ޣައްޒާއަށް ދަތުރުކުރާ ފްލޮޓީލާއަށް ހުރަސްއެޅުން ކުށްވެރިކުރާ ކުއްލި މައްސަލަވެސް ސިޔާސީ ޒުވާބަކަށް

މަޖިލީހުގެ ސުޕާ މެޖޯރިޓީ އޮތް ޕީއެންސީގެ ފުރިހަމަ ތާއީދާއެކު އިއްތިފާގުން ބަލައިގަނެ ކުރި ބަހުސްގެ ތެރެއިން އިދިކޮޅު އެމްޑީޕީ އާއި ސަރުކާރަށް ނިސްބަތްވާ މެމްބަރުން ވަނީ ބަހުގެ ހަމަލާތަކެއް ބަދަލުކޮށްފަ

މަޖިލީހުގެ ޖަލްސާއެއްގައި މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ. --ފޮޓޯ: މަޖިލީހުގެ އިދާރާ

ފަލަސްތީނުގެ ޣައްޒާގައި އިޒްރޭލުން ހިންގަމުން ގެންދާ ނަސްލުހޭދުކުރުމުގެ ޖަރީމާތަކާ ދެކޮޅަށް، ޣައްޒާގައި ހައިހޫނުކަމުގައި ތިބި އެތައް ހާސް ރައްޔިތުންނަށް އިންސާނީ އެހީ ހިފައިގެން ކަނޑުމަގުން ދަތުރުކުރަމުންދާ ގްލޯބަލް ސުމުދް ފްލޮޓީލާއަށް އިޒްރޭލުން ހުރަސް އެޅުން ކުށްވެރިކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ވެސް ސިޔާސީ ބޮޑު ޒުވާބަކަށް ބަދަލުވެއްޖެ އެވެ. 

ގްލޯބަލް ސުމުދް ފްލޮޓީލާއަށް އިޒްރޭލުން ހުރަސްއެޅުމާ ގުޅިގެން މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހެޅުއްވީ ކެންދޫ ދާއިރާގެ އެމްޑީޕީ މެމްބަރު، މައުރޫފް ޒާކިރު އެވެ.

އޭނާ ހުށަހެޅުއްވި ކުއްލި މައްސަލައިގައި ގޮވާލާފައި ވަނީ އިންސާނީ އެހީ އާއި ބޭސް ހިފައިގެން ގާޒާއަށް ކަނޑުމަގުން ދަތުރުކުރަމުންދާ އެހީގެ ލަޝްކަރަށް އިޒްރޭލުން ހުރަސް އެޅުމުން އެކަން ރާއްޖޭން ކުށްވެރި ކުރުމަށެވެ.

އެ ފްލޮޓީލާގައި ދެ ދިވެއްސަކު ވެސް ތިބި ކަމަށާއި އެ މީހުންނަށް އެހީތެރިވުމަށް ދިވެހި ސަރުކާރުން ކުރެވޭނީ ކޮން ކަމެއްތޯ ބެލުމަށް ވެސް މައުރޫފް ހުށަހެޅުއްވި ކުއްލި މައްސަލައިގައި ގޮވާލައިފައި ވެ އެވެ.

އެ ކުއްލި މައްސަލަ، މަޖިލީހުގެ ސުޕާ މެޖޯރިޓީ އޮތް ޕީއެންސީގެ ފުރިހަމަ ތާއީދާއެކު އިއްތިފާގުން ބަލައިގަނެ ކުރި ބަހުސްގެ ތެރެއިން އިދިކޮޅު އެމްޑީޕީ އާއި ސަރުކާރަށް ނިސްބަތްވާ މެމްބަރުން ވަނީ ބަހުގެ ހަމަލާތަކެއް ބަދަލުކޮށްފަ އެވެ.

އެ ބަހުސްގެ ތެރެއިން މައުރޫފް ވަނީ، ތުރުކީން ސަރުކާރަށް ގަތް ޑްރޯނުތައް ފޮނުވައިގެން، އެ ފްލޯޓިލާގައި ތިބި ދިވެހިންގެ ހާލު ބަލަން ފޮނުވުމަށް ގޮވާލައްވައިފަ އެވެ.

އެކަމާ ހިތްހަމަނުޖެހިގެން، ޕީއެންސީގެ މެމްބަރުން ވަނީ، ފަލަސްތީނުގެ ހައްގުގައި ހުށަހެޅި ކުއްލި މައްސަލަ ވެސް އެމްޑީޕީ މެމްބަރުން ސިޔާސީ ކޮށްފައިވާ ކަމަށް ތުހުމަތު ކުރައްވައިފަ އެވެ.

މިގޮތުން، އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި، އިޒްރޭލާ ސިޔާސީ ގުޅުން ގާއިމުކުރަން މަސައްކަތް ކުރި ކަމަށާއި، އަދި ނިމުނު އެމްޑީޕީ ވެރިކަމުގައި އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެވުން މަނާކުރަން ގާނޫނު އިސްލާހުކުރުމަށް ފަސްޖެހުނުކަން ޕީއެންސީ މެމްބަރުން ވަނީ ތުހުމަތު ކުރައްވައިފަ އެވެ.

އަދި މި ސަރުކާރުން އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެވުން މަނާކުރަން ގާނޫނަށް ގެނެސްފައިވާ އިސްލާހު، އެމްޑީޕީގެ ވެރިކަމެއްގައި ބާތިލުކުރާނެކަމުގެ ތުހުމަތު ވެސް ކުރެއްވި އެވެ. 

އޭގެ ރައްދުގައި އެމްޑީޕީގެ މެމްބަރުންގެ ފާޑުކިޔުންތައް ސަރުކާރަށް ވެސް އަމާޒުކުރަން ފެށި އެވެ.

މިގޮތުން، ގްލޯބަލް ސުމުދް ފްލޮޓީލާއަށް އިޒްރޭލުން ހުރަސްއެޅުން ކުށްވެރިކޮށް، ސަރުކާރުން އަދި މިހާތަނަށް ބަޔާނެއް ވެސް ނެރެފައިވާ ނުވާ ކަމަށާއި، އެކަމަކު މީޑިޔާއަށް ހުރަސްއަޅަން އާ ކޮމިޝަނެއް އުފައްދަން ވުޖޫދު ކުރި ގާނޫނުގެ ދިފާއުގައި ރޭގަނޑު ދަންވަރު ވެސް ބަޔާންތައް ނެރެމުންދިޔަ ކަން އެމްޑީޕީ މެމްބަރުން ތުހުމަތު ކުރެއްވި އެވެ.

އެ ކުއްލި މައްސަލައިގެ ބަހުސް ނިމުނުއިރު ވެސް، ދެ ޕާޓީގެ މެމްބަރުން ގެންދަވީ، ތަޅުމުގައި އަޑުގަދަކޮށް ބަހުގެ ހަމަލާތައް ބަދަލުކުރައްވަމުންނެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.