މި ކޮންފަރެންސްގައި ގާނޫނީ ތަޖުރިބާކާރުންނާއި، މަދަނީ ޖަމިއްޔާތަކުގެ ލީޑަރުންނާއި، ނޫސްވެރިންނާއި، ބައިނަލްއަގްވާމީ އޮބްރާވަރުން ބައިވެރިވާނެ ކަމަށް އެ އޮފީހުން ބުންޏެވެ.
ރާއްޖޭގެ ދައުލަތުގެ ހަޒާނާއިން ވައްކަން ކުރުމާއި، މަގާމުގެ ނުފޫޒާއި ބާރު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ މައްސަލައާއިމެދު މަޝްވަރާކޮށް، ފިޔަވަޅު އެޅުމަށް މަތީ ފެންވަރުގެ ކޮންފަރެންސަކަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ގޮވާލައްވައިފި އެވެ.
ނަޝީދުގެ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މިއީ އެކި ސަރުކާރުތަކުން ނިޒާމީ ގޮތެއްގައި ހިންގާފައިވާ ކޮރަޕްޝަންތަކާއި، މަގާމުގެ ނުފޫޒު ބޭނުންކުރުމުގެ މައްސަލަތައް ބަލައި ތަހުލީލު ކުރުމަށް ބާއްވާ ކޮންފަރެންސެއް ކަމަށެވެ.
މި ކޮންފަރެންސްގައި ގާނޫނީ ތަޖުރިބާކާރުންނާއި، މަދަނީ ޖަމިއްޔާތަކުގެ ލީޑަރުންނާއި، ނޫސްވެރިންނާއި، ބައިނަލްއަގްވާމީ އޮބްރާވަރުން ބައިވެރިވާނެ ކަމަށް އެ އޮފީހުން ބުންޏެވެ.
ނަޝީދު ވިދާޅުވި ކަމަށް އެ ބަޔާނުގައި ވަނީ "ކޮރަޕްޝަނަކީ ހަމައެކަނި ފައިސާތަކެއް ވަގަށް ނެގުމާ ގުޅޭ ކަމެއް ނޫން، އެ ވައްކަމުގައި ދިވެހި ރައްޔިތުންގެ ކިބައިން ފޭރިގަނެވެނީ ފުރުސަތު، އަބުރާއި އިއްޒަތް އަދި އިންސާފު،"
ނަޝީދު ވިދާޅުވި ކަމަށް ބަޔާނުގައި އިތުރަށް ވަނީ މި ކޮންފަރެންސަކީ ރާއްޖޭގެ މުއައްސަސާތަކުގެ ނަޒާހާތްތެރިކަމާއި އިތުބާރު އިޔާދަކުރުމަށާއި، ޕަބްލިކް އޮފިޝަލުންގެ ތެރެއިން އިތުބާރު ގެއްލިފައިވާ ފަރާތްތައް ޒިންމާދާރު ކުރުވުމަށް ހިންގާ ފުޅާ މަސައްކަތެއްގެ ތެރެއިން ބައެއް ކަމަށެވެ.
އިތުރަށް ބަޔާނުގައި ބުނީ؛
"މި މަސައްކަތުން ޖަވާބުދާރީވާ، ވެރިކަމުގެ ފަރާތުން ބާރާއި ނުފޫޒު ނުފޯރުވޭ އަދި ސަރުކާރުތައް ބަދަލުވުމުން އުވާނުލެވޭނެ އޮނިގަނޑުތަކާއި އިޖުރާއަތްތައް ގާއިމު ކުރުމުގެ މަގަށް އަލި ކުރާނެއެވެ." އެ ބަޔާނުގައިވެ އެވެ.
މި ކޮންފަރެންސް ބާއްވާތަނާއި ތާރީހާއި އެޖެންޑާ އަދި ރަޖިސްޓްރީ ކުރާނެ ގޮތުގެ ތަފްސީލް ފަހުން އަންގާނެ ކަމަށް އެ ބަޔާނުގައިވެ އެވެ.