މިއީ އިސްލާމީ ދެ ގައުމުގެ ދެމެދު، އެއްބާރުލުމާއި، އިތުބާރާއި އިހުތިރާމްގެ ނަމޫނާ ގުޅުމެއްގެ ގޮތުގައި ސަފީރު ސިފަކުރެއްވި އެވެ.
ރާއްޖެ އާއި ސައުދީ އަރަބިއްޔާ އާ ދެމެދު އޮތީ ހަމައެކަނި ހާރިޖީ ގުޅުމެއް ނޫން ކަމަށާއި، އިސްލާމީ އަހުވަންތަކުގެ މައްޗަށް ބިނާވެފައި އޮތް ނަމޫނާ ގުޅުމުގެ ތެރެއިން، ވަށައިޖެހޭ ގޮތަށް ރާއްޖޭގެ ތަރައްގީއަށް، އެކި ދާއިރާތަކުން އެހީތެރިކަން ފޯރުކޮށްދެމުންދާނެކަމުގެ ޔަގީންކަން، ސައުދީން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ހަސަން ޔަހްޔާ އަލްގަހްތާނީ ވިދާޅުވެއްޖެ އެވެ.
މިދިޔަ މަހުގެ 23 ވަނަ ދުވަހު ފާހަގަކުރި ސައުދީގެ ގައުމީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސަފީރު ވިދާޅުވީ، މީގެ 44 އަހަރު ކުރިން ރާއްޖެ އާއި ސައުދީ އާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރެވުނު ފަހުން، އެ ގުޅުން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގައި މުޅިން އާ ހަރުފަތަކަށް ގެންދެވިފައިވާ ކަމަށެވެ.
މިއީ އިސްލާމީ ދެ ގައުމުގެ ދެމެދު، އެއްބާރުލުމާއި، އިތުބާރާއި އިހުތިރާމްގެ ނަމޫނާ ގުޅުމެއްގެ ގޮތުގައި ސަފީރު ސިފަކުރެއްވި އެވެ.
އަދި ރާއްޖެއަށް ވަށައިޖެހޭ ތަރައްގީ ގެނައުމުގައި ގިނަ ދާއިރާތަކުން ސައުދީ އަރަބިއްޔާގެ އެހީތެރިކަން ލިބޭނެކަމުގެ ޔަގީންކަން ވެސް ދެއްވި އެވެ.
ސަފީރުގެ ވާހަކަފުޅުގައި ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދޭން ފާހަގަކުރެއްވި ދާއިރާތަކުގެ ތެރޭގައި، އުމްރާނީ ތަރައްގީ، ސިއްހަތު، މަސްވެރިކަން، ޓޫރިޒަމް، އިއާދަކުރަނިވި ހަކަތަ، ތިމާވެށި އަދި ޒުވާނުން ބިނާކުރުން ހިމެނެ އެވެ.