކަހަލަ ފައިދާއެއް އަދި ފައިސާއެއް ވެސް އެމަނިކުފާނާ ހިސާބަށް އައިސްފައި ނުވާނެ ކަމަށެވެ.
ވެރިކަމުގައި ހުންނެވިއިރު ވެސް އަދި އޭގެ ކުރިން ވެސް ހިޔާނާތުގެ އަމަލެއް ހިންގަވާފައި ނުވާނެ ކަމަށާއި، ސުވާލު ކުރުމުން ޖަވާބުދާރީ ނުނެވޭނެ ކަމެއް ވެސް ކުރައްވާފައި ނުވާނެ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ރާއްޖެޓިވީގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ރައީސް ސޯލިހު އެހެން ވިދާޅުވެފައި ވަނީ ދާދި ފަހުން އޮޑިޓް ރިޕޯޓުން އާންމު ކޮށްފައިވާ ފެނަކައިގެ 2021-2023ގެ އޮޑިޓް ރިޕޯޓާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުންނެވެ.
މިދިޔަ މަހުގެ 25 ވަނަ ދުވަހުގެ ރޭ ދަންވަރު ނެރުނު އެ ރިޕޯޓުގައި ފެނަކައިން އެ މުއްދަތުގައި 8.8 ބިލިއަން ރުފިޔާ މުދަލާއި ހިދުމަތް ހޯދުމަށް ހަރަދުކޮށްފައިވާ ކަމަށް ބަޔާންކޮށްފައިވެ އެވެ. އެ ރިޕޯޓާއެކު އެމަނިކުފާނަށް ވެސް ދަނީ ކޮރަޕްޝަންގެ ތުހުމަތު ކުރަމުންނެވެ.
"އަޅުގަނޑަށް ޖަވާބުދާރީ ނުވެވޭވަރު ކަމެއް ކޮށްފައެއް ނޯންނާނެ ވެރިކަމުގަ ހުރެ. ކޮށްފަ އޮތް ކޮންމެ ކަމެއް، އަޅާފަ އޮތް ކޮންމެ ފިޔަވަޅަކަށް އަޅުގަނޑަށް ޖަވާބުދާރީ އިރާދަކުރެއްވިއްޔާ ވެވޭނެ. އޭގެ އިތުރުން ދައުލަތުގެ އަދި ރައްޔިތުންގެ ފައިސާގެ ތެރެއިން ލޯލާރިއެއްގަ ވެސް އަޅުގަނޑު ޖެހިފައެއް ނޯންނާނެ، ވެރިކަމުގަ ހުރިއިރުވެސް އަދި އޭގެ ކުރިން ވެސް،" ރައީސް ސޯލިހު ވިދާޅުވި އެވެ.
ރައީސް ސޯލިހު ވިދާޅުވީ ފެނަކައިގެ ތެރެއިން ވެސް އެއްވެސް ކަހަލަ ފައިދާއެއް އަދި ފައިސާއެއް ވެސް އެމަނިކުފާނާ ހިސާބަށް އައިސްފައި ނުވާނެ ކަމަށެވެ.
މި ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން، އޮޑިޓް އޮފީހުން ނެރުނު ރިޕޯޓު އެމަނިކުފާނު ސިފަ ކުރައްވާފައި ވަނީ ސިޔާސީ ކުލަ ޖެހިފައިވާ ރިޕޯޓެއްގެ ގޮތުގަ އެވެ. އޭގެ އެއް ސަބަބެއް ކަމަށް ފާހަގަކުރެއްވީ ހަމަ ކުއްލިއަކަށް ދަންވަރު ރިޕޯޓު އާންމު ކުރުމެވެ.
ސޯލިހު ވިދާޅުވީ މާކުރިން ވެސް ސަރުކާރު ތެރޭގައި އޮތީ ކޮރަޕްޝަންގެ މޫލައިފަ އެވެ. އެކަމުން އަރައިގަންނަން އެމަނިކުފާނުގެ ސަރުކާރުގައި މަސައްކަތް ވެސް ކުރެއްވި ކަމަށެވެ. މީހަކު ކުށެއް ކޮށްފިއްނަމަ އިންސާފުވެރިކަމާއެކު އަދަބު ވެސް ދޭން ޖެހޭނެ ކަމަށާއި، ނަމަވެސް އެއްކޮށް ނައްތާލެވޭނީ ވަރުގަދަ އިންސްޓްޓިއުޓްތައް ގާއިމްކޮށްގެން ކަމަށް ވިދާޅުވި އެވެ.
