އެމްއެމްއޭ އިން ބުނީ މުބާރާތުގެ ބައިވެރިންނަށް އެކި ބާވަތްތަކުގެ އަތު ކުރެހުމާއި ޑިޖިޓަލް ކުރެހުންތައް ނުވަތަ މިކްސް މީޑިއާގެ ބޭނުންކޮށްގެން ވިލުންތެރި މާލީ މުޖުތަމައެއް އޮންނާނެ ގޮތުގެ ތަސައްވުރު ކުރެހުމުގެ ޒަރީއާއިން ހާމަކުރެވޭނެ ކަމަށެވެ
ތަމްވީލް ވެލިއުސް އެންޑް ވިޝަން އާޓް ޝޯކޭސް ނަމުގައި ކުރެހުމުގެ މުބާރާތެއް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އިއުލާނުކޮށްފި އެވެ.
މި މުބާރާތް އަމާޒުކޮށްފައި ވަނީ ރާއްޖޭގޭ ހުހިރާ ސަރަޙައްދެއްގެ ގްރޭޑް 5 އިން 9 އަށް ކިޔަވާ ދަރިވަރުންނަށެވެ. އަދި މުބާރާތުގައި، ކުރެހުމުގެ ޒަރީއާއިން މާލީ ދާއިރާ އޮންނާނެ ގޮތުގެ ތަސައްވަރު ދައްކާލުމުގެ ފުރުސަތު ދަރިވަރުންނަށް ލިބިގެންދާނެ އެވެ.
އަދި ކުރެހުމުގެ ތެރެއިން، ދަރިވަރުންގެ އާ ހިޔާލުތަކާއި އާ އިޖާދީ ވިސްނުންތައް ދެނެގަނެ އެ ދަރިވަރުންގެ ހުނަރުތައް އާއްމުންނަށް ހަމައަށް ފޯރުކޮށްދިނުމަކީ ވެސް މުބާރާތުގެ މަގުސަދެކެވެ.
އެމްއެމްއޭ އިން ބުނީ މުބާރާތުގެ ބައިވެރިންނަށް އެކި ބާވަތްތަކުގެ އަތު ކުރެހުމާއި ޑިޖިޓަލް ކުރެހުންތައް ނުވަތަ މިކްސް މީޑިއާގެ ބޭނުންކޮށްގެން ވިލުންތެރި މާލީ މުޖުތަމައެއް އޮންނާނެ ގޮތުގެ ތަސައްވުރު ކުރެހުމުގެ ޒަރީއާއިން ހާމަކުރެވޭނެ ކަމަށެވެ.
ކުރެހުމާއި، ކުލައާއި ޑިޖިޓަލް މަސައްކަތްތަކާއި ނުވަތަ މިކްސްޑް މީޑިއާ މެދުވެރިކޮށް، މާލީ ދާއިރާއަކީ ހަމައެކަނި ނަންބަރުތަކަކާއި މުޢާމަލާތްތަކެއްގެ ބަދަލުގައި، އިންސާފުވެރިކަމާއި، މުޖުތަމައުގެ ރައްކާތެރިކަމާއި، އަދި ދިގު މުއްދަތަކަށް ދެމިހުންނާނެ ވަސީލަތެއްގެ ގޮތުގައި ދައްކައިދޭން ވާނެ ކަމަށް އެމްއެމްއޭ އިން ބުންޏެވެ. ކޮންމެ މަސައްކަތަކާއެކުވެސް އެ މަސައްކަތުގެ ހިޔާލާއި އިހުތިޔާރުކުރެވުނު ތީމާއި ގުޅޭގޮތުގެ ކުރު ތަފްސީލެއް ހުށަހަޅަން ވާނެ ކަމަށް ވެސް ބުންޏެވެ.
މި ޝޯކޭހުގައިއަށް ތީމެއް ހިމެނެ އެވެ. އަދި މި މުބާރާތް ބެހިގެންވަނީ ދެ ގިންތިއަކަށެވެ. އެއީ ގްރޭޑް 5-7 އާއި ގްރޭޑް 8-9 އެވެ. އަދި ޑިޖިޓަލް އަދި ޑިޖިޓަލް ނޫން މަސައްކަތްތަކަށް ވަކިން އިނާމު ދެވޭނެ އެވެ.
މި މުބާރާތުގެ ވަނަތަކަށް 3،000 ރުފިޔާއާ ހަމައަށް ފައިސާގެ އިނާމު ލިބޭނެ އެވެ. އަދި އިސްލާމީ ފައިނޭންސް ދާއިރާއަށް ހާއްސަވާ އެންމެ ރަނގަޅު މަސައްކަތަށް 500 ރުފިޔާގެ ހާއްސަ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި ހޮވޭ މަސައްކަތްތައް އެމްއެމްއޭގެ އިވެންޓްތަކުގައި ދައްކައި، އަދި އެ އިދާރާއިން ހޭލުންތެރިކަން އިތުރުކުރުމުގެ ކެމްޕެއިންތަކުގައި ބޭނުންކުރެވިދާނެ ކަމަށް އެމްއެމްއޭ އިން ބުންޏެވެ.
ދަރިވަރުންނަށް އެމީހުންގެ މަސައްކަތް ޑިޖިޓަލްކޮށް ނުވަތަ ފިޒިކަލްކޮށްވެސް ހުށަހެޅޭނެ އެވެ. މުބާރާތުގެ ސުންގަޑިއަކީ މިމަހުގެ ނުވަވަނަ ދުވަހުގެ މެންދުރު ފަހު 3:00 އެވެ.
އެމްއެމްއޭއިން ބުނެފައިވާ ގޮތުގައި ހުށަހަޅާ މަސައްކަތްތަކަކީ އަމިއްލަ އުފެއްދުންތަކަށް ވާންޖެހޭނެ އެވެ. އަދި އާޓިފިޝަލް އިންޓަލިޖެންސް - އޭއައި މެދުވެރިކޮށް އުފައްދާފައިވާ ނުވަތަ ކޮޕީކޮށްފައިވާ އެއްޗެއް ކަމުގައި ނުވުން ލާޒިމެވެ.
މި މުބާރާތާއި ގުޅޭ އެންމެ ފަހުގެ މަޢުލޫމާތު އެމްއެމްއޭގެ ވެބްސައިޓް އަދި ސޯޝަލް މީޑިއާގެ މަންސަތަކުން ލިބެން ހުންނާނެއެވެ.