ޣައްޒާގައި ސުލްހަ ގާއިމުކުރަން ޓްރަމްޕްގެ އާ އެއްބަސްވުން | މައިގަނޑު ނުކުތާތައް

ޖުމްލަ 20 ނުކުތާއެއްގެ މައްޗަށް އެކުލެވޭ މި އެއްބަސްވުމަށް ޣައްޒާގައި ވެރިކަންކުރާ ހަމާސް ޖަމާއަތުން އެއްބަސްނުވެއްޖެނަމަ، ހަމާސް ނެތިކޮށްލަން އިޒްރޭލުން ފަށާނެ މަސައްކަތް އެމެރިކާއިން ނުހުއްޓުވާނެކަމުގެ އިންޒާރު ޓްރަމްޕް ވަނީ ދެއްވާފަ

ޓްރަމްޕާއި ނަތަންޔާހޫ ގުޅިގެން ވައިޓް ހައުސްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުން. --ފޮޓޯ: އޭއެފްޕީ

ފަލަސްތީނުގެ ޣައްޒާގައި ސުލްހަ ގާއިމުކޮށް، އިޒްރޭލުން ހުއްޓުމެއްނެތި ދެމުންދާ ލާއިންސާނީ އުދުވާނު ނިމުމަކަށް ގެނައުމަށްޓަކައި، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިސްވެ ވަނީ އާ އެއްބަސްވުމެއް ހުށަހަޅުއްވައިފަ އެވެ.

އިޒްރޭލުގެ ހަރުކަށި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާ ގުޅިގެން އެކުލަވައިލި މި އެއްބަސްވުމަށް އަމަލުކުރަން ފެށުމާ އެކު، ޣައްޒާގެ ހަނގުރާމަ ވަގުތުން ހުއްޓޭނެކަމަށް ޓްރަމްޕް ވަނީ ވިދާޅުވެފަ އެވެ.

ޖުމްލަ 20 ނުކުތާއެއްގެ މައްޗަށް އެކުލެވޭ މި އެއްބަސްވުމަށް ޣައްޒާގައި ވެރިކަންކުރާ ހަމާސް ޖަމާއަތުން އެއްބަސްނުވެއްޖެނަމަ، ހަމާސް ނެތިކޮށްލަން އިޒްރޭލުން ފަށާނެ މަސައްކަތް އެމެރިކާއިން ނުހުއްޓުވާނެކަމުގެ އިންޒާރު ވެސް ޓްރަމްޕް ވަނީ ދެއްވައިފަ އެވެ.

