އިނާޔަތު ހައްޔަރު ކުރުން | ރައްޓެހިންނާއި އޮފީސް ހައިރާންކަމުގައި

އޮފީސް ރަހުމަތްތެރިންގެ ވާހަކައިން އެނގޭ ގޮތުގައި އިނާޔަތުގެ ކިބައިން ދުވަހަކު ވެސް މިފަދަ ސިފައެއް ނުފެނެ އެވެ. އޮފީސް މަސައްކަތުގައި ފަރުވާ ކުޑައެއް ނުކުރެ އެވެ.

މަސްތުވާ ތަކެތީގެ "އައްޑާއެއް" ބުރާސްފަތި ދުވަހުގެ ރޭ ފުލުހުން "ފަޅާލައި" ހައްޔަރު ކުރި ބައެއްގެ ވަނަވަރު އާއްމު ކުރި އެވެ. ފުލުހުން މީޑިއާ ތަކަށް ދިން މައުލޫމާތުތަކާއެކު އެތައް ބަޔަކު ހައިރާންވި އެވެ. ސަބަބަކީ މަސްތު ވެގެން ތިއްބައި އަދި އެފަދަ ތަކެތި ހުރި ތަނަކުން ފުލުހުން ނެގި މީހުންގެ ތެރޭގައި ހީވެސް ނުކުރާ މީހަކު ހުރުމެވެ. ދައުލަތުގެ މީޑިިއާ ޕީއެސްއެމްގައި މަަސައްކަތް ކުރާތާ 15 އަހަރަށްވުރެ ގިނަ ދުވަސްވީ އިނާޔަތު އަލީ 34، ފުލުހުން ހައްޔަރު ކުރީ މަސްތުވާތަކެތި ބޭނުންކޮށް، އެތަކެތީގެ ވިޔަފާރި ކުރާ ކަމުގެ ތުހުމަތުގަ އެވެ. މި ވާހަކައާއެކު އެންމެ ބޮޑު ހައިރާންކަމެއްގައި ތިބީ އޭނާއާއެކު މަސައްކަތް ކުރާ ރަހުމަތްތެރިންނެވެ. 

އިނާޔަތުއަކީ ކޮން ކަހަލަ ކޮން މިޒާޖެއްގެ ޒުވާނެއް ތޯ އަހައިފިނަމަ ދައުލަތުގެ މީޑިއާގެ ކޮންމެ މުވައްޒަފަކު ވެސް ދެނީ އެއް ޖަވާބެކެވެ. އެއީ "ވަރަށް ނައިސް" ކުއްޖެ" އެވެ. 

އޭނާއާއެކު އުޅޭ މަސައްކަތް ކުރާ ގިނަ މުވައްޒަފުންގެ ބަހުން އެނގޭ ގޮތުގައި އިިނާޔަތު ފުލުހުން ހައްޔަރު ކުރި ޒާތުގެ އެއްވެސް ކަމެއްގެ ކުރާކަމުގެ ހިނލަމެއް ވެސް މިހާތަނަށް އޭނާގެ ކިބައަކުން ނުފެނެ އެވެ. އިނާޔަތަކީ ބަރާބަރަށް އޮފީހަށް ދާ ޒުވާނެކެވެ. ޝޯއެއް ރެކޯޑް ކުރަން އޮންނަ ވަގުތަށް ދުވަހަކު ވެސް ގަޑިއެއް ނުޖެހެ އެވެ. 

އޭނާ މަސައްކަތް ކުރަނީ ދިވެހިރާއްޖޭގެ އަޑުގަ އެވެ. އެތަނުގައި މަސައްކަތް ކުރަމުން ޓީވީއަށް އަަރައި ޕްރެޒެންޓް ކުރަން ފެށުން މިއީ އިނާޔަތު އެންމެން ދަންނަ މޫނަކަށްވުމުގެ ސަބަބެވެ. އޭނާގެ މި ހުނަރުގެ ސަބަބުން ޕީއެސްއެމްގެ އެންމެ ޕްރައިމް ޓައިމްތަކުގެ ޕްރެޒެންޓަރެއްގެ ގޮތުގައި އޭނާ ހަމަޖެހިފައިވެ އެވެ. އަދި ރާއްޖޭގެ އެންމެ ދުވަސްވީ ޝޯ، ހޭޔަންބޯ ހުށަހަޅަން ސިލެކްޓްވި ދެ ޕްރެޒެންޓަރުންގެ ތެރޭގައި ވެސް އިނާޔަތު ހިމެނެ އެވެ. 

