ހަންކެޑެ އިންޓަގްރޭޑެ ޓޫރިޒަމް މަޝްރޫއަކީ 143 މިލިއަން ޑޮލަރުގެ މަޝްރޫއެކެވެ. މި މަޝްރޫއަކީ 1041 ކޮޓަރީގެ 2082 އެނދު ހިމެނެ އެވެ.
އައްޑޫ ހަންކެޑެ އަކީ ރިއަލްއެސްޓޭޓް ޓޫރިޒަމަށް ދޫކުރާ ސަރަހައްދެއް ކަމަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ކަނޑައަޅުއްވައި ނެރުއްވި ގަރާރު، ރައީސްް ޑރ. މުހައްމަދު މުއިއްޒު މިރޭ އުވާލައްވައިފި އެވެ.
ރިއަލްއެސްޓޭޓް ޓޫރިޒަމަށް ހަންކެޑެ ހާއްސަކުރަން ނެރުނު ގަރާރު އުވާލި ސަބަބެއް ރައީސް ނެރުއްވި ގަރާރުގައި ސީދާ ވިދާޅެއް ނުވެ އެވެ. ނަމަވެސް އެރަށް ތަރައްގީކުރަން ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑާ ހަވާލުކުރި އެއްބަސްވުން މިހާރު އުވާލާފައިވާކަމަށް ބުނެފައިވެ އެވެ.
ހަންކެޑެ އިންޓަގްރޭޑެ ޓޫރިޒަމް މަޝްރޫއަކީ 143 މިލިއަން ޑޮލަރުގެ މަޝްރޫއެކެވެ. މި މަޝްރޫއަކީ 1041 ކޮޓަރީގެ 2082 އެނދު ހިމެނެ އެވެ. މި މަޝްރޫއު ހިންގަނީ 9.6 ހެކްޓަރުގެ ސަރަހައްދެއް ހިއްކައިގެންނެވެ. މަޝްރޫއުން 2،000 އަށްވުރެ ގިނަ ވަޒީފާގެ ފުރުސަތު ހުޅުވޭނެ އެވެ.
މި މަޝްރޫއަކީ ޗައިނާ އެގްޒިމް ލޯނެއްގެ ގޮތުގައި ކުރިއަށް ގެންދަން ނިންމި މަޝްރޫއެކެވެ. މި މަޝްރޫއު ކުރިއަށް ގެންދަން ހަވާލުކުރީ ޗައިނާ ނޭޝަނަލް އިލެކްޓްރިކް އިންޖިނިއަރިން ކޮމްޕެނީ (ސީއެމްއީއީސީ) ކުންފުންޏާ އެވެ. މި މަޝްރޫއު ކުރިއަށް ގެންދަން 20237 ލޯނު ފެސިލިޓީ އެއްބަސްވުންތަކުގައި ސޮއިވެސް ކުރި އެވެ. އަދި 2024 ވަނަ އަހަރު ފިއުޗާ ހޮސްޕިޓަލިޓީ ސަމިޓް ވޯލްޑްގައި ގްލޯބަލް ޝޯކޭސްކޮށް މި ޕްރޮޖެކްޓް ލޯންޗުވެސް ކުރި އެވެ. އަދި އޭގެފަހުން މި ސަރުކާރުން މި އަހަރު މި ރަށް ހަލާލް ޓޫރިޒަމް މަޝްރޫއަކަށް ފައްކާ ކުރަން ނިންމި އެވެ. އަދި މިރޭ ގަރާރު ނިމުމަކަށް ގެނައުމާ ހަމައަށް މި މަޝްރޫއުގެ އިތުރު މައުލޫމާތެއް ސަރުކާރުން ހާމަ ކުރައްވާފައެއް ނުވެ އެވެ.