ޓްރަމްޕްގެ އެއްބަސްވުމުގައި ހިމެނޭ މައިގަނޑު ނުކުތާތައް

  •  ޣައްޒާ ވެގެންދާނީ ހަރުކަށި ފިކުރުން އެއްކިބާވެފައިވާ، އަވަށްޓެރި ގައުމުތަކަށް ނުރައްކަލެއް ނެތް ޓެރަރިޒަމް ފްރީ ޒޯނަކަށް.
  •  ޣައްޒާ އަލުން ތަރައްގީ ކުރާނީ ބޮޑެތި ގެއްލުންތައް ލިބިފައިވާ ޣައްޒާގެ ރައްޔިތުންނަށް ފައިދާކުރަނިވި ގޮތަށް.
  •  މި ހުށަހެޅުމަށް ދެފަރާތުން އެއްބަސްވެއްޖެނަމަ ހަނގުރާމަ ވަގުތުން ނިމުމަކަށް އަންނާނެ. އަސީރުން ދޫކޮށްލުމަށް ތައްޔާރުވުމުގެ ގޮތުން އެއްބަސްވެފައިވާ ސަރަހައްދާ ހަމައަށް އިޒްރޭލު ސިފައިން ފަހަތަށް ޖެހޭނެ. މި މުއްދަތުގައި ވައިގެ މަގުންނާއި އެއްގަމުން ދޭ ހަމަލާތަކާއެކު ހުރިހާ އަސްކަރީ އޮޕަރޭޝަންތަކެއް ހުއްޓާލާއިރު، ސުލްހައިގެ މުޅި މަރުހަލާގެ ހުރިހާ ޝަރުތުތައް ފުރިހަމަވާންދެން އިޒްރޭލު ސިފައިން ފަހަތަށް ޖެހޭ ހިސާބުގައި ދެމިތިބޭނެ.
  •  މި އެއްބަސްވުން އިޒްރޭލުން އާންމުކޮށް ބަލައިގަންނަތާ 72 ގަޑިއިރުގެ ތެރޭގައި، ދިރިތިބި އަދި މަރުވެފައިވާ ހުރިހާ އަސީރުން ހަމާސްއިން އަނބުރާ އިޒްރޭލާ ހަވާލުކުރެވޭނެ.
  •  ހުރިހާ އަސީރުން ދޫކޮށްލުމުން، އުމުރު ދުވަހުގެ ހުކުމް އިއްވާފައިވާ 250 ގައިދީން އިޒްރޭލުން ދޫކޮށްލެވޭނެ. އަދި އޮކްޓޯބަރު 7، 2023 ގެ ފަހުން ބަންދުކުރި ޣައްޒާގެ 1،700 މީހުން އިޒްރޭލުން ދޫކޮށްލާނެ.
  •  ހުރިހާ އަސީރުން ހަވާލުކޮށް ނިމުމުން، ސުލްހަވެރިކަމާއެކު އުޅެން ވައުދުވެ، ހަތިޔާރު ބަހައްޓާ ހަމާސްގެ މެމްބަރުންނަށް މައާފު ދެވޭނެ. އަދި ޣައްޒާ ދޫކޮށް ދާން ބޭނުންވާ ހަމާސްގެ މެންބަރުންނަށް ރައްކާތެރިކަމާއެކު ޣައްޒާ ބަލައިގަންނަ ގައުމުތަކަށް ދަތުރުކުރެވޭނެ ގޮތް ހަމަޖައްސައިދެވޭނެ.
  •  މި އެއްބަސްވުން ބަލައިގަތުމާއެކު، ޣައްޒާއަށް ހުއްޓުމެއްނެތި އެހީ ވެއްދޭނެ މަގުތައް ހުޅުވާލެވޭނެ. މިގޮތުން، އުމްރާނީ (ފެން، ކަރަންޓް، ނަރުދަމާ) އާރާސްތުކުރުމާއި، ހޮސްޕިޓަލްތަކާއި ބެކެރީތައް ހިންގޭނެގޮތަށް، ސުންނާފަތިވެފައިވާ ސަރަހައްދުތައް ސާފުކުރުމަށް ބޭނުންވާ ސާމާނު އެތެރެކުރުން ހިމެނޭ ގޮތަށް، 19 ޖެނުއަރީ ގައި އިންސާނީ އެހީއާ ގުޅޭ އެއްބަސްވުމުގައި ހިމަނާފައިވާ މިންވަރަށް އެހީ ވެއްދޭނެ.
  •  ޣައްޒާއަށް އެހީ ވެއްދުމާއި ބެހުމުގެ މަސައްކަތް ކުރިއަށްދާނީ ދެ ފަރާތާވެސް އެއްވެސް ގޮތަކަށް ގުޅުން ނެތް ބައިނަލްއަގްވާމީ އެހެން އިދާރާތަކާއި އދ.ގެ ޖަމިއްޔާތަކުގެ ބެލުމުގެ ދަށުން. އަދި ރަފާހު ބޯޑަރު ދެފަރާތުންވެސް އަލުން ހުޅުވާލުމުގައި 19 ޖެނުއަރީ ގައި ވެފައިވާ އެއްބަސްވުމުގެ ދަށުން ތަންފީޒުކުރާ އެއް އުސޫލެއްގެ ދަށުން ކުރިއަށް ގެންދެވޭނެ.
