މި މައްސަލާގައި ބައްސާމްގެ މައްޗަށް ކުރަނީ ހިޔާނާތުގެ ދައުވާ އާއި މަނީލޯންޑްރިންގެ ދައުވާ އެވެ. ދައުވާތަކަށް ބައްސާމް ވަނީ އިންކާރު ކޮށްފަ އެވެ.
ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ފައިސާއަށް ހިޔާނާތްތެރިވެފައިވާ ކަމުގެ ތުހުމަތުގައި ދައުވާ ކޮށްފައިވާ، އެ އެސޯސިއޭޝަންގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ ޝަރީއަތުގެ އަޑުއެހުންތައް މިއަދު ނިންމާލައިފި އެވެ.
ބައްސާމްގެ މައްޗަށް ހިޔާނާތުގެ ދައުވާ އުފުލާފައި ވަނީ 2018 ވަނަ އަހަރު އެފްއޭއެމްއަށް ޑޮލަރު ގަންނަން ކަމަށް ބުނެ އޭނާގެ އެކައުންޓަށް 9،999 ޑޮލަރު ޖަމާކުރުމަށްފަހު އެ ފައިސާއަށްވާ ދިވެހި ރުފިޔާ އެފްއޭއެމްއަށް ފޯރުކޮށްދީފައިނުވާ މައްސަލައިގަ އެވެ. ދައުވާގައި ބުނެފައި ވަނީަ އެ ފައިސާގެ ތެރެއިން 2،000 ޑޮލަރު ބޭނުންކޮށްގެން އޭނާ އެއިރު ދިރިއުޅެޅުމް ދިޔަ ރެހެންދި ފުލެޓުގެ ކުލި ދައްކާފައިވާ ކަމަށެވެ.
މި މައްސަލާގައި ބައްސާމްގެ މައްޗަށް ކުރަނީ ހިޔާނާތުގެ ދައުވާ އާއި މަނީލޯންޑްރިންގެ ދައުވާ އެވެ. ދައުވާތަކަށް ބައްސާމް ވަނީ އިންކާރު ކޮށްފަ އެވެ.
މި މައްސަލައިގެ ހުލާސާ ބަޔާން އިއްވަމުން ދައުލަތުން ބުނެފައި ވަނީ އެފްއޭއެމްގެ ފައިސާއިން ބައްސާމްގެ އަމިއްލަ ބޭނުންތަކަށް ބޭނުންކޮށްފައިވާކަން ހެކިތަކުން އެނގެން އޮންނަ ކަމަށެވެ. އެއީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއްކަން ބައްސާމްގެ ފަރާތުން ބުނި ނަމަވެސް، އެފަދަ މުއާމަލާތެއް ހިންގާފައިވާކަން އެނގެން ނެތް ކަމަށް ވެސް ދައުލަތުން ބުންޏެވެ.
ބައްސާމްގެ ވަކީލް ކޯޓުގައި ބުނެފައި ވަނީ އެ ފައިސާއަކީ ކުށްކޮށްގެން ހޯދާފައިވާ ފައިސާ ނޫން ކަމަށާއި، ޑޮލަރު މާރުކުރުމަށް ހިންގި މުއާމަލާތުގެ ލިޔެކިޔުންތައް ތައްޔާރު ކުރީ ބައްސާމް އަމިއްލައަށްކަން ވެސް ހެކިތަކުން އެނގެން ނެތް ކަމަށެވެ. އަދި، ފައިސާ ގެއްލިގެން އެފްއޭއެމް އިން އޭރުވެސް ޝަކުވާއެއް ކޮށްފައި ނުވާކަން ވެސް ވަނީ ފާހަގަކޮށްފަ އެވެ.
ދެ ފަރާތުން ފަހު ބަސް އިއްވުމާއެކު މި މައްސަލައިގެ އަޑުއެހުންތައް މިއަދު ވަނީ ނިމިފަ އެވެ. ދެން އޮންނާނީ މައްސަލައިގެ ހުކުމް އިއްވުމެވެ. ހުކުމް އިއްވާ އަޑުއެހުން އޮންނާނެ ދުވަހެއް ފަހުން އަންގަވާނެ ކަމަށް ގާޒީ ވަނީ ވިދާޅުވެފަ އެވެ.