މިދިޔަ މަހު ރާއްޖެ އަށް ޖުމްލަ 149,563 ޓޫރިސްޓުން ވަނީ އައިސްފަ އެވެ. މިއީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އައި 132,795 ޓޫރިސްޓުންނާ އަޅާބަލާއިރު 12.6 ޕަސެންޓުގެ އިތުރުވުމެވެ.
ރާއްޖެއަށް މިދިޔަ މަހު އައި ޓޫރިސްޓުންގެ އަދަދު މިދިޔަ ތިން އަހަރުގެ ސެޕްޓެމްބަރު މަހު އައި ޓޫރިސްޓުންގެ އަދަދަށްވުރެ ބޮޑުތަނުން އިތުރު ވެއްޖެ އެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނި ގޮތުގައި މިދިޔަ މަހު ރާއްޖެ އަށް ޖުމްލަ 149,563 ޓޫރިސްޓުން ވަނީ އައިސްފަ އެވެ. މިއީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އައި 132,795 ޓޫރިސްޓުންނާ އަޅާބަލާއިރު 12.6 ޕަސެންޓުގެ އިތުރުވުމެވެ. ރާއްޖެއަށް 2023 ވަނަ އަހަރު އައިސްފައިވަނީ 130,967 ޓޫރިސްޓުންނެވެ. އެހެންވެ މިދިޔަ ތިން އަހަރުގެ ސެޕްޓެމްބަރު މަހަށްވުރެވެސް މިދިޔަ މަހު އައި ޓޫރިސްޓުންގެ އަދަދު ވަނީ އިތުރުވެފަ އެވެ.
މި އަހަރުގެ މިހާތަނަށް ބަލާއިރު ފެބްރުއަރީ މަސް ނޫން ހުރިހާ މަހެއްގައި ޓޫރިޒަމަށް ކުރިއެރުން ލިބިފައިވެ އެވެ. މި އަހަރުގެ ފެބްރުއަރީ މަހު ޓޫރިޒަމް 1.5 ދަށްވެފައިވެ އެވެ. އަދި މިހާތަނަށް އެންމެ ގިނައިން ޓޫރިސްޓުން އައިސްފައިވަނީ އާ އަހަރާ ދިމާކޮށް ޖެނުއަރީ މަހު އެވެ. އެ މަހު 214,863 ޓޫރިސްޓުން އައިސްފައިވެ އެވެ.
މި އަހަރުގެ މިހާތަނަށް ރާއްޖެއަށް ޖުމްލަ 1,636,489 ޓޫރިސްޓުން އައިސްފައިވެ އެވެ. މިއީ ކުރީ އަހަރު އައި 1,492,027 ޓޫރިސްޓުންނާ އަޅާބަލާއިރު 9.7 ޕަސެންޓުގެ އިތުރުވުމެކެވެ.
މިދިޔަ އަހަރު ރާއްޖެ އަށް ދެ މިލިއަން ޓޫރިސްޓުން އައިސްފައިވެ އެވެ. ސަރުކާރުން ވަނީ މި އަހަރު 2.3 މިލިއަން ޓޫރިސްޓުން އަންނާނެ ކަމަށް އަންދާޒާކޮށްފަ އެވެ.