ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ، އިޒްރޭލުގެ މި އަމަލަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފު އަމަލެއްގެ އިތުރުން، އިންސާނީ ހައްގުތަކާއި ކަރާމާތާ ވެސް ހިލާފު އަމަލެއް ކަމަށެވެ.
ފަލަސްތީނުގެ ޣައްޒާއަށް އެހީ ހިފައިގެން އެކި ގައުމުތަކުގެ އެކްޓިވިސްޓުން ދަތުރުކުރަމުންދާ "ގްލޯބަލް ސުމޫދު ފްލޮޓީލާ" އިޒްރޭލުން ހުއްޓުވުން ރާއްޖޭން ކުށްވެރިކޮށްފި އެވެ.
ގާތްގަނޑަކަށް 45 އުޅަނދު ހިމެނޭ ފްލޮޓީލާގެ ދަތުރުގައި އެކި ގައުމުތަކުގެ ސިޔާސީ މީހުންނާއި ގާނޫނީ ވަކީލުންނާއި ފަލަސްތީނުގެ ހައްގުގައި ވަކާލާތުކުރާ އެކްޓިވިސްޓުންގެ 500 ވަރަކަށް މީހުން ހިމެނެ އެވެ. އޭގެ އުޅަނދެއްގައި ދިވެއްސަކު ވެސް ހިމެނެ އެވެ.
އިޒްރޭލުން ކަނޑު މަގުން އެ އުޅަނދު ހުއްޓުވައި، ގިނަ އަދަދެއްގެ އެކްޓިވިސްޓުން ހައްޔަރުކުރުމާ ގުޅިގެން، ރައީސް ޑރ. މުހައްމަދު މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އިޒްރޭލުގެ އެ އަމަލަކީ އަޅާނުލައި ދޫކޮށްލައިގެންވާނެ ކަމެއް ނޫން ކަމަށާއި، މިހާރު ވެސް މިނިވަންކަމާއި ޒަރޫރީ ތަކެތިން މަހުރޫމްކޮށްފައި ތިބި ބަޔަކަށް އެހީގެ ތަކެތި ހިފައިގެން ދިޔަ ގާފިލާއަކަށް ހަމަލާދިނުމަކީ ބައިނަލްއަގުވާމީ ހުރިހާ ގާނޫނަކާ ހިލާފު ކަމެއް ކަމަށެވެ.
"އިޒްރޭލުން ތަކުރާރުކޮށް، ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފުވަމުންދާ ދިއުމާ ދެކޮޅަށް، ނަތީޖާ ނެރެވޭ ފަދަ ފިޔަވަޅު އަޅަން ރާއްޖޭން ބައިނަލްއަގުވާމީ މުޖުތަމައަށް ގޮވާލަން،" ރައީސް ވިދާޅުވި އެވެ.
އޭގެފަހުން، ދިވެހި ސަރުކާރުގެ ފަރާތުން ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ، އިޒްރޭލުގެ މި އަމަލަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފު އަމަލެއްގެ އިތުރުން، އިންސާނީ ހައްގުތަކާއި ކަރާމާތާ ވެސް ހިލާފު އަމަލެއް ކަމަށެވެ.
އެއާ އެކު، އިޒްރޭލުން ތަކުރާރުކޮށް ހިންގަމުންދާ އިންސާނިއްޔަތާ ހިލާފު އަމަލުތައް ވަގުތުން ހުއްޓުވަން ބައިނަލްއަގުވާމީ މުޖުތަމައުއަށް އެ ބަޔާނުގައި ވަނީ ގޮވާލައިފަ އެވެ.