  •  ޣައްޒާގެ ވެރިކަން ކުރާނީ ސިޔާސީ ނޫން ހުރިހާ ދާއިރާތަކެއްގެ ބައިވެރިވުން އޮންނަ ފަލަސްތީނުގެ ކޮމިޓީއެއްގެ އިންތިގާލީ ސަރުކާރެއްގެ ދަށުން. މި ކޮމިޓީގައި ފަލަސްތީނާއި ބައިނަލްއަޤްވާމީ ފަންނީ ތަޖުރިބާކާރުން ހިމެނޭއިރު، ބަލަހައްޓާނީ އާ ބައިނަލްއަޤްވާމީ އިންތިޤާލީ ޖަމާޢަތެއް ކަމަށްވާ “ބޯޑް އޮފް ޕީސް” ގެ އިސްނެގުމުގެ ދަށުން އަދި ރިޔާސަތު ބަލަހައްޓަވާ، އިނގިރޭސިވިލާތުގެ ކުރީގެ ބޮޑުވަޒީރު ޓޯނީ ބްލޭއާ ހިމެނޭ ގޮތަށް އިޢުލާންކުރާ އެހެން މެންބަރުންނާއި ޤައުމުތަކުގެ އިސްވެރިން. 2020 ވަނަ އަހަރު ޓްރަމްޕްގެ ސުލްހައިގެ ޕްލޭނާއި ސައުދީ-ފްރާންސްގެ ހުށަހެޅުންތައް ހިމެނޭ ގޮތަށް އެކި ހުށަހެޅުންތަކުގައި ބަޔާންކޮށްފައިވާ ގޮތަށް ފަލަސްތީނުގެ އޮތޯރިޓީން އިސްލާހީ ޕްރޮގްރާމް ފުރިހަމަވާންދެން ޣައްޒާ އަލުން ތަރައްގީކުރުމަށް އޮނިގަނޑު ކަނޑައަޅައި ފައިސާ ބެލެހެއްޓޭނެ.
  •  ޣައްޒާ އަލުން ބިނާކުރުމަށް ޓްރަމްޕްގެ އިގްތިސާދީ ތަރައްގީގެ ޕްލޭނެއް އުފައްދާނީ މެދުއިރުމަތީގައި ކުރިއަރަމުން އަންނަ ބައެއް ޒަމާނީ ސިޓީތައް އުފެދުމަށް އެހީތެރިވި ތަޖުރިބާކާރުންގެ ޕެނަލެއް އެކުލަވާލައިގެން.
  •  ޚާއްސަ އިގްތިސާދީ ޒޯނެއް ގާއިމް ކުރެވޭއިރު، އެ ޒޯނުގައި ބައިވެރިވާ ގައުމުތަކާއެކު ޓެރިފް އަދި ޓެކްސް ރޭޓުތައް ކަނޑައެޅުމުގައި މަޝްވަރާކުރެވޭނެ.
  •  އެއްވެސް މީހަކަށް ޣައްޒާ ދޫކޮށްދާން މަޖުބޫރު ނުވާނެ ކަމަށާއި، ދާން ބޭނުންވާ މީހުންނަށް އެނބުރި އައުމަށް މިނިވަންކަން ލިބޭނެ. ރައްޔިތުން ތިބުމަށް ހިތްވަރުދީ، ކުރިއަރާފައިވާ ޣައްޒާއެއް ބިނާކުރުމުގެ ފުރުސަތު ހުޅުވާލާނެ.
  •  ޣައްޒާގެ ވެރިކަން ހިންގުމުގައި ސީދާ ގޮތެއްގައި، ނުސީދާ ގޮތެއްގައި، އަދި އެއްވެސް ގޮތަކަށް އެއްވެސް ދައުރެއް އަދާނުކުރުމަށް ހަމާސް އާއި އެހެނިހެން ހަތިޔާރުއެޅި ޖަމާއަތްތަކުން އެއްބަސްވާނެ. ޓަނަލްތަކާއި ހަތިޔާރު އުފައްދާ ތަންތަން ހިމެނޭ ގޮތަށް ހުރިހާ އަސްކަރީ، ޓެރަރިޒަމް، އަދި ހަމަލާދިނުމަށް ބޭނުންކުރާ ވަސީލަތްތައް ރުޅާލައި، އަލުން ބިނާ ކުރުމުގެ ފުރުސަތު ނުދޭނެ.
  •  އިޒްރޭލުން ޣައްޒާގެ އެއްވެސް ސަރަހައްދެއް އިސްތިއުމާރެއް ނުކުރާނެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.