ކެޕިޓަލް މާކެޓުން ބޭރުގެ އިންވެސްޓަރުންނަށް ދޮރެއް، މިއީ ބޮޑު ބަދަލެއްގެ ފެށުން

ކުންފުންޏެއްގެ އިކުއިޓީގައި ބޭރުގެ އިންވެސްޓަރުންނަށް ސެކިއުރިޓީޒްގައި އިންވެސްޓް ކުރެވޭނީ 10 ޕަސެންޓެވެ. ނަމަވެސް އެހެން ވަސީލަތްތަކުގައި 100 ޕަސެންޓާ ހަމައަށް އިންވެސްޓް ކުރަން ފުރުސަތު އޮވެ އެވެ.

ރާއްޖޭގައި ބޭރުގެ ކުންފުންޏަކުން ތަރައްގީ ކުރާ ރިސޯޓެއްގެ ކުރެހުމެއް : ސްޓޮކް މާކެޓު ފުޅާ ކުރަން ދަނީ މަަސައްކަތް ކުރަމުން

މިފަހުން އެންމެ ވަރުގަދަ ސުރުހީތައް ފެނިގެން ދިޔާއީ ޕްރައިވެޓް ޕްލޭސްމަންޓް އުސޫލުން އިންވެސްޓަރުންނާއި ކުންފުނިތަކުން ރާއްޖޭގެ ހިއްސާގެ ބާޒާރުން ފައިސާ ހޯދާ ވާހަކަ އެވެ. ރާއްޖޭގެ މަޝްރޫއު ކުންފުނިތައް ފަންޑް މެނޭޖުމަންޓް ކުންފުނިތައް މެދުވެރިކޮށް ސެކިއުރިޓީޒް ބާޒާރަށް ވަދެ އެ މީހުންގެ މަޝްރޫއުތަކަށް ފައިސާ ހޯދަމުން ގެންދެ އެވެ. މިއީ ރާއްޖޭގެ ސްޓޮކް މާކެޓު ފުޅާވަމުންދާކަމުގެ ހެއްކެވެ. 

އެހެންވެ، ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) އިން މިވަނީ މި ދާއިރާ އިތުރަށް ފުޅާ ކުރަން ރާއްޖޭގެ ސެކިއުރިޓީޒް ބާޒާރު، ނުވަތަ ކެޕިޓަލް މާކެޓު ބޮޑުކޮށް ފުޅާ ކުރަން ރާއްޖޭން ބޭރުގެ އިންވެސްޓަރުންނަށް އިންވެސްޓްކުރެވޭ ފަހި ފުރުސަތުތަކެއް ދީފި އެވެ. 

ސީއެމްޑީއޭއިން ނެރެފައިވާ "ބޭރުގެ އިންވެސްޓަރުން ސެކިއުރިޓީޒްގައި އިންވެސްޓްކުރުމާބެހޭ ގަވާއިދު" ގައިވާ ގޮތުން މި ގަވާއިދު ހިނގާނީ، ސީއެމްޑީއޭއިން ސެކިއުރިޓީޒްގައި އިންވެސްޓުކުރާ ބޭރުގެ އިންވެސްޓަރުންގެ މައްޗަށާއި މި ގަވާއިދުގެ ދަށުން ކެޕިޓަލް މާކެޓްގައި ހަރަކާތްތެރިވުމުގެ ހުއްދަ ދީފައިވާ ފަރާތްތަކުގެ މައްޗަށެވެ.

މި ގަވައިދުގެ ދަށުން ރާއްޖޭގެ ސެކިއުރިޓީޒް ބާޒާރުގައި އިންވެސްޓް ކުރުމަށް ބޭނުންވާ ބޭރުގެ އިންވެސްޓަރުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކުގެ ތެރޭގައި ބޭރުގެ އިންވެސްޓަރު ނިސްބަތްވާ ސެކިއުރިޓީޒް މާކެޓުގެ ރެގިއުލޭޓަރަކީ އިންޓަނޭޝަނަލް އޮގަނައިޒޭޝަން އޮފް ސެކިއުރިޓީޒް ކޮމިޝަން (އައިއެސްކޯ) ގެ މަލްޓިލޭޓަރަލް އެމްއޯޔޫއެއްގައި ސޮއިކޮށްފައިވާ ފަރާތްތަކަށް ވާން ޖެހެ އެވެ. 

