ފެނަކަ ސައީދު 4 އަހަރަށް ޖަލަށްލާން ހުކުމް ކޮށްފި

ސައީދުގެ މައްޗަށް ސާބިތުވާ ކަމަށް ކަނޑައެޅި ކުށުގެ އަސާސީ އަދަބަކީ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް ނަމަވެސް ހުކުމް އިއްވަމުން ގާޒީ އަށް ލިބޭ އިހުތިޔާރުގެ ދަށުން އަދަބުގެ ދަރަޖަ ވަނީ މަތިކޮށްފަ އެވެ.

ފެނަކައިގެ ކުރީގެ އެމްޑީ އަހުމަދު ސައީދު -- ފޮޓޯ: އެޓޯލްޓައިމްސް

ފެނަކަ ކޯޕަރޭޝަނުގެ ކުރީގެ މެނޭޖިން ޑިރެކްޓާ އަހްމަދު ސައީދު މުހައްމަދުގެ މައްޗަށް އުފުލި ކޮރަޕްޝަންގެ ދައުވާއެއް ސާބިތުވެ، ހަތަރު އަހަރަށް ޖަލަށްލާން މިއަދު ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

ސައީދުގެ މައްޗަށް ދައުވާކުރީ ބްލޭޒަން އިންކް ކިޔާ ކުންފުންޏަކާއެކު ފެނަކައިން ހެދި އެއްބަސްވުމެއްގެ މައްސަލައިގަ އެވެ.

އެ މައްސަލައާ ގުޅޭ ގޮތުން ދައުލަތުން ބުނެފައި ވަނީ، އެ ކުންފުންޏާ ހަވާލުކުރި މަސައްކަތް އެކީ ނުނިންމަނީސް، އަދި މަސައްކަތް ފުރިހަމަކުރިކަން ކަށަވަރުނުކޮށް، އެ މަސައްކަތަށް ދޭންޖެހޭ ފައިސާ ފެނަކައިން ބްލޭޒަން އިންކަށް ދޫކޮށްފައިވާ ކަމަށެވެ.

މިގޮތަށް ފައިސާ ދޫކުރުމުގެ ސަބަބުން ފެނަކައަށް 848,000ރ (އަށް ލައްކަ ސާޅީސް އަށް ހާސް ރުފިޔާ)ގެ ގެއްލުމެއް ލިބިފައިވާކަމަށް ދައުވާގައި ވަނީ ބުނެފަ އެވެ.

ސައީދުގެ މައްޗަށް ސާބިތުވާ ކަމަށް ކަނޑައެޅި ކުށުގެ އަސާސީ އަދަބަކީ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް ނަމަވެސް ހުކުމް އިއްވަމުން އިސް ގާޒީ އާދަމް މުހައްމަދު ވަނީ ގާޒީ އަށް ލިބޭ އިހުތިޔާރުގެ ދަށުން އަދަބުގެ ދަރަޖަ މަތިކުރައްވާފަ އެވެ. އެހެންކަމުން ސައީދުގެ މައްޗަށް އިއްވާފައި ވަނީ ގާނޫނުގައި ބަޔާންކޮށްފައިވާ އެންމެ ހަރުކަށި އަދަބު ކަމަށްވާ ހަތަރު އަހަރުގެ ޖަލު ހުކުމެކެވެ.

ސައީދުގެ އަދަބު މަތި ކުރަން ޖެހޭ ސަބަބެއްގެ ގޮތުގައި އިސްގާޒީ ވިދާޅުވެފައި ވަނީ މި މައްސަލައިގައި އެއްބަސްވުން ނަހަދައި ގިނަ އަދަދެއްގެ ފައިސާ ފެނަކައިގެ އިސްވެރިން ދީފައިވުމެވެ. ކުންފުނިތަކުގެ އިސްވެރިން ރައްޔިތުންނަށްގެ ފައިސާއިން ބޮޑެތި ކޮރަޕްޝަން ހިންގައި، ކުންފުނިތެރޭގައި ވެސް ކޮރަޕްޝަންގެ ދޮރު ހުޅުވިގެން ދިއުމަކީ ކަންބޮޑުވާ ކަމެއް ކަމަށް ފާހަގަކުރެއްވި އެވެ.

އެހެންކަމުން އެފަދަ މީހުންގެ މައްޗަށް ގާނޫނުގައި ކަނޑައަޅާފައި އޮންނަ އެންމެ ހަރުކަށި އަދަބު ދޭން ޖެހޭނެކަން ގަބޫލުކުރައްވާ ކަމަށް އިސް ގާޒީ ވަނީ ވިދާޅުވެފަ އެވެ. އަދި ރާއްޖޭގައި ކޮރަޕްޝަން އިންތިހާޔަށް އާންމުވެފައިވާއިރު، އެފަދަ މައްސަލަތަކުގައި އަދަބު ލިވެނީ ވަރަށް މަދުންކަން ވެސް ގާޒީ ފާހަގަކުރެއްވި އެވެ.

މީގެ އިތުރުން ވެސް ސައީދުގެ މައްޗަށް ވަނީ އިތުރު ހިޔާނާތުގެ ދައުވާއެއް ކޮށްފަ އެވެ. އެއީ ލ. މާމެންދޫގައި ކައިޒާން އިންވެސްޓްމަންޓުން ގާއިމުކޮށްފައިވާ އައިސްޕްލާންޓް ފެނަކައަށް ގަތުމުގައި ކޮރަޕްޝަން ހިންގާފައިވާ ކަމަށް ތުހުމަތުކޮށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.