ފްލެޓްތަކުގެ ތަޅުދަނޑި ދެނީ ޑިޕޮސިޓް ދެއްކުމުންނެވެ. މިހާތަނަށް 500 އަށް ވުރެ ގިނަ މީހުން ވަނީ ޑިޕޮސިޓް ދައްކާފަ އެވެ.
ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްގީކުރި 4000 ފްލެޓްގެ ތަޅުދަނޑިތައް ރަސްމީކޮށް ހަވާލުކުރަން ފަށައިފި އެވެ.
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ތަރައްގީކޮށްފައިވާ 4000 ހައުސިން ޔުނިޓު ލިބޭ ފަރާތްތަކަށް ފްލެޓް ހަވާލުކުރުން ރަސްމީކޮށް ފެށުމުގެ ގޮތުން އިއްޔެ ވަނީ ރަސްމިއްޔާތެއް ބާއްވާފަ އެވެ. މި ރަސްމިއްޔާތުގައި އެފްޑީސީގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް ވަނީ އަމާން އުދަރެސްގެ 14 ވަނަ ޓަވަރުން ފްލެޓް ލިބުނު އަންހެނަކާ ތަޅުދަނޑި ހަވާލުކޮށްފަ އެވެ.
އެފްޑީސީން މިހާތަނަށް ވަނީ 3000 އަށްވުރެ ގިނަ މީހުންނާއެކު ފްލެޓްގެ އެއްބަސްވުމުގައިވަނީ ސޮއިކޮށްފަ އެވެ. އަދި މި ފަރާތްތަކަށް ޑިޕޮސިޓް ޕޭމަންޓް ދެއްކުމަށް ވެސް ވަނީ ހުޅުވާލާފަ އެވެ. ފްލެޓްތަކުގެ ތަޅުދަނޑި ދެނީ ޑިޕޮސިޓް ދެއްކުމުންނެވެ. މިހާތަނަށް 500 އަށް ވުރެ ގިނަ މީހުން ވަނީ ޑިޕޮސިޓް ދައްކާފަ އެވެ.
ދެ ކޮޓަރީގެ އެޕާޓްމަންޓްތަކަށް 15000 ރުފިޔާގެ ޑިޕޮސިޓް އަދި ތިން ކޮޓަރީގެ އެޕާޓްމަންޓްތަކަށް ދައްކަން ޖެހެނީ 25000 ރުފިޔާގެ ޑިޕޮސިޓެކެވެ. މި ފްލެޓްތަކަށް ޑިޕޮސިޓް ފައިސާ އެއްފަހަރާ ދައްކަން ޖެހޭތީ ޑިޕޮސިޓް ފައިސާ ދެއްކުމަށް ވަނި މުއްދަތެއް ކަނޑައަޅާފައެއް ނުވެ އެވެ.
އޭގެ އިތުރުން، ގަވާއިދުން ކުލި ދައްކާނަމަ ދެ ކޮޓަރީގެ އެޕާޓްމަންޓްތަކުން މަހަކު 7000 ރުފިޔާ އަދި ތިން ކޮޓަރީގެ އެޕާޓްމަންޓްތަކުން މަހަކު 9000 ރުފިޔާ ކުޑަކޮށްދިނުމަށް ވެސް ސަރުކާރުން ވަނީ ނިންމާފަ އެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ހަދަން ފެށި 4000 ފްލެޓް ލިބޭ މީހުން އެ ސަރުކާރު ނިމުމުގެ ކުރިން އޮތީ ކަނޑައަޅައިފަ އެވެ. މި ސަރުކާރުން އެ ލިސްޓު ބާތިލުކޮށް، މިދިޔަ ފެބްރުއަރީ މަހު ވަނީ އާ ލިސްޓެއް ނެރެފަ އެވެ. އެ ލިސްޓުގައި ފުލެޓް ލިބުމަށް ޝަރުތުހަމަވާ ކަމަށް ކަނޑައަޅާފައި އޮތީ 1،820 މީހުންނެވެ. ނަމަވެސް އެ ނިންމުން ބަދަލުކޮށް، މިހާރު ނިންމާފައި ވަނީ ކުރީގެ ލިސްޓަށް ފުލެޓް ދިނުމަށެވެ.