މީގެ އިތުރު ޝަރުތުތައް - އެ ފަރާތަކީ އދ. ގެ ސެކިއުރިޓީ ކައުންސިލުން އާންމުކުރާ ސެންކްޝަންސް ލިސްޓުގައި އެކި ދުވަސްވަރުގެ މަތިން ހިމެނިފައިވާ ފަރާތްތަކަށް ނުވުމާއި އަދި މަނީ ލޯންޑްރިން ހުއްޓުވުމާއި ޓެރަރިޒަމަށް ފައިނޭސްކުރުން ހުއްޓުވުމުގެ ދާއިރާގައި މައްސަލަތަކެއް ހުރި އަދި އެކަމާ ގުޅިގެން ޓާސްކް ފޯސްއިން އިސްލާހީ ފިޔަވަޅުތަކެއް އަޅަމުންދާ ގައުމެއް
އަދި ލޯންޑްރިން އަދި ޓެރަރިޒަމަށް ފައިނޭންސްކުރުމުގެ މައްސަލަތައް ހުއްޓުވުމުގައި އެކަށީގެންވާ މިންވަރަށް ކުރިއެރުން ހޯދައިފައިނުވާ ނުވަތަ އެފަދަ މައްސަލަތައް ހައްލުކުރުމަށް ފައިނޭންޝަލް އެކްޝަން ޓާސްކް ފޯސްއާއެކު އެކުލަވައިލެވިފައިވާ އަމަލު ޕްލޭންއަށް އެއްބަސްވެފައިނުވާ ގައުމަކަށްވުން ހިމެނެ އެވެ. 

ސީއެމްޑީ އާއި އެމްއެސްޑީއިން ފައިނޭންސް ފޯރަމްގައި މައުލޫމާތު ދެނީ

ގަވައިދުގައި ސެކިއުރިޓީގެ އެކި ބައިތަކުގައި އިންވެސްޓް ކުރެވިދާނެ މިންވަރުތައް ވެސް ބަޔާންކޮށްފައިވެ އެވެ. މިގޮތުން ކުންފުންޏެއްގެ އިކުއިޓީގައި އިންވެސްޓް ކުރާ ހާލަތުގައި ހޯލްޑް ކުރެވޭނީ ހިއްސާގެ 10 ޕަސެންޓެވެ. ނަމަވެސް އިންވެސްޓް ކުރަނީ އިކުއިޓ ފިޔަވައި އެހެން ސެކިއުރިޓޒްއެއްގައިނަމަ އިންވެސްޓްކުރުމަށް ހުށަހަޅާ ނުވަތަ ދައުވަތުދޭ ފަރާތުގެ ޝަރުތުތަކުގައި ނުވަތަ އޮތޯރިޓން އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާ ނަމަ ބޭރުގެ އިންވެސްޓަރަކަށް 100 ޕަސެންޓާ ހަމައަށް އިންވެސްޓް ކުރެވިދާނެ އެވެ. 

ސީއެމްޑީއޭއިން ބުނީ މި ގަވާއިދުގެ ދަށުން ބޭރުގެ އިންވެސްޓަރުންނަށް އެއްވެސް ހިދުމަތެއް ފޯރުކޮށްދިނުމުގެ ކުރިން ބުރުގެ އިންވެސްޓަރުންގެ އެޖެންޓް (އެފްއައި އެޖެންޓް) އެ އޮތޯރިޓން ކަނޑައަޅައިފައިވާ ފޯމެޓުގައި އެފްއައި އެޖެންޓް މެދުވެރިކޮށް އޮތޯރިޓއަށް ބޭރުގެ އިންވެސްޓަރު ރަޖިސްޓްރީ ކުރަން ހުށަހަޅަން ޖެހެ އެވެ. 

އެފްއައި އެޖެންޓުގެ ޒިންމާ - އެފްއައި އެޖެންޓް ޕޯޓަލް މެދުވެރިކޮށް ރަޖިސްޓްރޭޝަން ހުށަހެޅުމުގެ ކުރިން މި ގަވާއިދުގައި ބަޔާންކޮށްފައިވާ ޝަރުތުތައް ބޭރުގެ އިންވެސްޓަރުންގެ ފުރިހަމަވާކަން ކަށަވަރު ކުރަން ޖެހެ އެވެ. މިގޮތުން ހުށަހެޅި ރަޖިސްޓްރޭޝަން ރިކުއެސްޓުތަކުގައި ހިމެނޭ މައުލޫމާތުތަކަކީ ސައްހަ އަދި ފުރިހަމަ މައުލޫމާތުކަން ޔަގީން ކުރުމަކީ އެފްއައި އެޖެންޓުގެ ޒިންމާ އެކެވެ. އަދި  ބޭރުގެ އިންވެސްޓަރުންގެ ސެކިއުރިޓީ މުއާމަލާތްތައް ހިންގުމަށް މަގުފަހިކުރުމުގެ މަގުސަދުގައި ހުއްދަ ލިބިފައިވާ ބޭންކެއްގައި އެފްއައި އެޖެންޓްގެ އެ ފަރާތުގެ އަމިއްލަ ނަމުގައި ވަކި ބޭންކް އެކައުންޓެއް ހުޅުވައި އެ އެކައުންޓް ބަލަހައްޓަން ޖެހެ އެވެ. އަދި މި އެކައުންޓް ބޭނުން ކުރަން ޖެހެނީ ހަމައެކަނި ބޭރުގެ އިންވެސްޓަރުންގެ ސެކިއުރިޓީޒްއާ ގުޅުންހުރި މާލީ މުއާމަލާތްތަކަށެވެ. 

