އެޗްއާރުސީއެމްގެ މެންބަރެއްގެ މަގާމު ހުސްވަނީ އެ ކޮމިޝަންގެ މެންބަރު މަރިޔަމް މުނާގެ ފަސް އަހަރުގެ ދައުރުގެ މުއްދަތު އަންނަ މަހުގެ 30 ވަނަ ދުވަހަށް ހަމަވާތީ އެވެ.

ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން ހުސްވާ މެންބަރުކަމުގެ މަގާމަށް ކުރީގެ އެގްރިކަލްޗާ މިނިސްޓަރު ޑރ. އައިޝަތު ރަމީލާ އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހަށް ނަން ފޮނުއްވައިފި އެވެ.
އެޗްއާރުސީއެމްގެ މެންބަރެއްގެ މަގާމު ހުސްވަނީ އެ ކޮމިޝަންގެ މެންބަރު މަރިޔަމް މުނާގެ ފަސް އަހަރުގެ ދައުރުގެ މުއްދަތު އަންނަ މަހުގެ 30 ވަނަ ދުވަހަށް ހަމަވާތީ އެވެ.
އެހެންވެ، އެ މަގާމަށް ކުރިމަތިލާން އާއްމުކޮށް ހުޅުވާލުމުން ކުރިމަތި ލެއްވި ބޭފުޅުުންގެ ތެެރެއިން، މަޖިލީހުގެ ރުހުން ހޯއްދަވަން ރައީސް ޑރ. މުހައްމަދު މުއިއްޒު ފޮނުއްވީ ރަމީލާގެ ނަން އެކަންޏެވެ.
އެކަން ދިރާސާ ކުރަން ރިޔާސަތުން ވަނީ ހިއުމަން ރައިޓްސް ކޮމިޝަނަށް ފޮނުވާފަ އެވެ.
ރަމީލާއަކީ މި ސަރުކާރުގެ ކެބިނެޓް އެކުލަވާލިއިރު، އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ މިނިސްޓްރީގެ މެންޑޭޓް ހަވާލު ކުރި ވަޒީރެވެ. ނަމަވެސް ސިއްހީ ހާލުކޮޅު ހުރި ގޮތުން މަގާމުން އިސްތިއުފާ ދެއްވާފައި ވަނީ ޑިސެމްބަރު 1، 2024 ގައެވެ.
ރަމީލާ އުޅުއްވީ ކެންސަރު ބަލީގެ އާލާސްކަންފުޅެއްގަ އެވެ. އޭރު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި އޭނާ ވިދާޅުވެފައި ވަނީ ބަލި ހުރީ އެޑްވާސް ސްޓޭޖުގައި ކަމަށެވެ. މަގާމުގައި ހުންނެވިއިރު ވެސް ފަރުވާ ހޯއްދަވަން ވަނީ ރާއްޖޭން ބޭރަށް ވަޑައިގެންފަ އެވެ.