ރައްޔަރު ކުރުމަށްފަހު ފުލުހުން އާއްމު ކުރި ފޮޓޯގައި އިނާޔަތު

"ޕްރެޒެންޓަރެއްގައި ހުންނަ ހުރިހާ ސިފަތަކެއް ހަމަ ކުއްޖެއް މިއީ. ވަރަށް މޮޅު ކުއްޖެއް އެއީ،" އިނާޔަތުގެ އޮފީސް މާހައުލު އެންމެ ގިނަ ދުވަހު ތަޖުރިބާކުރި ހުރިހާ މުވައްޒަފުންގެ ބަހަކީ މި އެވެ.

މިހާ ރަނގަޅު އަދި މޮޅު ކުއްޖެއް ކަމަށް އިނާޔަތުވީ ނަމަވެސް ބައެއް ފަހަރު "އޯވަ" ވެގެން އުޅޭކަން އޭނާގެ ބައެއް އޮފީސް މޭޓުންގެ ވާހަކަ އިން އެނގެ އެވެ. "އޯވަ ވެގެނޭ މި ބުނީ މަޖާ ވެގެން."

"ބައެއް މީހުން ބުނޭ ސިނގިރޭޓް ވެސް ބޮއޭ. ކެފޭތަކުގައި ސިނގިރޭޓް ބޮނިކޮށް ވެސް ފެނެއޭ. އެކަމަކު އޮފީހުގައި އެކަހަލަކަމެއް ނުދެކެން. އަނެއްހެން ސިނގިރޭޓް ބުއިން އެއީ މައްސަލައެއް ނޫން. މިހާރުގެ ކުދިންނަށް އާއްމު ކަމެއް،" ނަން ނުޖެހުމަށް އެދި ވާހަކަ ދެއްކި އޭނާއާ ދިމާވާ މީހަކު ކިޔައިދިނެވެ. 

މި މައްސަލައިގައި ޕްރެޒެންޓަރު އިނާޔަތާއެކު ދެން ހައްޔަރު ކުރި މީހުން --

މި މައްސަލައިގައި އިނާޔަތާއެކު ދެން ހައްޔަރު ކޮށްފައި ވަނީ މއ. މަޒާގެ، މުހައްމަދު އައިޝް އަހުމަދު 34، އަދި އެގޭ އާމިނަތު އިއްލިއްޔީން އަހުމަދު 25، އެވެ. މި އެންމެންވެސް މަސްތުވާ ތަކެއްޗަށް ޕޮޒިޓިވްވެފައިވެ އެވެ. ފުލުހުން ބުނީ އެ ތިން މީހުން ހައްޔަރު ކޮށްފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ހިންގި އޮޕަރޭޝަނެއްގައި، ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ.

މި އޮޕަރޭޝަނުގައި އެ މީހުންނާ ގުޅުންހުރި ކަމަށް ބެލެވޭ މާލޭގެ ދެ ގެއެއް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ބިޑިއަކާއި ރަބަރު ޕެކެޓުތަކެއް ފެނިފައިވެ އެވެ. މި ތަކެތީގެ ވަގުތީ ބަރުދަނަކީ 1246 ގުރާމެވެ. މި މައްސަލައާ ގުޅިގެން މި ތިން މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އައިޝް 10 ދުވަހަށް އަދި އިއްލިއްޔީން އާއި އިނާޔަތު ހަތް ދުވަހަށް ބަންދުގައި ބެހެއްޓުމަށް ވަނީ އަމުރުކޮށްފަ އެވެ.

މި މައްސަލައިން ފެންނަނީ ރާއްޖޭގައި މަސްތުވާތަކެތީގެ ހާލަތު އޮތް ހިސާބެވެ. މިހާރު މި ތަކެއްޗަކީ ބޮއެގެން އަބަދު ބިއްޖެހޭ އެއްޗެއް ނޫނެވެ. މީގެ ނުރައްކާތެރިކަން ކުރިއަށްވުރެ ބޮޑެވެ. ބިރުވެރި އެވެ. ބޭނުންކުރަނީ ކާކުކަމެއް ނުކުރަނީ ކާކުކަމެއް މިހާރު ނޭނގޭ ހިސާބަށް މި ހައިރާންކަން މިވަނީ ގޮސްފަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.