މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ، ފުރިހަމަ ތަރައްގީ ހާސިލުކުރެވޭނީ ހަރުދަނާ، ޒުވާން ޖީލެއް ބިނާކޮށްގެން ކަމުގައި ވިދާޅުވެފަ އެވެ.
ޅ. މާފިލާފުށީގައި މިހާރު ފަށާފައިވާ ނޭޝަނަލް ސާވިސް ޕްރޮގްރާމް މިއަދު ރަސްމީކޮށް އިފްތިތާހު ކޮށްފި އެވެ.
މި ޕްރޮގްރާމް މިއަދު އިފްތިތާހު ކޮށްދެއްވީ މާފިލާފުށީގައި ހުންނަ އެމްއެންޑީއެފްގެ ކޮމްޕޮސިޓް ޓްރެއިނިން ސެންޓަރުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި، ރައީސް ޑރ. މުހައްމަދު މުއިއްޒެވެ. މި ޕްރޮގްރާމް އިގްތިތާހުކޮށްދެއްވުމުގެ ގޮތުން ރައީސް ވަނީ މި ޕްރޮގްރާމަށް ހާއްސަ ކުރެވިފައިވާ ދިދަ ހަވާލުކޮށްދެއްވާފަ އެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ، ފުރިހަމަ ތަރައްގީ ހާސިލުކުރެވޭނީ ހަރުދަނާ، ޒުވާން ޖީލެއް ބިނާކޮށްގެން ކަމުގައި ވިދާޅުވެފަ އެވެ. އަދި ގައުމުދެކެ ލޯބިވާ، އިސްލާމް ދީން ދެކެ ލޯބިވާ، ފަހުރުވެރި، ހުނަރުވެރި ޒުވާނެއް ބިނާކުރުމަކީ، ބޮޑެތި އުމްރާނީ މަސައްކަތްތަކަށްވުރެ މުހިންމުކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ތަމްރީނުގެ ބައިވެރިންނަށް އެމަނިކުފާނު އިލްތިމާސްކުރެއްވީ، މި ތަމްރީނަކީ، އެ ބައިވެރިންގެ މުސްތަގުބަލު އުޖާލާކޮށް، އުފާފާގަތިކަން ކަށަވަރުކުރުމަށް ލިބުނު ފުރުސަތެއްގެ ގޮތުގައި ބަލައިގަނެގެން ކުރިއަށް ދިއުމަށެވެ. އަދި ތަމްރީނު ނިމޭއިރު އުފެދިގެންދާނީ، އުޅުންހުރި، ގައުމީ އަދި ދީނީ ލޯބި އަށަގެންފައިވާ، ބާރުވެރި ޒުވާނުންތަކެއް ކަމަށް ރައީސް ވިދާޅުވި އެވެ.
ނޭޝަނަލް ސާވިސް ޕްރޮގްރާމުގެ މިޝަންގެ ގޮތުގައި ކަނޑައަޅާފައި ވަނީ، ދިވެހި ގައުމިއްޔަތަށް ލޯބިކުރާ، ޒިންމާދާރު، ޖިސްމާނީ، ރޫހާނީ އަދި ނަފުސާނީ ގޮތުން ދުޅަހެޔޮ ދިވެހި ރައްޔިތެއް ބިނާކުރުމެވެ.
މިއަދު ފެށި، ނޭޝަނަލް ސާވިސް އިނީޝިއަލް ތަމްރީނަކީ، ތިން މަސް ދުވަހުގެ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގެ ފުރަތަމަ ބެޗުގައި 340 ދަރިވަރުން ވަނީ ބައިވެރިވެފަ އެވެ.
މި ތަމްރީނުގެ ފުރަތަމަ ބުރަށް ބައިވެރިން ހޮވުމުގެ މަރުހަލާ މިއަހަރުގެ ޖުލައި މަހު ބާއްވާފައިވަނީ މާލެ ސިޓީ، ހއ. ދިއްދޫ، ކުޅުދުއްފުށި ސިޓީ، ށ. ފުނަދޫ، ނ. މަނަދޫ، ރ. އުނގޫފާރު، އދ. މަހިބަދޫ، ފ. ނިލަންދޫ، ތ.ވޭމަންޑޫ، ލ. ގަން އަދި އައްޑޫ ސިޓީ ހިތަދޫގަ އެވެ.
މި މަރުހަލާގައި ބައިވެރިން އިންޓަވިއުއާއި، މެޑިކަލް ޓެސްޓްތަކާއި، އެޕްޓިޓިއުޑް ޓެސްޓްގެ އިތުރުން ފިޓްނަސް ޓެސްޓްތައް ވެސް ވަނީ ހަދާފަ އެވެ.