ރާއްޖޭގެ ކެޕިޓަލް މާކެޓް

ރާއްޖޭގެ ކެޕިޓަލް މާކެޓް ރެގިއުލޭޓްކޮށް، ތަރައްގީކުރުމަށްޓަކައި ސީއެމްޑީއޭ އުފެއްދީ 2006 ވަނަ އަހަރު އެވެ. މިއީ މިނިވަން މުއައްސަސާއެކެވެ. ސީއެމްޑީއޭގެ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި ސެކިއުރިޓީޒް ބާޒާރަށް ގުޅުންހުރި ކުންފުނިތަކަށް ލައިސަންސް ދިނުމާއި، އިންވެސްޓަރުންގެ ހައްގުތައް ރައްކާތެރިކުރުން ހިމެނެއެވެ. އަދި މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖް (އެމްއެސްއީ) އަކީ ހިއްސާ، ބޮންޑު އަދި އެހެނިހެން ސެކިއުރިޓީޒް ގަނެވިއްކުމަށް ހާއްސަކުރެވިފައިވާ މަރުކަޒެވެ. މިއީ ދިވެހިރާއްޖޭގެ ސެކިއުރިޓީޒް ބާޒާރާ ގުޅުންހުރި މައުލޫމާތުތައް ރިޕޯޓްކުރުމާއި ސެކިއުރިޓީޒްގެ އަގުތައް ކަނޑާ ތަނެވެ. އަދި އެމްއެސްޑީ އަކީ މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުގެ ދަށުން 2008 ވަނަ އަހަރު އުފެއްދި ކުންފުންޏެކެވެ. މި ކުންފުނީގެ މައިގަނޑު މަސައްކަތަކީ ސެކިއުރިޓީޒްގެ މުއާމަލާތްތައް ސެޓްލްކޮށް ކްލިއަ ކުރުމެވެ. 

ސެކިއުރިޓީޒް ބާޒާރުގައި ސަރުކާރުގެ ބޮންޑު ލިސްޓް ކުރަން ފެށީ 2022 ވަނަ އަހަރު އެވެ. މިގޮތުން ފުރަތަމަ ފަހަރަށް ދިވެހިރާއްޖޭގެ ތާރީހުގައި ފުރަތަމަ ފަހަރަށް 50 މިލިއަން ރުފިޔާގެ ސަރުކާރު ބޮންޑެއް މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުގައި ލިސްޓްކުރެވުނެވެ. މީގެ ސަބަބުން އާންމު ފަރުދުންނަށް ސަރުކާރުގެ ސެކިއުރިޓީޒް ގަނެވިއްކުމުގެ ފުރުސަތު ލިބުނެވެ. މި ހުރިހާ މުއާމަލާތްތަކެއް ހިނގަނީ  "ވިޔަނަ" ޕޯޓަލް މެދުވެރިކޮށެވެ. މި ޕޯޓަލްއަކީ ސީއެމްޑީއޭ އާއި އެމްއެސްއީ ގުޅިގެން ވިޔަފާރިތަކަށް ފައިސާ ހޯދަން ތައާރަފު ކުރި ޕޯޓަލް އެވެ. މިއީ ޕްރައިވެޓް ޕްލޭސްމަންޓް އުސޫލުން އިންވެސްޓަރުންނާއި ކުންފުނިތައް ގުޅުވައިދޭ ޕްލެޓްފޯމެކެވެ. މި ޕްލެޓްފޯމް މެދުވެރިކޮށް މިހާތަނަށް 300 މިލިއަން ރުފިޔާގެ އިންވެސްޓްމަންޓް ކުންފުނިތަކުން ހޯދާފައިވެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.