އިންޓާނަލް އޮޑިޓަރުންގެ މުސާރައަށް ހެޔޮ ބަދަލެއް ގެންނާނެކަމުގެ ޔަގީންކަން

ކައިރި މުސްތަގުބަލެއްގައި ދައުލަތުގެ އޮފީސްތަކުގެ އިންޓާނަލް އޮޑިޓަރުންގެ މުސާރައަށް ހެޔޮ ބަދަލެއް ގެނެވޭނެކަމުގެ ޔަގީންކަން ދެއްވި

ސްޓޭޓް އިންޓާނަލް އޮޑިޓް ކޮންފަރެންސް 2025، ޝަރަފުވެރިކޮށްދެއްވައި ނައިބު ރައީސް ވާހަކަ ދައްކަވަނީ. --ފޮޓޯ: ރައީސް އޮފީސް

ރާއްޖޭގައި އިންޓާނަލް އޮޑިޓަރުންގެ މަސައްކަތް ކުރުމުގައި ތަފާތު ގޮންޖެހުންތައް ހުރިކަން މި ސަރުކާރުން ގަބޫލުކުރާ ކަމަށާއި އެކަންކަން ހައްލުކުރުމަށް ސަރުކާރުން މަސައްކަތްކުރަމުންދާ ކަމަށް ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް ވިދާޅުވެއްޖެ އެވެ.

ސްޓޭޓް އިންޓާނަލް އޮޑިޓް ކޮންފަރެންސް 2025، ޝަރަފުވެރިކޮށްދެއްވައި ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި، އިންޓާނަލް އޮޑިޓަރުންގެ އޮނިގަނޑު އެކުލަވާލެވިފައިވާކަން ފާހަގަކުރައްވައި، ކައިރި މުސްތަގުބަލެއްގައި ދައުލަތުގެ އޮފީސްތަކުގެ އިންޓާނަލް އޮޑިޓަރުންގެ މުސާރައަށް ހެޔޮ ބަދަލެއް ގެނެވޭނެކަމުގެ ޔަގީންކަން ދެއްވި އެވެ.

ދައުލަތުގެ އޮޑިޓް ނިޒާމުގެ ހިންގުން ހަރުދަނާކޮށް، މިނިވަންކަމާއެކު، މަސައްކަތް ކުރެވޭނެ މަގު ފަހިކޮށްދީ، އޮޑިޓަރުން ދޭ އިރުޝާދުތަކާއި ލަފާތައް ތަންފީޒުކުރުމުގެ ނަތީޖާއަކަށްވާނީ، ދައުލަތުގެ މުއައްސަސާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކަކީ އަރަނިވެރި، ކޮރަޕްޝަނާ ދެކޮޅު، ރައްޔިތުންގެ އިތުބާރު ލިބިފައިވާ، ރައްޔިތުންނަށް މަންފާ ލިބޭ ތަންތަންކަމުގައި ވެގެންދިޔުން ކަމަށް ނައިބު ރައީސް ވިދާޅުވި އެވެ. 

މީގެއިތުރުން، އިދާރީ ހިންގުން ހަރުދަނާކޮށް ދައުލަތުގެ އިދާރާތަކަށް އާންމުން ކުރާ އިތުބާރު ދެމެހެއްޓުމުގައި އޮޑިޓަރުން އަދާކުރާ މުހިންމު ދައުރުގެ މައްޗަށްވެސް އެ މަނިކުފާނު އަލިއަޅުއްވާލެއްވި އެވެ.

އިދާރާތަކުގައި އިންޓާނަލް ކޮންޓްރޯލްތައް ވަރުގަދަ ކުރެވިއްޖެކަމުގައިވާނަމަ، ދައުލަތުން ހޭދަކުރާ ކޮންމެ ފައިސާ ފޮއްޗަކީވެސް ރައްޔިތުންނަށް އޭގެ އެންމެ ފުރިހަމަ މަންފާ ލިބޭނެ އެއްޗަކަށް ވެގެންދާނެ ކަމަށް ފާހަގަކުރެއްވި އެވެ.

"ބަދަލުވަމުންދާ ވެއްޓެއްގައި ޖަވާބުދާރީކުރުވުމުގައި އިންޓާނަލް އޮޑިޓްގެ ދައުރާއި، އާންމު މަސްލަހަތު ކުރިއެރުވުން" މިޝިއާރުގެ މައްޗަށް ބައްލަވާލައްވައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ، ބަދަލުވަމުން އަންނަ ދުނިޔޭގައި ތަފާތު އީޖާދުތަކާއެކު، ކުރިން ދެނެނުގަނެވޭފަދަ ހިރާސްތަކާއި ގޮންޖެހުންތަކާ، އޮޑިޓުކުރުމުގައިވެސް ކުރިމަތިލާންޖެހޭކަމަށާއި، މިފަދަ ކޮންފަރެންސްތަކަކީ އެކަމަށް އެޅިގެންދާ ހެޔޮ ފިޔަވަޅެއް ކަމަށެވެ.

މިއަދުގެ ރަސްމިއްޔާތުގައި "އިންޓަރނަލް އޮޑިޓްގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭނާއި" ފިނޭންސް މިނިސްޓްރީގެ "ރިސްކް މެނެޖްމަންޓް ފްރޭމްވަރކް" ނައިބު ރައީސް ތައާރަފްކުރެއްވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.