ފެނަކައިގެ މިހާރުގެ މެނޭޖުމަންޓުން ނެރުނު ބަޔާނެއްގައި ބުނީ، މިހާރު ވެސް އިސްލާހީ ފިޔަވަޅުތައް އަޅަން ފަށާފައިވާ ކަަމަށެވެ.
މިދިޔަ ސަރުކާރުގައި ފެނަކަ ކޯޕަރޭޝަންގެ ތެރެއިން ބިލިއަނަކަށް ވުރެ ގިނަ ފައިސާއަށް ހިޔާނަތްތެރިވެފައިވާ ކަން ހާމަވެފައިވާއިރު، އެފަދަ ހިޔާނާތްތައް ހިންގުން ހުއްޓުވަން، ކުންފުނީގެ ތެރޭގައި އިސްލާހީ ފިޔަވަޅުތައް މިހާރުވެސް އަޅަން ފަށާފައިވާކަމަށް އެ ކުންފުނިން ބުނެފި އެވެ.
ފެނަކަ ކޯޕަރޭޝަނުން 2021 ވަނަ އަހަރާއި 2023 ވަނަ އަހަރާ ދެމެދު ހިދުމަތާއި ތަކެތި ހޯދަން އެކި ފަރާތްތަކާ ހަވާލުކުރި 2.2 ބިލިއަން ރުފިޔާގެ މަސައްކަތުގެ ތެރެއިން 1.3 ބިލިއަން ރުފިޔާގެ މަސައްކަތް ހަވާލުކޮށްފައިވަނީ ޕްރޮކިޔުމަންޓް އުސޫލުތަކާ ހިލާފަށް ކަމަށް އޮޑިޓު ރިޕޯޓުން ވަނީ ހާމަވެފަ އެވެ.
އަދި އެ ހިޔާނާތުގެ ތެރެއިން، ފެނަކަ ކޯޕަރޭޝަނުގެ ކުރީގެ މެނޭޖިން ޑިރެކްޓާ އަހްމަދު ސައީދު މުހައްމަދުގެ މައްޗަށް އުފުލި ކޮރަޕްޝަންގެ ދައުވާއެއް ސާބިތުވެ، ހަތަރު އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ.
އެކަމާ ގުޅިގެން، ފެނަކައިގެ މިހާރުގެ މެނޭޖުމަންޓުން ނެރުނު ބަޔާނެއްގައި ބުނީ، މިހާރު ވެސް އިސްލާހީ ފިޔަވަޅުތައް އަޅަން ފަށާފައިވާ ކަަމަށެވެ.
އޭގެ ތެރޭގައި، މުދަލާއި ހިދުމަތް ހޯދުމުގެ އުސޫލުތަކާއި ކުންފުނިން ހިންގާ މަސައްކަތްތައް ކުރިއަށް ގެންދާ ގޮތް ބަލައި، އެއީ ކަނޑައަޅާފައިވާ ގަވާއިދުތަކާއި އުސޫލުތަކުގެ ތެރެއަށް ފައްތާފައިވާ ކަންކަން ތޯ ކަށަވަރު ކުރަން މޮނިޓަރިން ނިޒާމެއް ގާއިމް ކުރުން ހިމެނޭ ކަމަށެވެ.
ދެން ހިމެނެނީ ސްޓޭކްހޯލްޑަރުންނާ މުއާމަލާތް ކުރުމުގެ ނިޒާމު ވަރުގަދަ ކުރުމާއި ރިޕޯޓު ކުރުމާއި މައުލޫމާތު ހާމަކުރުމުގެ އުސޫލުތައް ހަރުދަނާ ކުރުން ވެސް ހިމެނޭކަމަށް އެ ކުންފުނިން ބުންޏެވެ.
މީގެއިތުރުން، ގާނޫނުތަކާއި ގަވާއިދުތަކާ ހިލާފު ވެފައިވާކަން ސާބިތުވާ ނުވަތަ ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރުމުގައި އިހުމާލުވާ މީހުންގެ މައްސަލަތައް ކަމާ ގުޅުން ހުރި ދައުލަތުގެ އިދާރާތަކަށް ހުށަހެޅުން ހިމެނޭއިރު، މިހާރުގެ މެނޭޖުމަންޓުން އެ ތަން ހިންގަނީ ގާނޫނުތަކާއި ގަވާއިދުތަކާއި ފެނަކައިގެ އުސޫލުތަކާ އެއްގޮތަށް ކަމުގެ ޔަގީންކަން ވެސް ވަނީ ދީފަ އެވެ.