ނަމަވެސް ސަރުކާރުން ގެންގުޅެނީ "ސެލެކްޓިވް ޖަސްޓިސް" ސިޔާސަތު ކަމަށް އެމަނިކުފާނު ސިފަކުރެއްވި އެވެ. އޭގެ މިސާލަކަށް ދެއްކެވީ ފެނަކައިގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ކުރިން ހުންނެވި މުހައްމަދު ނިމާލުގެ މައްޗަށް ތުހުމަތު ކުރެވޭ ހިޔާނާތުގެ މައްސަލައެއްގައި 2022 ވަނަ އަހަރުގެ ތެރޭގައި ދައުވާ ކޮށްފައި އޮތްއިރު އެ މައްސަލަ ނުބަލައި، އެމަނިކުފާނުގެ ވެރިކަމުގައި ފެނަކައާ ހަވާލުވެ ހުންނެވި އަހުމަދު ސައީދު ޖަލަށް ލުމުންނެވެ. ސައީދު ހަތަރު އަހަރަށް ޖަލަށްލާން ހުކުމް ކުރީ މިދިޔަ ހޯމަ ދުވަހު އެވެ.
"ސެލެކްޓިވް ޖަސްޓިސްއޭ މިދަންނަވަނީ، އަޅުގަނޑުމެން ވެރިކަމަށް އާއިރު ހުރި ބޭފުޅާ، ނިމާލުގެ ހިޔާނާތުގެ މައްސަލައެއް 2022 ވަނަ އަހަރުގެ ޑިސެމްބަރު މަސް ތެރޭގައި އޭރުގެ ޕީޖީން ކޯޓަށް ފޮނުވާފައި ވެއްޖެ. އެ މައްސަލައެއް ނުބެލޭ. ހަމަ ފެނަކައިގެ ކޮރަޕްޝަންގެ މައްސަލައެއް ކަމަށް ފެނިވަޑައިގެން އޭސީސީން ބަލައި ޕީޖީއަށް ފޮނުވައިގެން ކޯޓަށް ގޮސްފައި އޮތް މައްސަލައެއް. އެ މައްސަލަ އޮއްވާ މިހާރު 2025 ވަނަ އަހަރު ބެލި މައްސަލައެއްގައި ހުކުމް ކޮށް ސައީދު އޭނީ ޖަލުގައި. އެ މައްސަލަ ވެސް ބައްލަވަންވީ ނޫންތޯ،" ރައީސް ސޯލިހު ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ކޮންމެ ވެރިކަމެއް ނިމޭއިރަށް ވައްކަމުގެ ތުހުމަތުތައް އަޅުވާ ކަމަށާއި، އެ ތުހުމަތުތަކަށް ޖަވާބުދާރީ ކުރުވަން ހުރިހާ ވެރިން އެއްތަނަކަށް ގެނައުން ރަގަޅުވާނެ ކަމަށެވެ.
"ވައްކަމުގެ ވާހަކަ ދައްކާއިރު، ފެހި ގާނޫނުއަސާސީގެ ފަހުން މިހާތަނަށް ވެރިކަން ކޮށްފަ ތިއްބެވި އެންމެން ގެންނަންވީނޫންތޯ އެއްތާކަށް. ގެނެއްސަ، ކޮންމެ މީހަކާ ދިމާލަށް އެބަ އާދޭ ވައްކަމުގެ މައްސަލަ، ރައީސް ނަޝީދާ ދިމާލަށް އެ އަންނަނީ، ރައީސް ޔާމީނާ ދިމާލަށް އެ މައްސަލަ، އަޅުގަނޑާ ދިމާލަށް މިހާރު މި އަންނަނީ. އެހެންވީމަ އެކަންތައްތައް ހިނގި ގޮތް ރައްޔިތުންނަށް ކިޔައިދޭން އަޅުގަނޑުމެން އެއްތަނަކަށް ގެންނަން ވީނޫންތޯ، ގެނެއްސަ ސުވާލު ކުރަންވީނޫންތޯ،"