އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނީ، ހަމަނުޖެހުން ނަގައިލަން އުޅޭކަމަށް ބުނެ ފުލުހުން "ދޮގު" ތުހުމަތެއް ކުރަނީ، އެ މުޒާހަރާއަށް ހުރަސްއަޅަން ކަމަށެވެ.

އަންނަ ހުކުރު ދުވަހު އިދިކޮޅު އެމްޑީޕީން "ލޫޓުވައިފި" ގެ ނަމުގައި ބާއްވާ ހިނގާލުމަށް ކުށްކުރާ ގޭންގުތައް ނެރެގެން ހަމަނުޖެހުން ހިންގަން އުޅޭ ކަމުގެ ތުހުމަތު ދޮގުކޮށް، އެ އެއްވުމަށް ހުރަސްނާޅަން ފުލުހުންގެ ކިބައިން އެދިއްޖެ އެވެ.
އެ މުޒާހަރާގެ ތެރެއިން، ކުށްކުރާ ގްރޫޕްތައް މަގުމައްޗަށް ނެރެ، މާލެތެރެ ހަލަބޮލިކޮށް ތަންތަނަށް ގެއްލުން ދިނުމަށް ރާވާފައިވާކަމުގެ މައުލޫމާތު ލިބިފައިވާކަމަށް ބުނެ، ހަމަޖެހުން ނަގައިނުލަން ފުލުހުން ވަނީ އެދިފަ އެވެ.
އޭގެ ރައްދުގައި އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނީ، ހަމަނުޖެހުން ނަގައިލަން އުޅޭކަމަށް ބުނެ ފުލުހުން "ދޮގު" ތުހުމަތެއް ކުރަނީ، އެ މުޒާހަރާއަށް ހުރަސްއަޅަން ކަމަށެވެ.
"އެމްޑީޕީން ބާއްވަން ހަމަޖެހިފައިވާ ސުލްހަވެރި ސިޔާސީ ހަރަކާތް ހަލަބޮލިކޮށް، ހަމަނުޖެހުން ހިންގުމަށް [ރައީސް] މުއިއްޒުގެ ސަރުކާރުން ކުށްކުރާ ގްރޫޕްތަކަށް ފައިސާ ދީގެން އެ ގްރޫޕްތައް ނެރުމަށް ކުރަމުންދާ މަސައްކަތްތައް ކުށްވެރި ކުރަމެވެ،" އެ ބަޔާނުގައި ބުންޏެވެ.
"މާލޭގައި ކުށްކުރާ ގްރޫޕުތައް ނެރެގެން އެއްވުމަށް ހުރަސް އެޅުމަށް މުއިއްޒުގެ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިން މަސައްކަތް ކުރަމުންދާކަން މި ޕާޓީން ފުލުހުންނަށް އެންގުމުން އެމްޑީޕީގެ ބޮލުގައި އެ ތުހުމަތު އެޅުވުމަށް މަސައްކަތް ކުރުމަކީ ހިތާމަވެރި ކަމެކެވެ."
އެހެންކަމުން، މުޒާހަރާގެ ބައިވެރިންނަށް ސަލާމަތާއި ރައްކާތެރިކަން ފޯރުކޮށްދިނުމަށް އެމްޑީޕީން ވަނީ ފުލުހުންނަށް ގޮވާލައިފަ އެވެ.
އެމްޑީޕީން ހުކުރު ދުވަހުގެ ބާއްވާ މި ހަރަކާތަކީ ސިޔާސީ ހަރަކާތެއް ކަމަށް ނުބަލައި، މި ހަރަކާތުގައި ކޮރަޕްޝަނާ ދެކޮޅު ހުރިހާ އެންމެން ބައިވެރިވުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ގޮވާލައްވާފަ އެވެ. އަދި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި، އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ވެސް ވަނީ ވީހާ ގިނަ ރައްޔިތުން މި ހަރަކާތުގައި ބައިވެރިވުމަށް ގޮވާލައްވާފަ އެވެ.